އާބާދީއާއި، އާރާއި ބާރާއި ނުފޫޒާއި އިގުތިސޯދީ ނަޒަރިއްޔާއިން ބެލިކަމުގައި ވީ ނަމަވެސް ދުނިޔޭގެ ނިސްބަތުން އެންމެ ކުރީގައި އުޅޭ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާ ޗައިނާއާއި އިންޑިއާއަކީ މަދު ކަމެއްގައި ނޫނީ އެއް ގަލަކަށް އަރާ ބައެއް ނޫނެވެ. މިފަހަރު ޗައިނާއާއި އިންޑިއާ ހަނގުރާމައަކާ ކުރިމަތިލުމާ، ކޯޅުމަކަށް އަރާފައި މިވަނީ ދުނިޔޭގެ ބިމުގެ ސަތަހައިން ބަލާ ކަމުގައި ވަނީ ނަމަ އެންމެ އުސް ސަރަހައްދުތަކުގެ ގޮތުގައި ސިފަކުރަމުން އަންނަ ހިމާލަޔާސް ފަރުބަދަބަރީގެ މައްޗަށެވެ. އާދައިގެ ހަނގުރާމައަކަށް ނޫނެވެ. ބޯޑަރު ނުވަތަ ސަރަހައްދީ އިމުގެ ކުރިމަތިލުމަކަށެވެ.

އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާ އަސްކަރިއްޔާގެ އެތައް ހާސް ސިފައިންނެއް މިހާރު ވަނީ، ކޯޅުން ބޮޑު ކަޝްމީރު ސަރަހައްދުގައި އޮންނަ ލަދަކްއޭ ކިއުނު ސަރަހައްދުގެ ގަލްވާން ވާދީއަށް ބާރާއެކު ވަދެގެންފައެވެ. މިއާއެކު އިންޑިއާގެ ލީޑަރުންނާ އަސްކަރީ އިސްތިރާޖު މާހިރުންވެސް ތިބީ ސިހުމެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނަމަ ޗައިނާގެ އަސްކަރިއްޔާއިން ކޭމްޕު ކުރަން ފެށީ މެއި މަހުގެ ކުރީ ކޮޅުއެވެ. ބޮޑެތި ބިންގަރާސްތައް ކޮނެ، އެތައް ކިލޯމީޓަރަކަށް ބަރު ހަތިޔާރުތައްވެސް ދަމައިފިއެވެ. އިންޑިއާއިން ވަކާލާތު ކުރާ ގޮތުގައި އެއީ އިންޑިއާގެ ބިމެކެވެ. ޗައިނާއިން މިފަދަ ފިޔަވަޅެއް އެޅީ، ދެގައުމު ހިއްސާކުރާ ދިގު ބޯޑަރު ސަރަހައްދުގައި އިންޑިއާއިން އެތައް ސަތޭކަ ކިލޯމީޓަރަކަށް ދެމިގެންދާ މަގެއް ތަރައްގީ ކުރި ހިސާބުންނެވެ. މި މަގަކީ ބިމުގެ ސަތަހައިން ފެށިގެން އުސް ހިސާބެއްގައިވާ އަސްކަރީ ބޭހަކާ ގުޅާލަދޭ މަގެކެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އިންޑިއާއިން ތަރައްގީ ކުރި މަގު/ފޮޓޯ: ޕްރެސް އިންފޮމޭޝަން ބިއުރޯ

ޗައިނާގެ މެސެޖު ވަރަށްވެސް ސާފެވެ. މިއީ އާދައިގެ ގޮތަކަށް ބޯޑަރު ހުރަސްކޮށްލި ކޮށްލުމެއް ނޫނެވެ.

އިންޑިއާގެ އަސްކަރިއްޔާގައި ކާނަލްއެއްގެ ރޭންކުގައި ހިދުމަތް ކުރައްވާފައިވާ އަސްކަރީ ތަޖުރިބާކާރު އަޖާއީ ޝުކްލާ ވިދާޅުވީ، މަސްރަހު ވަރަށް ސީރިއަސް ކަމަށެވެ. ޗައިނާއިން މިހާރު އަރާ އެތިބީ އެއީ އިންޑިއާގެ ސަރަހައްދެއް ކަމަށް ޚުދު ޗައިނާއިންވެސް ބަލައިގެންފައިވާ ސަރަހައްދަކަށް ކަމަށް ޝުކްލާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ޗައިނާގެ ފިކުރު ތަފާތެވެ. ޗައިނާއިން ބުނާ ގޮތުގައި އިންޑިއާއިން ހަގީގަތަށް ބަދަލުތަކެއް ގެނައީއެވެ.

އިންޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި ޗައިނާއާއި އިންޑިއާގެ އަސްކަރިއްޔައިން ލަދަކްގައި ދެ ފަހަރެއްގެ މަތިން ވަނީ ސީދާ ގޮތުން ކުރިމަތިލާފައެވެ. އަދި 3 ސަރަހައްދެއްގައި ކުރިމަތިލުންތައް ދިޔަ ކަމަށާ އެއީ ގަލްވާން ވާދީ، ހޮޓް ސްޕްރިންގްސް އަދި ޕަންގޮގް ލޭކް ސަރަހައްދު ކަމަށްވެސް މައުލުމާތު ލިބެއެވެ.

ޗައިނާއާއި އިންޑިއާއަކީ ގާތްގަނޑަކަށް 3440 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ދެމިގެންދާ ބޯޑަރެއް ހިއްސާކުރާ 2 ބާރެވެ. ސަރަހައްދީ މިލްކިއްޔާތާ މެދު ހިޔާލު ތަފާތުވުންތަކާ ފުށޫއެރުންތައްވެސް އޮތް 2 ގައުމުކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ފާއިތުވީ 40 އަހަރަށް ބަލާލިކަމުގައި ވީ ނަމަވެސް ބޯޑަރު ޕެޓްރޯލް ކުރުމުގެ ތެރޭގައި ކުރިމަތިލުންތަކެއް ހިންގާފައި އެބަހުއްޓެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އިންޑިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަނީ/ފޮޓޯ: އެންވައިޓީ

ދުނިޔޭގައި އޮތް އެންމެ ބިޔަ 2 އަސްކަރީ ބާރު އޮތީވެސް މި 2 ގައުމުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށްވާއިރު، އަސްކަރީ ބާރުތަކުން ވަނީ ކުރިމަތިލުންތަކަށްވެސް ގޮސްފައެވެ. ދެ ގައުމުގެ އިން ވަކި ކުރަނީ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ކިއުނު ބޯޑަރުންނެވެ. ނަމަވެސް މިއީ ގަނޑުފެނުގެ ސަރަހައްދުތަކާ، ކޯރާ، ފެން އާރުތައްވެސް ދެމެމުންދާ ސަރަހައްދެއް ކަމުން، ބޯޑަރު ވަކި ކުރާ އިމަށްވެސް ބަދަލު އާދެއެވެ. ކުރިމަތިލުކަމާ ހިސާބަށް ދަނީވެސް މިކަމުގެ ސަބަބުންނެވެ.

ޗައިނާއާއި އިންޑިއާގެ މިހާރުގެ ކުރިމަތިލުމަކީ ހަމައެކަނި ލަދަކް ސަރަހައްދަށް ލިމިޓްވެފައި އޮތް ކުރިމަތިލުމެއް ނޫނެވެ. 2 ގައުމުގެ އަސްކަރިއްޔާއިން ކަޅިޖަހާ ނުލާ ބަލަމުންދަނީ އިރުއުތުރ އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮތް ނަކޫ ލާއޭ ކިއުނު ސަރަހައްދަށްވެސްމެއެވެ. މި މަހުގެ ކުރީކޮޅުވެސް މި ސަރަހައްދުގައި ހިސާބެއްގެ ހަމަނުޖެހުންތަކެއް ހިންގި ކަމަށްވެއެވެ.

ހަމަނުޖެހުން އުފެދިގެން އުޅެނީ ކީއްވެ؟

މިކަމުގައި ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. ނަމަވެސް ހަގީގީ މައްސަލައަކީ އިސްތިރާޖީ އަމާޒުތަކުގެ މައްސަލައެކެވެ. ދެ ފަރާތުންވެސް ދަނީ އަނެއް ފަރާތަށް ތުހުމަތުގެ އިނގިލި އަމާޒު ކުރަމުންނެވެ.

ޗައިނާއިން ރުޅި އައިސްގެން އުޅެނީ އިންޑިއާއިން ގެނައި އުމްރާނީ އާބާތުރަ ފިލުމުގެ ބަދަލުގެ ސަބަބުންނެވެ. އިންޑިއާއިން ތަރައްގީ ކުރި މަގު އޮތީ އެލްއޭސީއާ މާ ކައިރިން ކަމުގެ ޝަކުވާ އެބައޮތެވެ.

ސަރަހައްދީ 2 ބާރުގެ ގޮތުގައި އޮތް އިންޑިއާ (ވ) އަދި ޗައިނާގެ އަސްކަރީ އޮފިސަރުންތަކެއް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: ޓީއޯއައި

ޗައިނާގެ ދައުލަތުގެ މީޑިއާއިން ހިންގާ ގްލޯބަލް ޓައިމްސް ބުނާ ގޮތުގައި ގަލްވާން ވާދީގެ ސަރަހައްދަކީ ޗައިނާގެ މިލްކެކެވެ.

ޗެންގްޑު އިންސްޓިޓިއުޓް އޮފް ވޯލްޑް އެފެއާޒް (ސީވާ)ގެ ރައީސް ޑރ ލޯންގް ޝިންގްޗުން ވިދާޅުވީ، ގަލްވާން ވާދީއަށް ވަދެގެންފައިވަނީ އިންޑިއާއިން ކަމަށް ޗައިނާގެ އަސްކަރިއްޔާއިން ގަބޫލުކުރާ ކަމަށެވެ. އެއްބަސްވުމާ ހިލާފު ވަނީ އިންޑިއާއިން ކަމަށާ، ޗައިނާ ރުޅިގަދަވަނީ އެ ސަބަބާ ހެދި ކަމަށް ޑރ ލޯންގް ވިދާޅުވިއެވެ.

ކަންމިހެން އޮތްއިރު އިންޑިއާއާއި ޗައިނާއިން އަސްކަރީ ކުރިމަތިލުމަކަށް ހިނގައްޖެނަމަ، އިންޑިއާއިން ތަރައްގީ ކުރި މަގު ވެގެންދާނީ އަސްކަރީ ފައުޖާ ހަތިޔާރު އުފުލުމަށް އިންޑިއާއަށް އޮތް ބޮޑު އެޑްވާންޓޭޖަކަށްކަން ފާހަގަކުރަންޖެހެއެވެ.

ފާއިތުވީ އަހަރެއްހާ ދުވަހަށް ބަލާއިރު ސިޔާސަތުތައް އެކުލަވާލުމުގެ ފެންވަރުގައިވެސް ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ޖައްމުއާއި ކަޝްމީރު ސަރަހައްދަށް ލިބިދީފައި އޮތް ބާރުތައް ހަނިކުރުމަށް އިންޑިއާގެ މައި ސަރުކާރުން ނިންމި ނިންމުމާއެކު އިންޑިއާއިން މި ސަރަހައްދުގެ ޗާޓުވެސް އަލުން ކުރެހިއެވެ. އެގޮތުން މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ލަދަކް ސަރަހައްދުގައި، އަކްސާއީ ޗިންއޭ ކިއުނު ހިސާބުވެސް ހިމެނިއެވެ. މިއީ އެ ސަރަހައްދުގެ މިލްކުވެރިކަމަށް އިންޑިއާއިން ދައުވާ ކުރާ ސަރަހައްދެއް ނަމަވެސް، މި ސަރަހައްދުގެ ކޮންޓްރޯލް މިވަގުތު އޮތީ ޗައިނާ އަތުގައެވެ.

އިންޑިއާ އަދި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ސަރަހައްދު/ފޮޓޯ: އީޕީއޭ

އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓް ބާރްތިޔާ ޕާޓީގެ ސަރުކާރުން ދަނީ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުވެސް އަތުލުމަށް މަސައްކަތް ކުރަމުން ކަމީ އޮޅިފައި އޮތް ހަގީގަތެއް ނޫނެވެ. އިސްތިރާޖީ ގޮތުން މުހިންމު މަގެއް ކަމަށްވާ ކަރަކޯރަމް ހައިވޭ ހުރަސްކުރަނީ މި ސަރަހައްދުންނެވެ. މިއީ ޕާކިސްތާނާ، ޕާކިސްތާނުގެ ޒަމާންވީ އެކުވެރިޔާ – ޗައިނާ، ގުޅުވާދޭ ރާސްތާއެވެ. މުޅި ދުނިޔޭގެ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ފެށި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މަޝްރޫއުގެ ބައެއްގެ ގޮތުގައި، ޗައިނާ-ޕާކިސްތާނު އިކޮނޮމިކް ކޮރިޑޯ (ސީޕެކް)ގެ ތެރެއިން، ޗައިނާއިން ވަނީ މި ސަރަހައްދުގައި ގާތްގަނޑަކަށް 60 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. މި ސަރަހައްދަކީ ޕާކިސްތާނުގެ ވިޔަފާރިއަށް ތަނަސްކަން ގެނެސްދޭ ކަމަކަށްވާއިރު، މިއީ އަރަބިކަނޑުގައި ފައިތިލަ ސާބިތު ކުރުމަށް ޗައިނާއަށް އޮތް އެޑްވާންޓޭޖްއެކެވެ.

މިއީ ކިހާ ނުރައްކާތެރި ކުރިމަތިލުމެއް؟

ޗައިނާއާއި އިންޑިއާގެ އަސްކަރިއްޔާއިންވެސް އެލް.އޭ.ސީ ހުރަސްކޮށްފައި އެބަހުއްޓެވެ. މިފަދަ މައްސަލަތައް މީގެ ކުރިން ހައްލުކޮށްފައިވަނީ ސަރަހައްދީ ލެވަލްއެއްގައި އަސްކަރީ ގޮފިތަކުގެ މެދުގައެވެ. ނަމަވެސް މިފަހަރުގެ ކުރިމަތިލުމަކީ މިހާތަނަށް ފެނުނު އެންމެ ވަރުގަދަ ކުރިމަތިލުން ކަމަށް ލަދަކްއާއި އިންޑިއާ-ޗައިނާ ގުޅުމާ ބެހޭ ތަޖުރިބާކާރު އަދި އިންޑިއާގެ ކުރީގެ ޑިޕްލޮމެޓްއެއް ކަމަށްވާ ޕީ ސްޓޮބްޑަން ވިދާޅުވެއެވެ.

ޕާކިސްތާނުގެ ރައްޔިތުން ތިބީ ކަޝްމީރުގެ ރަށްވެހިންނާ އެކުގައިކަން އަންގައިދިނުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައި ކުރިއަށް ގެންދިޔަ އެއްވުމެއް/ފޮޓޯ: އައްސަދު ހާޝިމް

ބައެއް ފަރާތްތަކުން ބުރަވާ ގޮތުގައި މިއީ އިންޑިއާއަށް ކުރިމަތިލާންޖެހިފައި އޮތް ޖާސޫސީ ފެއިލްވުމެކެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ތަމްރީނަކަށް ފަހު ސިފައިންނާ ބަރުހަތިޔާރު މި ސަރަހައްދަށް ގެންދިޔައިރު އިންޑިއާ އަސްކަރިއްޔާއިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ނިސްބަތުން މަދު އަދަދެއްގެ މެމްބަރުންނެވެ. މިއާއެކު އިންޑިއާ އެލާޓަށް އައެވެ. ނަމަވެސް އިތުރު ފިޔަވަޅެއް އެޅެނޭ ވަގުތެއް ނުލިބުނެވެ. ކުރެވެން އޮތްހާވެސް ކަމަކީ ޗައިނާގެ އަސްކަރިއްޔާ ބޭލުމަށް ބެއިޖީންގް ސަރުކާރަށް މަޝްވަރާގެ ތެރެއިން ވިސްނައިދިނުމެވެ. ނުވަތަ އަސްކަރީ ބާރާއެކު ކުރިމަތިލުމަކަށް ދިއުމެވެ. މިއިން އެއްވެސް ގޮތަކީ ފަސޭހަ ގޮތެއް ނޫނެވެ.

ދެން އޮތީ ކޮން ގޮތެއް؟

މާޒީއަށް ބަލާއިރު އިންޑިއާއަށް އޮތީ އުނދަގޫ ފިލާވަޅުތަކެކެވެ. ޗައިނާއާއި އިންޑިއާއިއިން 1962 ވަނަ އަހަރު ކުރި ބޯޑަރު ހަނގުރާމާގައި އިންޑިއާ އޮތީ ލަދުގަންނަން ޖެހިފައެވެ. އިންޑިއާއިން ވަކާލާތު ކުރާ ގޮތުގައި ޗައިނާއިން އިންޑިއާގެ 38000 ކިލޯމީޓަރު ފޭރިގެންފައެވެ. މިބައި އަތުލުމަށް އިންޑިއާއިން 30 އަހަރު ވަންދެން ކުރި މަސައްކަތް ހައްލުނުވެ، އޮތީ ފެއިލްވެފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް (ކ) އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ މަޝްވަރާއެއްގަ/ފޮޓޯ: އެންވައިޓީ

2017 ވަނަ އަހަރު ބޫޓާންއާއި އިންޑިއާ އަދި ޗައިނާ ހިއްސާކުރާ ސަރަހައްދުގައި މަގެއް ތަރައްގީ ކުރުމަށް ޗައިނާއިން ކުރި މަސައްކަތަށް އިންޑިއާއިން ދެކޮޅު ހެދިތާ 6 ދުވަސްވީއިރު ޗައިނާއިން އެ މަގު ހަދާ ނިންމައިފިއެވެ. އަދި އެ ސަރަހައްދުގައި ވަރުގަދަ އަސްކަރީ ބިނާއެއްވެސް ގާއިމުކުރިއެވެ.

ބޯޑަރުގައި މިހާރު އުފެފައި އޮތް ނުތަނަވަސްކަމަށް ޗައިނާގެ މީޑިއާއިން މާ ބޮޑު ސަމާލުކަމެއް ނުދޭއިރު، މިއީ މަޝްވަރާތަކުގެ ތެރެއިން މިކަން ހައްލު ކުރުމަށް ފުރުސަތު އޮތް ކަން އަންގައިދޭ ކަމެއް ކަމަށްވެސް ބުނެވިދާނެއެވެ. އެހެނީ، މި ވަގުތަކީ އޭޝިއާގެ އެންމެ ވަރުގަދަ 2 ބާރުގެ ގޮތުގައި އޮތް ޗައިނާއާއި އިންޑިއާއަށް އިގުތިސޯދީ ގޮތުން މުހިންމު މަސައްކަތްތަކެއް ކޮށް، އިގުތިސާދަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭންޖެހިފައިވާ ވަގުތަތަކަށް ވާކަމެވެ.