ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ މައްސަލައިގައި އުފެދިފައިވާ ހިޔާލު ތަފާތު ވުން ހައްލު ކުރަން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްކުރީ މިރޭ އެކަމަށްޓަކައި މަޖިލީހުގައި ބޭއްވި ޖަލްސާގައެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި ވިދާޅުވެފައި ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކްލަ ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ބޭއްވިފައި ނުވާ ކަމަށެވެ. އަދި އިންތިހާބު ފަސްކުރުމަށް ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅާ އަންނަ އަހަރުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް އަންނަ މަހުގެ ތިންވަނަ ދުވަހު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މެންބަރުކަމުގެ ދައުރު ހަމަވާ ކަމަށާއި އެއަށްފަހު އެ މަގާމުތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެ ކަމަށް ގަރާރުގައިވެއެވެ. އަދި އެ ގާނޫނީ ހުސްކަން ފޫބެއްދުމަށް ސަރުކާރުން ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށްވެސް ގަރާރުގައިވެއެވެ. މީގެއިތުރުން ކޮވިޑް19 ގެ މިހާލަތުގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުން އިއްތިފާގު ނުވާތީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ދެއްވުމަށް ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވަނީ އެދިވަޑައިގެންފައެވެ.ޕޮ

މި މައްސަލައިގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ބައެއް މެންބަރުން ވަނީ މި ވަގުތަކީ ގާނޫނު އަސާސީ އިސްލާހު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ. އެހެން ބައެއް މެންބަރުން ވަކާލާތު ކުރެއްވީ ގާނޫނު އަސާސީ އިސްލާހު ކުރާށެވެ. އެ މައްސަލައިގައި ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައިވެސް ހިޔާލު ތަފާތުވެ، ބައެއް މެންބަރުން ވަނީ ވިޕްލައިން އޮތަސް އެ އިސްލާހު ފާސްކުރަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.