ލޮކްޑައުންގެ ހާލަތުގައި އެއްވެސް ގެއަކުން ކަރަންޓް ކަނޑާލާފައި ނުވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަސަން މުގުނީ ވިދާޅުވީ މި ހާލަތުގައި ކަރަންޓު ބިލް ނުދެއްކޭ ގޭގެ އިން ކަރަންޓު ކަނޑާލަން ބައެއް ގޭގޭ ވެރިން އެދެމުންދާ ކަމަށެވެ.

މުގުނީ ވިދާޅުވީ ކުރިން ގޭގެ އަށް ގޮސް އިންޓާނަލް ވައިރިންގެ މައްސަލަ ފަދަ ކަންކަން ނުކޮށްދޭ ކަމަށާއި ނަމަވެސް މި ހާލަތުގައި އަމިއްލަ ފަރާތްތައް ގޭގެ އަށް ގެންގޮސްގެން އެ ހިދުމަތް ދޭން ދަތިވާނެތީ ރައްޔިތުންނަށް ހިލޭ އެފަދަ ހިދުމަތްތައް ވެސް ދެމުން ގެންދަންދާ ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ވެސް 24 ގަޑިއިރު ހިދުމަތް ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ގޭގެއިން ރިކުއެސްޓް ކުރޭ ބިލް ނުދައްކާ ފަރާތްތަކުގެ ބިލް ކަނޑާލަން. އެއީ (ކުއްޔަށް ހިފައިގެން އުޅޭ މީހުން) ބިލް ނުދައްކާ ހިނގައި ދާނެ ކަމަށް ބަލާފައި. ނަމަވެސް އަޅުގަނޑުމެން އެ ފަރާތްތަކަށް އަންގަމުން މި ގެންދަނީ މި ހާލަތުގައި ކަރަންޓު ކަނޑާ ނުލާނެކަން
މުގުނީ

ސްޓެލްކޯ އިން ބުނީ ނިއު ނޯމަލްގައި ހިދުމަތް ދިނުމުގެ ގޮތުން ސަރުކާރުން ދީފައިވާ ލުއިތަކާއެކު އެ ކުންފުނީގެ ބައެއް ހިދުމަތްތައް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ. އެ ހިދުމަތްތަކަށް އެދިފައިވާ ތަރުތީބުން މާދަމާ އިން ފެށިގެން ބައެއް ހިދުމަތް ދެމުން ގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ސްޓެލްކޯން ބުނީ ކޮވިޑް-19 އާ ގުޅިގެން 170 މުވައްޒަފުން އެ ކުންފުނީގައި ތިބެގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި އެ ގޮތަށް ހިދުމަތް ދޭތާ މިހާރު 40 ދުވަސް ވެފައިވާ ކަމަށެވެ.