މައުލޫމާތު ސެންސަރު ކުރުމުގައި ޗައިނާއާއި އަދާހަމަ ކުރެވޭނެ ގައުމެއް މަދުވާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޗައިނާއިން މިހާރު ދަނީ، ޔޫޓިއުބް ބޭނުންކުރާ ފަރާތްތަކަށްވެސް ސީދާ ގޮތުން ހުރަސް އަޅަމުންނެވެ. އެގޮތުން، ބޭނުންހާ އެއްޗެއް ލިއުމަށްފަހު ޔޫޓިއުބް ވީޑިއޯތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ޗައިނާއިން މިހާރު ވަނީ ހަދާފައެވެ.

ޔޫޓިއުބް ހުޅުވުމަށްފަހު ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ފުރައްސާރަ ވާ ގޮތަށް ބޭނުން ކުރާ ލަފުޒުތައް ބޭނުންކޮށްގެން ވީޑިއޯއެއް ނުވަތަ ލައިވްސްޓްރީމްއަކަށް ކޮށްލާ ކޮމެންޓް، އެންމެ 15 ވަރަކަށް ސިކުންތު ތެރޭގައި ޑިލީޓްކޮށްލައެވެ. މިކަން މިހެން މެދުވެރިވާކަން ސާބިތުކޮށްދިނުމަށް މީހުންވަނީ އެ މަންޒަރުތައް ވީޑިއޯކޮށް، ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

މިއީ ޗައިނާގެ ރައީސް ޝީ ޖީންޕިންގްގެ ޓީމުން ކުރާ ކަމަކަށްވާއިރު، ޔޫޓިއުބް އިން ބުނީ، މިއީ އެ ކުންފުނިން ސެންސަރުކުރާ ބަސްތަކުގެ ތެރެއަށް އޮޅުމެއްގެ ތެރެއިން ވަތް ބަސްތަކަކާ ހެދި ވާ ގޮތެއް ކަމަށެވެ. މިއީ ހަގީގަތެއް ނަމަ ފާއިތުވީ 6 ވަރަކަށް މަސްދުވަހު މިކަން ފާހަގަ ނުވެ އޮތް ގޮތަކާ މެދުވެސް ސުވާލު އުފެދެއެވެ. ކަންމިހެން އޮތްއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިކަމެއް މިހެން ހިނގާކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ.

ފާހަގަކުރަންޖެހޭ ކަމަކީ ޗައިނާގައި ޔޫޓިއުބް އޭގެ ފުރިހަމަ މިނިވަންކަމާއެކު ނުލިބޭކަމެވެ. އެހެންކަމުން މިއީ އޮޅުމެއްގެ ތެރެއިން ހިނގި ސެންސަރު ކުރުމެކޭވެސް ބުނެވެން އޮތް ފުރުސަތު ހަންޏެވެ. ޗައިނާއިން މަސައްކަތް ކުރަމުންދަނީ، ޗައިނާއިން ބޭރުގައިވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކަމަށް ބުނާ މީހުންގެ އަދަދު އިތުރުވަނީ މި ސަބަބާ ހެދިއެވެ.

ޔޫޓިއުބްގެ ބެލެނިވެރި ކުންފުންޏަކި އަސާސްތަކުގައި ޗައިނާއަށް ބައިއަތު ހިފާ ކުންފުންޏެއް ކަމުގެ ތުހުމަތު ފެންމަތިވެއެވެ. އެގޮތުން ޗައިނާގެ ސެންސަރު ކުރުމުގެ އުސޫލުތަކަށް ރިއާޔަތްކޮށްގެން ގޫގްލްއިން ހިންގަން މަސައްކަތްކުރި މަޝްރޫއެއް ފަޅާ އެރުމުގެ ސަބަބުން 2019 ވަނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު މަޑުޖައްސާލިކަން ފާހަގަކުރެވެއެވެ.