ކޮވިޑް-19 ފެތުރުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތުގެ ދަށުން މާދަމާ 105 ދިވެއްސަކު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެއަށް މާދަމާ އަންނަ ފްލައިޓުގައި ބެލަރުސްގައި ތިބި 48 ދިވެއްސަކާއި ޔޫކޭގައި ތިބި 23 ދިވެހިންގެ އިތުރުން ލަންކާއިން ތިބި 32 ދިވެހިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބެލަރޫސްގައި ތިބި 48 ދިވެހި ދަރިވަރުން ރާއްޖެ އައުމަށް ބެލަރޫސުން ލަންޑަނަށް ދަތުރުކޮށްފައި ވަނީ ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އެހީތެރިކަމާއެކު އިއްޔެގެ ވަގުތެއްގައެވެ. އަދި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އެހީތެރިކަމާއެކު މި ދަރިވަރުން މާލެ ފުރުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގައި ތިބި 23 ދަރިވަރުންނާ އެކުގައެވެ.
ޔޫކޭއިން ރާއްޖެއަށް އަންނަ މި ފްލައިޓު ސްރީލަންކާ ގައި ޖައްސާނެ ކަމަށް މަބްރޫކް މިރޭ ވިދާޅުވިއެވެ. އަދި އެ ފްލައިޓު ރާއްޖެއަށް އަންނަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 32 މީހުންނާ އެކުގައި ކަމަށް މަުގައި ޖެހިފައިވާ ބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ދާ ހާލުގައި ޖެހިފައިވާ މީހުން ގެނައުމުގައި ފޮރިން މިނިސްޓްރީން ބަލަމުންދަނީ ތިންކަމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވެފައިވާ މީހުންނާއި އެކަނި ދިރިއުޅޭ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންނެވެ.
މި ފްލައިޓު ޖެއްސުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 8:55 ގައެވެ. މާދަމާ ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ މި 105 ދިވެހިންވެސް ވެސް މާލެ އައުމުން ގެންދާނީ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ފެސިލިޓީއަކަށެވެ.
ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދިވެހިން ގެނައުމުގެ އިންތިޒާމްތައް ހަމަޖެއްސި ނަމަވެސް އެ ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ހަރަދުގައި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.