ބެލަރޫސްގައި ތިބި 48 ދިވެހި ދަރިވަރަކު ރާއްޖެ އައުމުގެ ދަތުރު ފަށާ، އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކޮށްފިއެވެ.

މި ދަރިވަރުން ބެލަރޫސުން ލަންޑަނަށް ދަތުރުކޮށްފައި ވަނީ ޖާމަނީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އެހީތެރިކަމާއެކުއެވެ. އަދި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އެހީތެރިކަމާއެކު މި ދަރިވަރުން މާލެ ފުރުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގައި ތިބި 23 ދަރިވަރުންނާއެކު މާދަމައެވެ.

ބެލަރޫސާއި އިނގިރޭސިވިލާތުގައި ތިބި ދަރިވަރުންނަށް މާލެ އާދެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އާދިއްތަ ދުވަހެވެ. މި ހުރިހާ ދަރިވަރުން ވެސް މާލެ އައުމުން ގެންދާނީ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ފެސިލިޓީއަކަށެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ފްލައިޓްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ، ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީއާ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ ސްރީލަންކަން އެއާލައިންސްއާ އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ހަރަދުގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.