މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް އުފެދިގެން އައި ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުން ކަމަށް ދެކެވޭ ވާހަކަތަކަށް ޗައިނާގެ ސައެންސްވެރިން އިންކާރުކޮށްފިއެވެ.
ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޯވް-2) އަކީ ޗައިނާގެ ލެބެއްގެ އުފެއްދުމެއް ކަމަށް އެމެރިކާއިން ކުރަމުންދާ ދައުވާތަކަށް އިންކާރު ކޮށްފައިވާ ޗައިނާގެ ސައެންސްވެރިން މިހާރު ދަނީ، މި ވައިރަހަކީ ވޫހާންގައި ދިރޭ ވަލުޖަނަވާރުގެ ގައިރު ގާނުނީ ވިޔަފާރި ކުރި މާކެޓްއަކުން އުފެދުނު ވައިރަހެއް ކަމަށް ބުނެ، ދެކެވޭ ވާހާކަތައްވެސް ދޮގު ކުރަމުންނެވެ.
ކޮވިޑް-19އަކީ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (ވީވް) ގެ އުފެއްދުމެއް ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ގަދައަށް ބަހުސް ކުރެވެން ފެށި ޗައިނާއަށް މަޝްހޫރު އިސް ވައިރޮލޮޖިސްޓްއެއް ކަމަށްވާ ޝީ ޒެންގްލީއަށް ވީ ނުވީ އެއް ނޭނގި ގެއްލުނު ހިސާބުންނެވެ. އޭގެ ފަހުން އޭނާ ވަނީ ޗައިނާގެ ދައުލަތުގެ ޓީވީއާއި ފުރަތަމަ ފަހަރަށް ވާހަކަދައްކާފައެވެ. އެގޮތުން، މިފަދަ ވައިރަސްތަކަކީ، އަޑިނޭނގޭ ބޮޑު ކަންތައްގަނޑެއްގެ މަލަތިމަތިން ފެންނަން އޮތް ކުޑަ މިންވަރެއް ކަމަށް ބުނެ، އޭނާ ވަނީ ސައެންސްވެސް ސިޔާސީ ކުރާތީ އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ.
އެކި ކަހަލަ ވާލާ އެއާ ގުޅުންހުރި ދިރާސާތައް ކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ ޝީ ނުވަތަ އާންމު ނަމުން ނަމަ "ބެޓް ވުމަން" ވަނީ، ކޮވިޑް-19އާ ގުޅިގެން ޗައިނާ ދޫކޮށް، ހުޅަނގުގެ ފެކްޝަނަށް އޭނާގެ ތާއީދު އޮތްކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދިޔަ ވާހަކަތައްވެސް ދޮގުކޮށްފައެވެ.
ކަންމިހެން އޮތްއިރު ޗައިނާގެ ސައެންސްވެރިން ދަނީ ކޮވިޑް-19 ޖައްސާ ވައިރަސް އުފެދުނީ ވޫހާންގެ ސީފުޑް މާކެޓުން ކަމަށް ބުނާ ވާހަކަތައް ދޮގު ކުރަމުންނެވެ. ޗައިނާގެ ދައުލަތުން ހިންގާ ގްލޯބަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮވިޑް-19ގެ ޝިކާރައަކަށްވި މީހުންގެ ފަރާތުން އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ހޫބޭ ޕްރޮވިންސްއިން އުފެދިގެން އައި ވައިރަހެއް ކަމަށް ބުނުމަކީ އެއްވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫނެވެ.
އިލްމީ ދިރާސާތައް ޝާއިއުކުރާ "ނޭޗާ" ޖާނަލްގައި މެއި 20 ވަނަ ދުވަހު އާންމު ކޮށްފައިވާ ދިރާސާއަކަށް ބަލާއިރު، ކޮވިޑް-19އަކީ ހުނާން ސީފުޑް މާކެޓްއިން އުފަންފި ވައިރަހަކަށް ނުވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ މާކެޓްއާއި ވައިރަހާ ބޮޑު ގުޅުންތަކެއް އޮތުން އެކަށީގެންވާކަމަށްވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ވަކާލާތު ކުރާ ގޮތުގައި، ކޮވިޑް-19 ޖައްސާ ވައިރަސް، ޖަނަވާރުންގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް "ފުންމާލީ" ވޫހާންއިން ކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެތް ނެތެވެ. ނަމަވެސް އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވައިރަސް ފެތުރިގެން ދިޔައީ ވޫހާންގައި ކަމަށް ބުނެވިދާނެ ކަމަށްވެސް ދިރާސާ ޓީމުގެ މެމްބަރަކު ވަނީ ފާހަގަކުރައްވާފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ސާސްކޯވް-2 ވައިރަހުގެ ފެށުމަކީ ކޮބައިކަން އަދިވެސް ވަނީ ކަށަވަރު ކުރެވޭ ގޮތް ނުވެއެވެ.
ކަންމިހެން އޮތްއިރު، މި ކަމުގެ މިނިވަން ދިރާސާއެއް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރިމަތިކުރަމުންދާ ޕްރެޝަރައްވެސް ޗައިނާ ގުޑާލާފައެއް ނުވެއެވެ. ނަމަވެސް ޗައިނާއިންވެސް ވަނީ، ކޮވިޑް-19އަށް ދުނިޔެއިން ދިން އިޖާބަ މުރާޖައާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ތަސްދީގުކުރި ގަރާރު ބަލައިގެންފައެވެ.
ހުޅުދުއްފާރު މީހަކަށް އިނގެޔޯ ތީގެ ހަގީގަތް...