ސަރުކާރުގެ މުވައްޒަފުން ވަޒީފާއަށް ނިކުންނަން ފަށާފައިވާކަމަށާ، ގައުމުގެ ހުރިހާ ހިސާބެއްގައި މިސްކިތްތައް ހުޅުވާ، ޖަމާއަތުގައި ނަމާދު ކުރަންވެސް ފަށާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އިއުލާން ކުރައްވައިފިއެވެ.

އީރާނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، މެދުއިރުމަތީގެ މަސްރަހުން އެންމެ ނުރައްކާ މަންޒިލްގެ ގޮތުގައި ސިފަކުރަމުން އައި ގައުމެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދިޔަ ބައެއް ފިޔަވަޅުތައް ލުއި ދެއްވާ އެކަން އިއުލާން ކުރައްވަމުން ރޫހާނީ ވިދާޅުވީ އިރުއޮއްސި 06:00 ގެ ފަހުންވެސް ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ މިހާރު އޮންނާނެ ކަމަށެވެ.

މިސްކިތު ޖަމާއަތުގެ ނަމާދާ ބެހޭ ގޮތުން ރޫހާނީ ވިދާޅުވީ މިސްކިތްތައްވެސް ހުޅުވާނެ ކަމަށާ، ހުރިހާ ނަމާދެއްވެސް މިސްކިތުގެ ޖަމާއަތުގައި ކުރެވޭނެ ކަމަށެވެ. ޖަމާއަތުގެ ނަމާދުގައިވެސް އިޖުތިމާއި ގައިދުރުކަން ދަމަހައްޓަންޖެހޭނެކަމަށް ރޫހާނީ ވަނީ ވިދާޅުވެފައެވެ. ކަންމިހެން އޮތް ނަމަވެސް މިސްކިތްތައް ހުޅުވާނެ ވަކި ތާރީހެއް ރޫހާނީ ހާމަކުރައްވާފައެއް ނުވެއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން މިސްކިތްތައް ބަންދުކުރީ އީރާނުން ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް މިއަހަރުގެ ފެބުރުވަރީ މަހު ފެނުނު ހިސާބުންނެވެ.

އީރާނުގައި ކޮވިޑް-19 ފެތުރިގެން ގޮސްފައިވާ ގޮތަށް ބަލާ، ވައިޓް ޒޯންގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ހުރި މިސްކިތްތައް ހުޅުވައިގެން ނަމާދު ކުރުމުގެ ފުރުސަތު، އޭޕްރިލް 25 އިން މެއި 24 ގެ ނިޔަލަށް އޮތީ ދީފައެވެ. ނަމަވެސް އެއިރު އުސޫލެއްގެ ގޮތުން، ކޮންމެ މީހަކުވެސް ނަމާދު ކުރަން ޖެހެނީ އެކަންޏެވެ. ފިޠުރު ޢީދުގައިވެސް ބައެއް ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އޮތެވެ.