މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުގެ ލާހޯރް ސިޓީއިން ފުރައިގެން ކަރާޗީއަށް ދަތުރުކުރަމުންދަނިކޮށް ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ-8303 ވެއްޓުނު ކަރާޗީގެ މޮޑެލް ކޮލޮނީ ސަރަހައްދުން ގާތްގަނޑަކަށް 30 މިލިއަނެއްހާ ރުޕީޒް ފެނިއްޖެއެވެ.

99 މީހުންނާއެކު ފްލައިޓް ވެއްޓުނު ހާދިސާއިން ސަލާމަތްވީ އެންމެ 2 ފަސެންޖަރުންނެވެ.

ހާދިސާ ހިނގި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ތަހުގީގު ޓީމުތަކުން ހިންގާ އޮޕަރޭޝަންގެ ތެރެއިން މި ފައިސާތައް ފެނިފައިވާއިރު، މިއީ އެކި ގައުމުގެ ފައިސާއެވެ. 30 މިލިއަނެއްހާ ރުޕީޒް ފާހަގަކޮށްފައިވަނީ، މި ފައިސާތައް ޕާކިސްތާނު ފައިސާގެ ރޭޓަށް ބަދަލު ކުރުމަށްފަހުގައެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ-8303 ވެއްޓުނު ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ޑޯން

މި ފައިސާތަކަކީ 2 ދަބަހަކުން ފެނިފައިވާ ފައިސާކަމަށްވާއިރު، ހާދިސާ ތަހުގީގު ކުރަމުންދާ އޮފިޝަލަކު ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ފައިސާ ފްލައިޓަށް އެރުވުނީ ކިހިނެއްތޯ ބެލުމަށް ތަހުގީގީ އަމުރެއް ނެރެފައިވާކަމަށެވެ.

ހަށިގަނޑުތަކަކީ ކޮންކޮން ބައެއްކަމާ، އެއީ ކޮން ބައެއްގެ ލަގެޗުތަކެއްކަން ކަށަވަރު ކުރުމަށްފަހު އާއިލާތަކާ ލަގެޗްތައް ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ދެނެގަނެވިފައިވަނީ 47 މީހެއްގެ ހަށިގަނޑު ކަމަށާ، 43 މީހެއްގެ ހަށިގަނޑު ޖަނާޒާ ބޭއްވުމަށް ހަވާލުކޮށްފައިވާކަމަށެވެ.

މި ބޯޓުގެ ކަޅުފޮށި ފެނިފައިވާކަން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުންވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.