ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް އޮޕަރޭޓް ކުރާ ބޮޑެތި ކުންފުނިތަކަށް ގާނޫނީ އިމުގެ ތެރެއިން ލިބިދީފައިވާ ބައެއް ހިމާޔަތަށް އުވާލުމަށް ބާރުދޭ ރިޔާސީ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ސޮއި ކުރައްވައިފިއެވެ.

މި އަމުރަކީ، ފޭސްބުކްއާއި ޓްވިޓާ ފަދަ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ދައުރުކުރާ ކޮންޓެންޓް މޮނިޓާކޮށް ފިޔަވަޅު އެޅުމުގައި އެކުންފުނިތަކުން ގެންގުޅޭ އުސޫލުތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު، ރެގިއުލޭޓަރުންނަށް ލިއްބައިދޭ އަމުރެކެވެ.

މި އަމުރުގައި ސޮއިކުރައްވަމުން ޓްރަމްޕް ވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްއަކީ 'އެކަށީގެންނުވާ މިންވަރަށް ބާރު' އޮތް ތަނެއް ކަމަށްވެސް ވިދާޅުވެފައެވެ.

މި އަމުރުގައި ޓްރަމްޕް ސޮއިކުރެއްވި ކަމުގައި ވީ ނަމަވެސް، ގާނޫނީ ގޮތުން މި އަމުރަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވެއެވެ.

ގާނޫނީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި މިފަދަ ގާނޫނީ ބަދަލެއް ގެނައުމަށްޓަކައި އެމެރިކާގެ ކޮންގްރެސް ނުވަތަ ޝަރުއީ އިމުގެ ތެރެއިންވެސް ބަދަލުތަކެއް ގެންނަންޖެހެއެވެ.

އެމެރިކާގެ ރައީސްއަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ދޭތެރެ ދޭތެރެއިން ފާޑުވިދާޅުވާ ބޭފުޅެކެވެ. އެގޮތުން ދާދިފަހުން ޓްރަމްޕް ކުރެއްވި ޓްވިޓްއެއްގައި ޓްވިޓާ ކުންފުނިން 'ފެކްޓްޗެކް ޓެގް' އެޅުވުމާއެކު ޓްރަމްޕްވަނީ ކޯފާ އިސްކުރައްވާ، ޓްވިޓާ ކުންފުންޏަށް އަމާޒުކުރައްވާ، ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޓްވިޓާއިން ދަނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަމުންކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ކޮވިޑް-19އަކީ އެމެރިކާގައި އުފެދިގެން އައި ވައިރަހެއް ކަމަށް ޗައިނާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅެ ކުރެއްވި ޓްވީޓްއެއްގައި ޓްރަމްޕް ވަނީ "ކޮވިޑް-19ގެ މައުލުމާތު ކަށަވަރުކުރުމަށް" ގޮވާލައްވާ ޓެގުތަކެއް ބޭނުންކުރައްވާފައެވެ.

ޓްރަމްޕް ސޮއިކުރެއްވި ރިޔާސީ އަމުރާ ގުޅިގެން ޓްވިޓާއިން ބުނީ މިއީ ވަކި ކަމެއްގެ ރައްދުގައި ޓްރަމްޕް ނިންމެވި ސިޔާސީ ނިންމުމެއް ކަމަށެވެ. ޔޫޓިއުބްގެ ބެލެނިވެރި ގޫގްލް ކުންފުނިން ބުނީ މި އަމުރުގައި ބަޔާން ކުރައްވާފައިވާ ބައެއް ކަންކަމަކީ އެމެރިކާގެ އިގުތިސޯދަށާ، އިންޓަނެޓްގެ މިނިވަންކަމުގެ ލީޑަރެއްގެ ގޮތުގައި އެމެރިކާ ހޯދާފައިވާ ފަޚްރަށް އުނިކަން ގެނުވާނެ ކަމެއް ކަންތައްތަކެއް ކަމަށެވެ. ފޭސްބުކްގެ ޗީފް އެގްޒެކެޓިވް މާކް ޒަކަބާގު ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމު ސެންސަރު ކުރުމަކީ، ސެންސަރު ކުރުމާ މެދު އެހާ ކަންބޮޑުވެގެން އުޅޭ ސަރުކާރުން ދޭން އެންމެ ރަނގަޅު 'ރައްދު' ނޫންކަމަށެވެ.