ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖާކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅުމަށް ސަރުކާރުގައި އެދެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް މުރާޖާކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހަށް ސިޓީއަކުން ހުށަހަޅާފައެވެ. ހަމައެއާއެކު ޕެންޝަންގެ އެއް ސްކީމަށް ވުރެ ގިނަ ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކުން ކޮންމެވެސް އެއް ސްކީމެއް އިހުތިޔާރު ކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވެސް ފިނޭންސުން ފޮނުވި ސިޓީގައި އެދިފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން އިއްޔެ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ މިކަމުގައި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތުމަތު ފިލްޒާގެ ފަރާތުން ގާނޫނީ ލަފައެއް ހޯއްދަވާފައިވާ ކަމަށެވެ. އެގޮތުން ފިލްޒާދެވި ގާނޫނީ ލަފައަކީ ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖައާ ކުރުމާއި ޕެންޝަންގެ އެއް ސްކީމެއް އިހްތިޔާރު ކުރަންޖެހޭ ގޮތަށް ބަދަލު ގެނެވޭނީ ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހެއް ހުށަހަޅައިގެން ކަމަށް ނާޝިޒު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މަޖިލިސް

އެހެންކަމުން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހެއް ހުށަހަޅަން އެދުމަށް އެ ކޮމިޓީގައި ނިންމިއެވެ. އަދި ފިނޭންސް މިނިސްޓްރީން ފޮނުވި ސީޓީއަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރައީސަށް އެންގުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވިއެވެ.އަދި އެ ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ތާއީދު ކުރައްވާ އެ ހުށަހެޅުން ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000 ރުފިޔާ އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000 ރުފިޔާ ގެ އިނާޔަތެއް ދައުލަތުން ދޭންޖެހެއެވެ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދަށް އިތުރު 50،000 ރުފިޔާ ދިނުމުގެ އިތުރަށް މުޖްތަމައަށް ފައިދާހުރި މަސައްކަތެއް ކުރައްވާނަމަ އޮފީސް ހިިންގުމުގެ ހަރަދަށް ވެސް މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.

ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. މި 4 ބޭފުޅުންގެ ތެރެއިން އެއް ދައުރަށްވުރެ ގިނަ ދައުރުގައި ރައީސް ކަން ކުރައްވާފައި ވަނީ ރައީސް މައުމޫންއެވެ. އަދި ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރުމަށް އެމަނިކުފާނު ވަނީ ތާއީދުވެސް ކުރައްވާފައެވެ.

ކޮވިޑް އާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން މިހާރު ތިއްބެވި ރައީސާއި، ނައިބު ރައީސާއި، ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ މެންބަރުންގެ މުސާރަ އުނިކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.