ކޮވިޑް-19 އާ ގުޅިގެން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓް އަދި ފަސޭހަ ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް އިތުރު ޑޭޓާ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
އުރީދޫން ބުނީ، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ހުރިހާ އެންމެންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ. މި ދަނޑިވަޅުގައި އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓް އަދި ފަސޭހަ ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް އިތުރު ޑޭޓާ ލިބޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޖޫން މަހުގެ ނިޔަލަށް ލިބޭ ހާއްސަ އޮފަތައް:
- ޖޫން 15 ގެ ކުރިން އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކަށް 50 ޕަސެންޓް އިތުރު ޑޭޓާ ހިލޭ ލިބޭނެ
- ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓް ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބޭނެ
- ސުޕަނެޓް ފިކްސްޑް ބޮރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ. ނަންގަވާފައިވާ ސުޕަނެޓް ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، އެދުވަހަކަށް ލިބޭ މި 5ޖީބީ ޑޭޓާ، އެޕް މެދުވެރިކޮށް ހިލޭ އެކްޓިވޭޓް ކުރެވޭނެ
- ފަސޭހަ މިނީ އަލަށް ނަގާ ކަސްޓަމަރުންނަށް 50 ޕަސެންޓް ބޯނަސް ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބޭނެ
- އެމް-ފައިސާ މެދުވެރިކޮށް ސުޕަނެޓް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ބިލް ދެއްކެވުމުން ބިލްގެ 5 ޕަސެންޓް އަނބުރާ އެމް-ފައިސާ ވޮލެޓަށް ލިބޭނެ
ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައްވެސް މުޅިންހެން ވަނީ އިންޓަނެޓް މެދުވެރިކޮށް ކުރަންޖެހިފަވާ މި ދަނޑިވަޅުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުޔެއް ހޯދާދިނުމުގެ ގޮތުން، އިތުރު ޑޭޓާ އާއި ހާއްސަ ޕޭމަންޓް ޕްލޭންތަކެއް މިދިޔަ މާޗް މަހު އުރީދޫން ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން މާޗް މަހު އިއުލާން ކުރެވުނު ބައެއް އޮފާތަކުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.
އުރީދޫ މޯލްޑިވްސްއިން މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑެމިކް ކުރިއަށް ދާ ހިނދު އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މައުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކި، މިކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ބުނެއެވެ.