އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޓްވީޓެއްގައި، ޓްވިޓާ ކުންފުނިން 'ފެކްޓް ޗެކް' ޓެގު އަޅުވައިފިއެވެ.

މިއީ މިފަދަ ކަމެއް ޓްވިޓާއިން ކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅިގެން ޓްރަމްޕް ކުރެއްވި ޓްވީޓްގައި، ޓްވިޓާއިން ފެކްޓް ޗެކް ލޭބަލް ޓެގް އެޅުވީ، އެ ކުންފުނީގެ އާ ސިޔާސަތުގެ ދަށުން، ހަގީގަތް އޮޅޭ ފަދަ މައުލުމާތުތަކެއް އެ ޓްވީޓްގައި ހުރި ކަމަށް ބުނެއެވެ.

މިއާއެކު ޓްރަމްޕްވެސް ހިމޭނަކުން ނުހުންނެވިއެވެ. ޓްރަމްޕްގެ ޓްވީޓްގައި ޓެގް އެޅުވުމާއެކު، ސޯޝަލް މީޑިއާ ކުންފުނިން ދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ތޮޅެމުން ކަމަށް ވިދާޅުވެ ޓްރަމްޕް އިތުރު ޓްވީޓްއެއް ކުރެއްވިއެވެ. އަދި ރައީސްގެ ހައިސިއްޔަތުން އެފަދަ ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. މީގެ އިތުރުން މިއަހަރު އޮތް ރިޔާސީ އިންތިހާބަށްވެސް ޓްވިޓާއިން އެދަނީ ނުފޫޒު ފޯރުވަމުން ކަން ދޭހަވާފަދަ ވާހަކަތަކެއްވެސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފައެވެ.

ކަންމިހެން އޮތް ނަމަވެސް ޓްވިޓާއިންވަނީ އެ ޕްލެޓްފޯމު މެދުވެރިކޮށް ފަތުރަމުންދަ ދޮގު ޚަބަރާ، ހަގީގަތް އޮޅޭ ފަދަ މައުލޫމާތު އިސްލާހު ކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ވައުދުވެފައެވެ.

ޓްވިޓާއިން އެ ކުންފުނީގެ ސިޔާސަތުތަކާ، އިންޒާރުގެ ލޭބަލްތަކަށް އިސްލާހީ ބަދަލުތަކެއް ގެނެސް އާންމު ކުރީ މި ހިނގާ މެއި މަހުގެ ތެރޭގައެވެ.