މި މަހުގެ ތެރޭގައި މަރުވި ތިން ކުއްޖެއްގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިވަޑައިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހަށް ސީޓިއެއް ފޮނުއްވައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސީޓީގައި ޝިޔާމް ވިދާޅުވީ، މި މަހުގެ ތެރޭގައި ހިތާމަވެރި ތިން ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގުކޮށް ދިނުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ގޮތުން ޝިޔާމް ފާހަގަ ކުރެއްވި ތިން މައްސަލައަކީ ދެ ރަށެއްގައި އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައާއި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ 7 މަހުގެ ކުއްޖަކަށް ފަރުވާ ދިނުމުގައި ލަސްތަކެއް ދިމާވެ އެ ކުއްޖާ މަރުވި މައްސަލައެވެ. ބަނޑަށް ދަރިފުޅު މަރުވެފައި ވަނީ އއ. ތޮއްޑުއާއި ށ. ނަރުދޫގައެވެ.

އއ. ތޮއްޑޫގައި މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އޭނާއަށް ފަރުވާ ލިބޭނެ ގޮތެއް ނުވުމުގެ ސަބަބުން ދަރިފުޅު ބަނޑަށް މަރުވީ މި މަހުގެ 14 ވަނަ ދުވަހެވެ.

ހަމައެއާއެކު ށ. ނަރުދޫގައި މާބަނޑު އަންހެނަކު ވިހަން ދާނެ ހޮސްޕިޓަލެއް ހަމަނުޖެހި ލަސްތަކެއް ދިމާވެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ބަނޑަށް މަރުވެފައި ވަނީ މި މަހުގެ 25 ވަނަ ދިވަހެވެ. މި މައްސަލައިގައި ށ. ފުނަދޫ ހޮސްޕިޓަލުން އެ އަންހެންމީހާ ވިހަން ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ދީފައި ނުވާ ކަމަށް ޝިޔާމް ފޮނުއްވި ސިޓީގައި ފާހަގަ ކުރައްވާފައި ވެއެވެ.

މީގެއިތުރުން މި މަހުގެ 22 ވަނަ ދުވަހު އޭޑީކޭގެ އިހުލާމުން ހަތް މަހުގެ ކުއްޖަކު މަރުވެފައި ވަނީ އެ ހޮސްޕިޓަލުން ފަރުުވާ ދިނުމުގައި ލަސްތަކެއް ހުރެގެން ކަމަށް ޝިޔާމް ވިދާޅުވެފައި ވެއެވެ. މި މައްސަލައާ ގުޅިގެން އެ ކުއްޖާގެ އާއިލާއިން އޭޑީކޭ ހޮސްޕިޓަލަށް ތުހުމަތު ކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކުއްޖާއަށް ދިމާވި ހާލަތަކީ ވަގުތުން ސާޖަރީ ހަދަންޖެހޭ ހާލަތެއް ކަމަށް ޑޮކްޓަރުންގެ ފަރާތުން މައުލުމާތު ލިބުނީ ކުއްޖާ މަރުވިފަހުން ކަމަށާއި އެހެންކަމުން ކުއްޖާއަށް ދޭންޖެހޭ ފަރުވާ ނުދެވި ގިނަ އިރުވެފައިވާ ކަމަށް އާއިލާއާ ހަވާލާ ދެއްވާ ޝިޔާމް ވިދާޅުވިއެވެ.