މާބަނޑު ދުވަސްވަރަކީ އާދަޔާ ހިލާފު އުފާވެރި އިހުސާސްތަކެއް ކުރެވޭ ދުވަސްވަރެކެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭނާ އުފުލަންޖެހޭ ތަކުލީފެއްގެ ބުރަކަންވެސް، މި އުފާވެރިކަމުގެ ސަބަބުން މާ ބޮޑު ދައްޗަކަށްވެސް ނުވެއެވެ. ކަންމިހެން އޮތް ނަމަވެސް، މި ދަނޑިވަޅަކީ ފާއިތުވީ ގަރުނެއްހާ ދުވަހުވެސް މި ދުނިޔެ ދެކެފައި ނުވާ ފަދަ ހިތްދަތި ދަނޑިވަޅެކެވެ. ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ، ނުރައްކާތެރި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ކުޑަކޫ މައްޗަށް ތިރިކޮށްލާފައި އޮތް މި ދަނޑިވަޅުގައިވެސް، ދަރިއަކު ލިބުމުގެ ފޮނި ހުވަފެންތައް ދެކި، އެ ދަތުރު މަތީގައި ތިބި މައިންގެ އަދަދުވެސް މަދެއް ނޫނެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ލަފާކުރާ ގޮތުގައި ކޮވިޑް-19ގެ ހިޔަނީގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް 116 މިލިއަން ކުދިން އަލަށް އުފަންވާނެއެވެ. ދަރިއަކު ލިބެން އުޅޭ ކަމުގެ ޚަބަރު ލިބޭ ހިސާބުން ފެށިގެން އެމީހެއްގެ މުޅި ދުނިޔެއަށް ލިބުނު އުޖާލާކަމަށް ކޮވިޑް-19ގެ ހިޔަނި އެޅި ނުތަނަވަސްކަމާ ހާސްކަމުގެ ތެރޭގައި ތިބި މާބަނޑު މީހުންގެ އަދަދުވެސް މިއަދު މަދެއް ނޫނެވެ. ރާއްޖެއަށް ބަލާލި ކަމުގައި ވީ ނަމަވެސްމެއެވެ. އެހެން ކަމުން މި ހިމަނާލަނީ، ފޫޅުމައިންގެ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ އިންޓަނޭޝަންލް ކޮންފެޑަރޭޝަން އޮފް މިޑްވައިސްގެ ރައީސް ފްރާންކާ ކެޑޭއީ ޔުނިސެފްއަށް ދެއްވާފައިވާ ބައެއް އިރުޝާދުތަކާ ޓިޕްސްތަކެވެ.

އިންޑިއާގެ މުމްބާއީގެ ސިއޯން ހޮސްޕިޓަލުގައި މާބަނޑުގެ މީހެއްގެ ސިޒޭރިއަން ހަދަނީ/ފޮޓޯ: ބީބީސީ

ވިހެއުމުކުރިން ހަދަންޖެހޭ ޗެކަޕްތައް ހެދުމާ ޑޮކްޓަރަށް ދައްކަން ދާ ދިއުން ރައްކާތެރިތަ؟

ކޮވިޑް-19އިން ދުރުވެވެން މިވަގުތަށް އޮތް ހަމައެކަނި ގޮތަކީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް، ގޭގައި މަޑުކުރުމެވެ. މިއާއެކު މާބަނޑު މީހުންނަށް ހާއްސަކޮށްގެން ގިނަ ހިދުމަތްތަކެއް ފޯނާއި އޮންލައިން ޕްލެޓްފޯމަށް ބަދަލުވެފައިވާކަން ފްރާންކާ ފާހަގަކުރައްވައެވެ. ނަމަވެސް ބަނޑުގައި ގަރުބަގަނެ ބޮޑުވަމުންދާ ދަރިފުޅުގެ ހަގީގީ މަންޒަރުތައް ފޫޅުމަޔަށް ނުވަތަ ޑޮކްޓަރަށް އެނގުމުގައި ދަތިތަކެއް ހުރިކަންވެސް އޭނާ ފާހަގަކުރައްވައެވެ. ކަންމިހެން އޮތް ނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހިގެން މެނުވީ ހޮސްޕިޓަލަކަށް ނުދިއުން ކަމަށާ، ސަލާމަތާ ރައްކާތެރި ކަމުގެ ހާލުގައި ތިބެ ސިއްހީ ހިދުމަތް ހޯދުން ބުއްދިވެރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެ މީހަކުވެސް ވަކި ހާއްސަ ޑޮކްޓަރަކަށް ނުވަތަ ހޮސްޕިޓަލަކަށް ދައްކާއިރު ހައި-ރިސްކު ނުވަތަ އެނޫން މީހެއްތޯ، ބަލާ، އެފަދަ ތަނަކުން ސީދާ އެމީހަކަށް ހާއްސަކޮށްގެންދޭ އިރުޝާދު ހޯދުމަށް ފްރާންކާ އިރުޝާދު ދެއްވައެވެ. އަދި މާބަނޑު މީހާއާއި އޭނާގެ ދަރިފުޅަށް އެންމެ ރައްކާތެރި ގޮތަކީ، ސިއްހީ ހިދުމަތް ދޭ ފަރާތުން ބަޔާންކޮށްދޭ ކަމެއްތޯ ކަށަވަރު ކުރުމަށްވެސް އޭނާ ބާރު އަޅުއްވައެވެ.

އަލަށް އުފަންވެފައިވާ ތުއްތު ކުދިންތަކެއް ހޮސްޕިޓަލެއްގެ ނާސަރީގައި/ފޮޓޯ: ޕަލްސް ހެޑްލައިންސް

މާބަނޑު ދުވަސްވަރު ޕޮޒިޓިވްވެއްޖެނަމަ ދަރިފުޅަށް ބަލިޖެހިދާނެތަ؟ބަލިވެއިން މީހަކަށް ކޮވިޑް-19 ޖެހިއްޖެ ނަމަ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ވައިރަހުގެ އަސަރު ކުރާނެ ކަމާ މެދު ސައެންސްގެ އަލީގައި އަދި މާ ބޮޑު ހޯދުންތަކެއް ހޯދިފައެއް ނެތެވެ. ނަމަވެސް، އަންހެން މީހާގެ ކުރިމަތީ ފަރާތުން ބޭރުވާ އެއްޗިއްސާ، ފޫޅުދަނޑިއާއި، ގާތުން ދޭ ކިރުން ވައިރަހުގެ އަސަރު ފެނިފައި ނުވާކަމަށް ފްރާންކާ ވިދާޅުވިއެވެ. މީގެ އިތުރުން ބަނޑުގައި ދަރިފުޅު އޮންނަ އެމްނިއޮޓިކް ފްލުއިޑްއާއި ޕްލަސަންޓާއިންވެސް ވައިރަހުގެ އަސަރު ފެނިފައެއް ނުވެއެވެ.

ބަލީގެ ކުޑަ ނަމަވެސް އަލާމާތެއް ހުރި ނަމަ ސިއްހީ ހިދުމަތްތެރިންގެ އިރުޝާދަށް އަމަލުކުރަންޖެހޭނެއެވެ.

ވިހަން ހޮސްޕިޓަލަށް ދިއުމަކީ ރަނގަޅު ގޮތެއްތަ؟އެމީހަކު ވިހަން ދިއުމަށް އެންމެ ރަނގަޅު ތަނެއް ބަޔާންކޮށްދޭން އެނގޭނީ އެމީހަކު ގަވައިދުން ސިއްހީ ފަރުވާ ހޯދަމުންދިޔަ ޑޮކްޓަރު ނުވަތަ ފޫޅުމަޔަކަށެވެ. ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ޕްރޮޓޯކޯލްގެ ދަށުން ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ހޮސްޕިޓަލުގެ ވަކި ސަރަހައްދުތަކެއް ހަމަޖެއްސިފައިވާކަން ފްރާންކާ ފާހަގަކުރައްވައެވެ.

މައިމީހާގެ އަތްތިލައިގެ ތެރޭގައި ތުއްތުކުއްޖެއްގެ ދެފައިތިލަ/ފޮޓޯ: ބީންގް ހިއުމަން ފެސްޓިވަލް

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ބައެއް ގައުމުތަކަށް ބަލާއިރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މާބަނޑު މީހުން ވިހެއުމަށް ބައެއް ހޮޓާތައް ވަނީ ވަގުތީ ހޮސްޕިޓަލުތަކަށް ބަދަލުކޮށްފައެވެ.

ވިހާ ވަގުތު އާއިލާ މީހަކަށް ގާތުގައި ހުރެވޭނެތަ؟

ފްރާންކާ ވިދާޅުވާ ގޮތުގައި މިކަން ބަރޯސާވާނީ އެމީހަކު ހުރި ގައުމެއްގައި އަމަލުކުރާ ގޮތުގެ މައްޗަށެވެ. ނަމަވެސް، ވިހާއިރު މާބަނޑު މީހާގެ ގާތުގައި މީހަކު ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެމީހަކީވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ހުރި މީހަކަށްވާންޖެހެއެވެ.

މާބަނޑު މީހާ ވިހާއިރު ގާތުގައި މީހަކަށް ނުހުރެވޭ ގޮތަށް އަމަލުކުރާ ބައެއް ގައުމުތައްވެސް ފާހަގަކުރެވިފައިވާކަމަށާ، ނަމަވެސް އެއީ ކަންބޮޑުވާ ކަމެއް ކަމަށް ފްރާންކާ ވިދާޅުވިއެވެ. މިއީ ކޮންޓެކްޓް މަދުކުރުމުގެ ނަޒަރުން ބަލާއިރު ރަނގަޅު ކަމެއް ނަމަވެސް، އާއިލާގެ މެމްބަރަކު ގާތުގައި ހުރުމަކީ ވިހެއުމުގެ ބޭން އުފުލަމުންދާ މީހާއަށް ލިބޭނެ ހިތްވަރެއް ކަމަށްވެސް ފްރާންކާ ވިދާޅުވިއެވެ. އަދި ވިހެއުމާއެކު މައިމީހާއާއި ދަރިފުޅު ވަކި ނުކުރުމަށްވެސް ފްރާންކާ ވަނީ ގޮވާލައްވާފައެވެ.

އަލަށް ވިހާފައިވާ ތުއްތު ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދަ ޓެލެގްރާފް

ހާސްވެ ނުތަނަވަސްވަންޏާ ހަދާނީ ކިހިނެއް؟

ފްރާންކާ ވިދާޅުވާ ގޮތުގައި ޕްލޭނެއް އޮތުން މުހިންމެވެ. ބަނޑުގައި ރިއްސަން ފަށާ ހިސާބުން ގުޅާނެ މީހުންނާ، އަމަލު ކުރާނެ ގޮތް ދުރާލާ ލިޔެފައި އޮތުން ބުއްދިވެރިއެވެ.

މީގެ އިތުރުން ގޭގައި މަޑުމަޑުން ކަސްރަތު ކޮށްލުމާ، އަމިއްލަ ނަފްސަށް އޯގާތެރިވެ އަޅާލުމުގެ ގޮތުން ކުރާ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ފްރާންކާ އިރުޝާދު ދެއްވައެވެ. ހަމަ މިއާއެކު ފައިދާހުރި ކާނާ ކެއުމަށާ، މާބަނޑު ދުވަސްވަރުގެ ފުރިހަމަ އުފާވެރިކަން ތަޖުރިބާކުރުމަށްވެސް އޭނާ ބާރުއަޅުއްވައެވެ.

މައިމީހާ ތުއްތު ދަރިފުޅުގެ ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއްް/ފޮޓޯ: ފްލުއެންޓް ބައި 3

ސިއްހީ ހިދުމަތްތެރިން ގާތު ކުރުން ބުއްދިވެރި ބައެއް ސުވާލު

  • ވިހަން ގެންދާ ތަނުގައި މީގެ ކުރިން ކޮވިޑް-19 ޕޭޝަންޓެއް އޮތްތޯ؟ ބައްޔަށް ހުށަހެޅުމުގެ ރިސްކެއް އެބައޮތްތޯ؟
  • ކޮވިޑް-19ގެ ޕޭޝަންޓުންނާ އެނޫން މީހުން ވަކިކޮށްގެން ޚިދުމަތްދެނީ ކިހިނެއްތޯ؟
  • ސިއްހީ ހިދުމަތްތެރިންނަށް އެކަށީގެންވާ މިންވަރަށް ޕީޕީއީ އެބަހުރިތޯ؟
  • ވިހަން ވަންނައިރު މީހަކަށް ކައިރީގައި ހުރެވިދާނެތޯ؟ ނޫންނަމަ އެ ކީއްވެތޯ؟
  • ވިހާ ދަރިފުޅު ގާތުގައި ބާއްވާނެތޯ؟ ނޫންނަމަ އެ ކީއްވެތޯ؟
  • ދަރިފުޅަށް ގާތުން ކިރު ދިނުމުގެ ފުރުސަތު އޮންނާނެތޯ؟ ނޫންނަމަ އެ ކީއްވެތޯ؟
  • އާންމު އުސޫލުން ވިހާހެން ވިހެއުމުގެ ފުރުސަތު ދޭނަންތޯ ނުވަތަ އަވަސް ކުރުމަށް ސިޒޭރިއަންކަށް ދާނީތޯ؟ އެއީ ކީއްވެތޯ؟
  • އަލަށް އުފަންވި ދަރިފުޅަށް ރައްކާތެރިކަން ދޭނީ ކިހިނެއް؟
ތުއްތު ދަރިފުޅު އުރާލައިގެން އިން މައެއް/ފޮޓޯ: ދަ ކޮންވަޒޭޝަން

ފްރާންކާ ވިދާޅުވާ ގޮތުގައި އެންމެ ފުރަތަމަ ފިޔަވަޅަކީ އިތުރު ބަޔަކަށް ދަރިފުޅު ހުށަނޭޅުމެވެ. ހަމައެކަނި އާއިލާ މެމްބަރުންނާ ހިސާބުން ކޮންޓެކްޓް ލިސްޓު ނިންމާލުމެވެ. ޒިޔާރަތް ކުރުމުގެ ފުރުސަތު އިތުރު ބަޔަކަށް ނުދޭށެވެ. އާއިލާ މެމްބަރުންވެސް ދަރިފުޅު ގާތަށް ޒިޔާރަތް ކުރަންވާނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަން ކަށަވަރު ކުރާށެވެ.

ނުރައްކާތަކެއް ހުރި ކަމުގައި ވީ ނަމަވެސް، ވީ އެންމެ ރައްކާތެރި ވެއްޓެއްގައި އާއިލީ ގުޅުން ދަމަހައްޓާށެވެ. ދަރިއަކު އުފަންވުމުގެ އުފާވެރިކަން ހިއްސާކުރާށެވެ.

ކަންމިހެން އޮތް ނަމަވެސް ދަރިފުޅާއެކު ވީހާވެސް ބޮޑަކަށް އެކަނި އުޅެވޭތޯ ބެލުން ބުއްދިވެރިކަމަށް ފްރާންކާ ލަފާދެއްވައެވެ.