އުމުރުން ދުވަސްވީ 3 މީހަކަށް ޖިންސީ ގޯނާކުރި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އިއްޔެ ހެނދުނު 10:35 ހާއިރު އައްޑޫ ސިޓީ މީދޫގައި 64 އަހަރުގެ ދިވެހިން އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މައްސަލަ ހުށަހެޅުމާއެކު ބެލިބެލިމުން، އެ އަމަލު ހިންގި މީހާ އިއްޔެ އިތުރު ދެ މީހަކަށް ވެސް ޖިންސީ ގޯނާކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. އެ ދެމީހުންނަކީ އުމުރުން 66 އަހަރުގެ އަންހެނަކާއި އުމުރުން 65 އަހަރުގެ އަންހެނެކެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅެމުންދާ އަދަދު ގިނަވެފައި ވަނިކޮށް ކޮވިޑް-19ގެ ސަބަބުން ލޮކްޑައުން ކުރުމާ ގުޅިގެން މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ވަނީ ދަށް ވެފައެވެ. ނަމަވެސް އަނެއްކާވެސް ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވާ މިންވަރު މިދަނީ އިތުރު ވަމުންނެވެ.