މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތް ދިނުމުގައި ދުރުދުރުގައި ތިބެވޭ ގޮތަށް ސީޓް ފާހަގަކޮށް ފެރީއާއި ބަސްދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަދުން ފެށިގެން ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ނިންމާފައި ވާއިރު އެ ލުއިތަކުގެ ތަފްސީލްތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި ބަސް އަދި ފެރީދަތުރުތައް ކުރާއިރު ދުރުދުރުގައި ދަތުރުވެރިންނަށް ތިބެވޭނެ ގޮތަށް ސީޓްތައް ފާހަގަކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފާއެވެ.

މާލެ ސަރަހައްދުގައި ދުއްވާ ފެރީތަކުން އަމަލުކުރަން ޖެހޭ ކަންކަމުގެ ތެރޭގައި މިހާރު ފެރީތަކުގައި ހިދުމަތްދޭ އިރު ބަލަމުންދާ ކަންކަމުގެ އިތުރުން ފެރީގެ ސީޓްތައް ދުރުދުރުގައި ތިބޭނެ ގޮތަށް ފާހަގަ ޖަހާ އިންތިޒާމު ކުރުން ހިމިެނެއެވެ. މީގެ އިތުރުން މާސްކް އެޅުމަކީ މުހިއްމު ކަމެއް ކަމަށާއި ފެރީތަކުގައި ސެނިޓައިޒާ ބަހައްޓަން ވާނެ ކަމަށް ވެސް ވެއެވެ. އަދި ގަވާއިދުން ފެރީ ސާފު ކުރަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.

މާލެ ސަރަހައްދުގައި ދުއްވާ ބަސްތަކުގައިވެސް އަމަލުކުރަން ޖެހޭ އުސޫލުތަކެއް ބަޔާން ކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ގައިދުރުކަން ގާއިމްކުރަން ސީޓްތައް ފާހަގަކޮށްފައި ބެހެއްޓުމަށާއި، ބަސްތެރޭގައި ވައި ބޭރުކުރުމަށް ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުމަށެވެ. މީގެ އިތުރުން މާސްކް ބޭނުން ކުރުމާއި ސެނެޓައިޒާ ބޭނުން ކުރުމަކީވެސް މިހާރުވެސް ބަސްތަކުގައި ކަންކުރަމުން އަންނަ ކަމެކެވެ.

ޕަބްލިކް ޓްރާންސްޕޯޓުގެ އިތުރުން މިއަދުން ފެށިގެން ޓެކްސީ އަދި ޕިކަޕް ހިދުމަތް ދިނުމުގެ ހުއްދަ ދެވިފައިވާ ކަމަށް އެ ލުއިތަކުގައި ހިމެނެއެވެ. ޓެކްސީ ދަތުރުތައް ކުރާއިރު ޓެކްސީ ޑްރައިވަރު އަދި ފަސިންޖަރުން މާސްކް އަޅަން ޖެހެއެވެ. ފަސިންޖަރަށް އެރޭނީ ފަހަތު ސީޓަށެވެ. ކާރުގައި ޕާޓިޝަން ޖެހުމާއެކު އޮންލައިންކޮށް ލާރި ދެއްކުމާއި އުޅަނދުގެ ކުޑަދޮރުތައް ހުޅުވާފައި ބަހައްޓަން ޖެހެއެވެ. އަދި ޓެކްސީ ހިދުމަތް ހޯދާނީ ހަމައެކަނި ސެންޓަރުން ނުވަތަ އެޕުން ބުކް ކޮށްގެންނެވެ. ދަތުރެއްގައި އުޅޭއިރު އިތުރު ދަތުރުތައް ނުނެގުމާއި، ފަސިންޖަރުންގެ ލޮގެއް ބެހެއްޓުމުގެ އިތުރުން ކޮންމެ ދަތުރަކަށް ފަހު ސާފު ކުރަން އުސޫލުތަކުގައި އަންގާފައި ވެއެވެ.