އައްޑޫގެ އަމިއްލަ ކްލިނިކަކުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފިއެވެ.
ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން ދަނީ އައްޑޫ ސިޓީ ފޭދޫގެ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިންނެވެ. މިކަމާ ގުޅިގެން އެއިމްސް ހެލްތް ކެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އަލީ އިހުސާން ވިދާޅުވީ އަންނަ ހަފްތާގައި އެ ކްލިނިކުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ، މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް މިހާރު އެދިފައި ވާނެ ކަމަށެވެ.
އައްޑޫގެ އަމިއްލަ ކްލިނިކަކުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާއިރު، މާލޭގައި ނޫން އެހެން ތަނެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު އަދި ހަމަޖެހިފައެއް ނުވެއެވެ. މާލެ ނޫން ސަރަހައްދު ތަކުން ނަގާ ސާމްޕަލްތައް ވެސް ޓެސްޓު ކުރުމަށް ގެންނަނީ މާލެއެވެ.
އެގޮތުން މާލޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވެނީ އައިޖީއެމްއެޗް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ފުލުހުންގެ ފޮރެންސިކް ލެބްގައެވެ. މި ތިން ތަން އެއްކޮށް، ދުވާލެއްގެ މައްޗަށް 1100 ޓެސްޓް ކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވެއެވެ.