މީޓަރު ކައިރިއަށް ނުގޮސް ކަރަންޓް ބިލް ބެލޭނެގޮތް ހަދަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މީޓަރު ކައިރިއަށް ނުގޮސް ކަރަންޓް ބިލް ބެލޭނެގޮތް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

މި އަހަރު ތެރޭ އެ ކަމުގެ އަމަލީ މަސައްކަތް ފެންނަ ހިސާބަށް ގެންދިއުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ރާއްޖެއަށް އައި ހިސާބުން އެ މަސައްކަތް ކުރިއަަށް ގެންދިއުމަށް މަޑު ޖެހިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގަ އެ ކަންތަށް ހަމަޖެއްސުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދަންއެބަ، މި އަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެންނަ ހިސާބަށް ގެންދެވޭ ގޮތަށް އޮތީ، ނަމަވެސް ކޮވިޑާ ގުޅިގެން ކުޑަކޮށް ލަސްވެފަ މި އޮތީ
މުގުނީ

މި މަސައްކަތުގެ އަމަލީ ނަތީޖާ މި އަހަރުގެ ފަހުކޮޅުގައި ފެނިގެން ދާނެ ކަމަށްވެސް މުގުނީ ވިދާޅުވިއެވެ.

ސްޓެލްކޯ އިން ބުނީ ނިއު ނޯމަލްގައި ހިދުމަތް ދިނުމުގެ ގޮތުން، ސަރުކާރުން ދީފައިވާ ލުއިތަކާއެކު އެ ކުންފުނީގެ ބައެއް ހިދުމަތްތައް އަލުން ފަށަން ނިންމާފައިވާ ކަމަށާއި އެ ހިދުމަތްތަކަށް އެދިފައިވާ ތަރުތީބުން މާދަމާ އިން ފެށިގެން ބައެއް ހިދުމަތް ދެމުން ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން 170 މުވައްޒަފުން އެ ކުންފުނީގައި ތިބެގެން ހިދުމަތް ދޭން ފަށާފައެވެ. މި ގޮތަށް ހިދުމަތް ދޭތާ މިހާރު 40 ދުވަސް ވެފައިވާ ކަމަށްވެސް މުގުނީ ވިދާޅުވިއެވެ.