ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ ވެސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލެއްވެމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރޭ ޖަލްސާ ފަށާނީ 9:00ގައި ކަމަށެވެ. މިރޭ ކުރިއަށް ގެންދަނީ މިއަދު މެދުކަނޑާލި ޖަލްސާގެ ނުނިމި އޮތްބައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރު ކުރިޔަށް ގެންދަނީ އަންނަ މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާން އުޅޭ ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ސަރުކާރުން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސެވެ.

މި އިސްލާހަށް އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. އެގޮތުން ބައެއް މެންބަރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެ އިސްލާހު ފާސްކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައި ވަނިކޮށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ވަނީ ސަރުކާރާއި ޕާޓީން ވެސް އަންގާ ގޮތަށް ވޯޓު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

ގާނޫނުއަސާސީ އަށް މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު މީގެކުރިން އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ވެސް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. ނަމަވެސް ބަންޑާރަ ނާއިބު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.