ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ސިއްހީ ނިޒާމުތައް އިތުރަށް ބަލިކަށިވެ، އާންމު ހިދުމަތް ތަކަށް ބުރޫ އަރާފައި އޮތެއް ކަމަކު، މާބަނޑު އަންހެނުންނާއި، އަލަށް އުފަންވާ ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ދޭ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބެމުންދާނެ އިންޒާތިޒާމުތައް ކަށަވަރު ކޮށްދިނުމަށް އެހީދޭ ޖަމިއްޔާތަކާއި، ގައުމުތަކުގެ ސަރުކާރުތަކަށް ޔުނިސެފްއިން ގޮވާލައިފިއެވެ.
ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ލަފާކުރާ ގޮތުގައި ކޮވިޑް-19ގެ ހިޔަނީގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް 116 މިލިއަން ކުދިން އަލަށް އުފަންވާނެއެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނުތާ 40 ހަފުތާގެ މުހުލަތުގެ ތެރޭގައި އުފަންވާނެ ކަމަށް ލަފާކުރާ ކުދިންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަކީ ދުނިޔޭގެ ފެންވަރުގައި ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ކަނޑައެޅީ މިއަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.
މި މުއްދަތުގައި ދަރިއަކު އުފަން ކުރާ މައިންނާއި، އެ މައިންގެ ބަނޑުން އުފަންވާ ދަރިން ތަހައްމަލު ކުރަމުން ދަނީ ދަތި އުނދަގޫ ވޭންތަކެއްކަން ޔުނިސެފްއިން ފާހަގަ ކުރެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ލޮކްޑައުންއާއި ކާފިއުގެ އަމުރުތަކުގެ އިތުރުން، ސިއްހީ ހިދުމަތްދޭ ތަންތަނަށް ކުރިމަތިވާ ޕްރެޝަރަކީ ވެސް ފާހަގަ ކުރަން ޖެހޭ ކަންކަމެވެ. އެކަށީގެންވާ ގޮތެއްގައި ސިއްހީ ވަސީލަތްތައް ލިބުމުގައިވެސް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މިއާއެކު، ސިއްހީ ހިދުމަތްތެރިންގެ ބޮޑު ފައުޖެއް، ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމާގައި ސީދާ ގޮތުން ބައިވެރިވަމުން ދެއެވެ. ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި، ފޫޅުމައިންވެސް ހަރަކާތްތެރި ވާ ގައުމުތައް މަދެއް ނޫނެވެ.
ޔުނިސެފްގެ ޑައިރެކްޓާ ޖެނެރެލް ހެންރިއެޓާ ފޯ ވިދާޅުވީ، މިއަދު މާބަނޑު ހާލުގައި ތިބި އެތައް މިލިއަން މީހުންނަކީ ދުނިޔެ އިހު އޮތް އާންމު ހާލަތުގައި ބަލިވެއިން މީހުން ކަމަށެވެ. ނަމަވެސް މިއަދު އެމީހުންނަށް ކުރިމަތިލާން ޖެހިފައި ވާ ހާލަކީ، ދަރިއަކު އުފަން ކުރުމަށް ސިއްހީ ހިދުމަތްދޭ ތަނަކަށް ފިޔަވަޅެއްވެސް އަޅަން ބިރު ގަންނަ ހާލަތެއް ކަމަށެވެ. ނުވަތަ، ލޮކްޑައުންއާ އެނޫންވެސް ކޮވިޑް-19އާ ގުޅުން ހުރި ކަމެއްގެ ސަބަބުން، ކުއްލި ހާލަތުގައި ލިބެންޖެހޭ ސިއްހީ ފަރުވާއިން މަހްރޫމު ކުރެވިފައިވާ ބިރުވެރި ހާލެއްގައި މާބަނޑު މީހުން ތިބިކަން ފޯ ފާހަގަ ކުރެއްވިއެވެ. ކޮވިޑް-19ގެ ސަބަބުން ދަރިމައިވުމާއި، ބަލިވެއިނުމާއި ދަރިއަކު އުފަން ކުރުމުގެ ސިއްހަތަށް އައިސްފައި ވާ ބޮޑު ބަދަލުގެ ހަގީގީ މަސްރަހު ފަހުމު ކުރުމަށް ދަތިކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ފުރާނަ ސަލާމަތް ކޮށްދެނިވި ސިއްހީ ހިދުމަތް ތަކަށް ބުރޫ އަރާފައި ވާކަމުގެ އިންޒާރު، ޔުނިސެފްއިން ވަނީ ދީފައެވެ. މީގެ ތެރޭގައި ދުޅަހެޔޮ ދަރިއަކު އުފަން ކުރުމުގެ ހިދުމަތަށް ހުރަސް އެޅިފައި ވާކަން ފާހަގަކޮށް، ޔުނިސެފްއިން ވަނީ މާބަނޑު މީހުންނާ އެމީހުންގެ ދަރިންވެސް ނުރައްކަލަށް ހުށަހެޅިފައި ވާކަމުގެ އިންޒާރު ދީފައެވެ.
ޔުނިސެފްގެ ރެކޯޑްތަކަށް ބަލާއިރު ކޮވިޑް-19ގެ ހިޔަނީގައި ހިނގާ 9 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކުދިން އުފަންވާނެ ކަމަށް ބެލެވެނީ އިންޑިއާ (20.1 މިލިއަން)، ޗައިނާ (13.5 މިލިއަން)، ނައިޖީރިއާ (6.4 މިލިއަން)، ޕާކިސްތާނު (5 މިލިއަން) އަދި އިންޑޮނޭޝިއާ (4 މިލިއަން) ގައެވެ. މި ގައުމުތަކަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިންވެސް ނިއޯނޭޓަލް މޯޓާލިޓީ ރޭޓް ނުވަތަ އުމުރުން 0-27 ދުވަހާ ދެމެދުގެ ކުދިންގެ މަރުގެ ނިސްބަތް، މަތީގައި އުޅޭ ގައުމު ތަކަކަށް ވާއިރު، މި ބަލިމަޑު ކަމާއެކު މި ނުރައްކާ އިތުރުވެފައި ވާކަން ޔުނިސެފްއިން ފާހަގަ ކުރެއެވެ.
އެކި ރޮނގުތަކުން އެންމެ ކުރިއަރާފައިވާ ގައުމުތަކަށްވެސް ކޮވިޑް-19ގެ ހިޔަނިން ސަލާމަތެއް ނުވެވުނެވެ. އެމެރިކާއަށް ބަލާއިރު މާޗް 11 ވަނަ ދުވަހާ ޑިސެމްބަރު 16 ވަނަ ދުވަހާ ދެމެދު 3.3 މިލިއަން ކުދިން އުފަންވާނެ ކަމަށް ލަފާކުރެވެއެވެ. މިއާއެކު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ހޮސްޕިޓަލުތަކަށް ވިހަން ދިއުމަށް މާބަނޑު މީހުން ފަސްޖެހެމުންދާތީ، އެނޫން އިތުރު ގޮތްތަކެއް ހޯދާދިނުމުގެ މަސައްކަތް ފަށާފައެވެ.
ކޮވިޑް-19ގެ ސަބަބުން އެނޫން މީހަކާ އަޅާ ބަލާއިރު މާ ބަނޑު މީހަކަށް ވަކި އިތުރު ނުރައްކަލެއް ކުރިމަތި ނުވި ކަމުގައި ވީ ނަމަވެސް، ވިހެއުމުގެ ކުރިންނާ އަދި ވިހެއުމަށްފަހު އެމީހާއަށް ބޭނުންވާ ސިއްހީ ހާއްސަ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް ޔުނިސެފްއިންވަނީ ގައުމުތަކަށް ލާޒިމުކޮށްފައެވެ. ހަމަ މިއާއެކު، އުފަންވާއިރު ސިއްހީ ގޮތުން ދުޅަހެޔޮ ނޫން ކުދިންނަށް ބޭނުންވާ އިމާޖެންސީ ހިދުމަތްތަކަކީވެސް ލިބެން ޖެހެނެ ހިދުމަތްތަކެއް ކަމަށާ، އެހެނީ އެކުދިންނަކީ މަރުގެ ނުރައްކާ އިންތިހާއަށް ބޮޑު ކުދިންނަށް ވުންކަންވެސް ޔުނިސެފްއިން ފާހަގަކުރެއެވެ. ހަމަ މިއާއެކު އަލަށް އާއިލާއަކަށް ބަދަލުވާ ދެމަފަރިންގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް އެއްބާރުލުމާ އެހީތެރިކަން ބޭނުންވެއެވެ. ހަމަ މިފަދައިން ދަރިފުޅަށް ގާތުން ކިރުދިނުމާ، ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމާ، ވެކްސިންއާއި ދުޅަހެޔޮ ކާބޯތަކެއްޗަކީވެސް މިކަމާ ގުޅުންހުރި އެއްޗިއްސާ، ކަންކަމެވެ.
ކޮވިޑް-19ގެ ހިޔަނީގައި އުފަންވާ ކުދިންނާ އެކުދިންގެ މައިންގެ ފުރާނަ ސަލާމަތް ކުރުމަށް ޔުނިސެފްއިންވަނީ ގައުމުތަކުގެ ސަރުކާރުތަކާ އެހީދޭ ޖަމިއްޔާތަކަށް މައިގަނޑު 6 ކަމަކަށް ގޮވާލާފައެވެ.
- މާބަނޑު ދުވަސްވަރު ލިބެންޖެހޭ ސިއްހީ ހިދުމަތްތައް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ޗެކަޕްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާ، ތަޖުރިބާކާރުންގެ ޓީމެއްގެ އެހީގައި ވިހެއުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާދިނުމަށާ، ވިހެއުމަށްފަހު ބޭނުންވާ ހާއްސަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާ، ކޮވިޑް-19އާ ގުޅިގެން ދޭންޖެހިއްޖެ ފަރުވާއެއް ފޯރުކޮށްދިނުން.
- ސިއްހީ ހިދުމަތްތެރިންގެ ހަށި ރައްކަލަށް ބޭނުންވާ ޕީޕީއީ ފޯރުކޮށްދިނުމަށާ، ކޮވިޑް-19އަށް ޓެސްޓު ކުރުމުގައި މިފަދަ ފަރާތްތަކަށް އިސްކަން ދިނުމާ، ވެކްސިންއެއް ލިބިއްޖެ ހިނދެއްގައި ވެކްސިން ލިބޭ ލިސްޓުގައި މިފަދަ ފަރާތްތަކަށް އިސްކަން ދީގެން، ފުރިހަމަ ސިއްހީ ހިދުމަތުގެ ނިޒާމެއް ކަށަވަރުކޮށްދިނުން،
- ދަރިއަކު އުފަންކުރާ ސިއްހީ ހިދުމަތުގެ ވެއްޓަކީ ހުރިހާ ޒާތެއްގެ އިންފެކްޝަންތަކުން ތާހިރުކުރެވިފައިވާ ތަނެއްކަން ކަށަވަރުކޮށްދިނުން،
- މާބަނޑު މީހުންނާ އަލަތު މައިންގެ ގާތަށް ސިއްހީ ހިދުމަތްތެރިންނަށް ފަސޭހައިން ދެވޭނެ އިންތިޒާމު ހަމަޖައްސާދިނުމާ، ދުރު ހިސާބުތަކުގައި ތިބި މައިންނަށް ޓެލެކޮންސަލްޓޭޝަން ހަމަޖައްސާދީ އެކަމަށް ހިތްވަރު ދިނުން،
- ގޭގައި ވިއްސަންޖެހިއްޖެ ހާލަތަށް ސިއްހީ ހިދުމަތްތެރިންގެ ޓީމު ތަމްރީނުކޮށް، އެފަދަ ކަމަކަށް ބޭނުންވާ ރައްކާތެރި އާލާތްތައް ލިބޭނެ އިންތިޒާމު ކަށަވަރުކޮށްދިނުން،
- މައިމީހާ އަދި ދަރިފުޅުގެ ދުޅަ ހެޔޮ ސިއްހަތު ކަށަވަރު ކުރުމަށާ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ޚިދުމަތްތަކަށް ވަސީލަތްތައް ގާއިމުކުރުން
މާބަނޑު ދުވަސްވަރު ކޮވިޑް-19އަށް ޕޮޒިޓިވްވުމުގެ ސަބަބުން ދަރިފުޅަށް އެ ބަލިޖެހިދާނެ ކަމާ މެދު ސައެންސްގެ އަލީގައި މާ ބޮޑު ހޯދުންތަކެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް މިފަދަ ހާލެއްގައިވެސް މާބަނޑު މީހުން ސަމާލުކަން ދޭންވީ ކަންތައްތަކެއް ޔުނިސެފްއިންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބަލިން ދިފާއުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމާ، ބަލީގެ ކުޑަ ނަމަވެސް އަލާމާތެއް ފެނިއްޖެ ނަމަ ސިއްހީ ހިދުމަތްތެރިންގެ އަވަސް އެހީ ހޯދުން ފަދަ ކަންކަން ހިމެނެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިއަށް ނަޒަރު ހިންގާލާއިރުވެސް އަހަރަކު 2.8 މިލިއަން މާބަނޑޫ މީހުންނާ އަލަށް އުފަންވާ ކުދިން މި ދުނިޔެއާއި ވަކިވެދެއެވެ. މިއީ ކޮންމެ 11 ސިކުންތަކުން ފުރާނައެކެވެ. މީގެ ތެރެއިން ގިނަ ފުރާނަތަކެއް ނެތި ދަނީ، އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ އެ ފުރާނައެއް ސަލާމަތްކުރެވިދާ ފަދަ ހާލެއްގައި، އެ ފުރުސަތު ނުލިބިއެވެ.
ކަންމިހެން އޮތްއިރު ޔުނިސެފްއިންވަނީ އެކަށީގެންވާ ތަމްރީނު ދީ، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ވަސީލަތްތައް ހަރުދަނާކޮށް ކޮންމެ މަޔަކާ ދަރިއެއްގެ ފުރާނަ ސަލާމަތް ކުރުމަށް މިހާރުން މިހާރަށް ކުރަންޖެހޭ އިންވެސްޓްމަންޓްތައް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.