މިދިޔަ ހުކުރު ދުވަހު ވެއްޓުނު ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ-8303 ދުއްވަން އިން ޕައިލެޓަށް އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުން 3 ފަހަރެއްގެ މަތިން ދިން އިރުޝާދަށް ފުރަގަސްދީފައިވާކަމަށް، އެ ޓަވަރުން އާންމުކުރި ހާދިސާގެ ރިޕޯޓް ބުނެފިއެވެ.

އެގޮތުން ބޯޓު ދަތުރުކުރަމުންދިޔަ އުސް މިނާ، ބޯޓުގެ ސްޕީޑްއާއި ގުޅިގެން ޓަވަރުން ކަންބޮޑުވުން ފާޅުކުރުމުންވެސް ހާލަތާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށާ، އެ މަސްރަހު އޭނާ އަމިއްލައަށް ހަމަޖައްސާލާނެ ކަމަށް ޕައިލެޓް ބުނެފައިވާކަމަށް އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓްއާއި ދާދި ކައިރިން، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ޕީކޭ-8303 ވެއްޓި، 97 މީހެއްގެ ފުރާނަ ގެއްލުނު ހާދިސާއަކީ، ޕާކިސްތާނުގެ ވައިގެ އުދުހުންތަކުގެ ތާރީޚު ދުށް އެންމެ ކަޅު އެއް ހާދިސާއެވެ.

އޭޓީސީ ރިޕޯޓް ބުނާ ގޮތުގައި ލާހޯރްއިން ފުރައިގެން ކަރާޗީއަށް ދަތުރުކުރަމުންދިޔަ އޭއާބަސް އޭ-320 މަރުކާގެ އެ ބޯޓު ވެއްޓުނުއިރު ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓްއާއި ދެމެދު ހުންނާނީ ގާތްގަނޑަކަށް 15 ނޯޓިކަލް މޭލެވެ. ޕައިލެޓަށް ފުރަތަމަ އިންޒާރު ދިން އިރު ބޯޓު ދަތުރު ކުރަމުންދިޔައީ ބިމުގެ ސަތަހައިން ފެށިގެން 10000 ފޫޓު މަތިން ކަމަށާ، ނަމަވެސް އެ ދުރުމިނުގައި ބޯޓު އޮންނަންޖެހޭނެ ހަގީގީ އުސް މިނަކީ ބިމުގެ ސަތަހައިން ފެށިގެން 7000 ފޫޓު ކަމަށްވެސް އޭޓީސީގެ ރިޕޯޓްގައިވެއެވެ.

އެއާޕޯޓްއާއި 10 ނޯޓިކަލް މޭލަށް ކައިރިވިއިރު ބޯޓު އުދުހެމުންދިޔައީ 3000 ފޫޓުގެ ބަދަލުގައި 7000 ފޫޓު މަތީގަކަމަށް އޭޓީސީ ރިޕޯޓް ބުނެއެވެ. އެހާ ހިސާބުންވެސް ބޯޓު ތިރިކުރުމަށް ޕައިލެޓަށް 2 ވަނަ ފަހަރަށް ޓަވަރުން އިންޒާރު ކުރިއެވެ. އެ ފަހަރުވެސް ޕައިލެޓް ބުނަމުންދިޔައީ ހުރިހާ ކަމަކާ އޭނާ ހިތްހަމަޖެހޭ ކަމަށެވެ. އަދި ރަންވޭއަށް ބޯޓު ޖައްސަން ތައްޔާރު ކަމަށެވެ.

ޕާކިސްތާނުގެ ތަހުގީގު ޓީމުން މިހާރު ބަލަމުންދަނީ މި ހާދިސާއަކީ ޓެކްނިކަލް މައްސަލައެއް ޖެހިގެން ދިމާވި ހާދިސާއެއްތޯ ނުވަތަ ޕައިލެޓަށް ހެދުނު ގޯހަކުން ދިމާވި ގޯހަކުން ހިނގި ހާދިސާއެއް ތޯއެވެ.

ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން އާންމު ކޮށްފައިވާ ރިޕޯޓަށް ބަލާއިރު، ފުރަތަމަ ފަހަރު ރަންވޭއަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކުރިމަތިވި މައްސަލަތަކެއްގައި ރަންވޭގައި ބޯޓުގެ އިންޖީނުގަނޑު 3 ފަހަރަކު ވަނީ ގޭނިފައެވެ. މި ގޭނުމުގައި ބޯޓުގެ ތެޔޮ ޓޭންކުން ލީކުވެ، ބޯޓުގެ ފުރިހަމަ ކޮންޓްރޯލް ޕައިލެޓަސް ގެއްލި މަސްރަހު ނުރައްކާ ވީ ކަމުގައި ވުން އެކަށީގެންވާކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ފުރަތަމަ ފަހަރު ޖައްސަން ފެއިލްވުމުން، ވަށާ ބުރެއް ޖަހާފައި އައުމަށް ނިންމި ނިންމުމަކީ ޕައިލެޓްގެ އެކަނި ނިންމުމެއް ކަމަށާ، ބޯޓުގެ ލޭންޑިންގް ގިއަރުގައި މައްސަލަ އުޅޭކަމަށް ޕައިލެޓް ރިޕޯޓްކޮށްފައިވަނީވެސް އަނބުރާލާފައި ދިޔަ ދަތުރުމަތީގައިކަމަށްވެސް ރިޕޯޓް ބުނެއެވެ. އެހާ ހިސާބުން 3000 ފޫޓަށް ބޯޓު އުފުލަން ޕައިލެޓަށް އިރުޝާދު ދިން ކަމަށާ، ނަމަވެސް ބޯޓަށް އޭރު އެންމެ މައްޗަށްވެސް އެރުނީ 1800 ފޫޓަށް ކަމަށް ކޯ ޕައިލެޓް ވަނީ ރިޕޯޓްކޮށްފައެވެ. ބޯޓުގެ ކޮންޓްރޯލް ގެއްލި، ބޯޓު އެއް ފަރާތަކަށް އަރި އަޅާލައިގެން ގޮސް ވެއްޓުނީ ދެނެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ޓެކްނިކަލް ޓީމުން ބުނާ ގޮތުގައި ބޯޓުގެ ޗެކަޕްއެއް އެންމެ ފަހުން ހަދާފައިވަނީ މިއަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ހާދިސާގެ 1 ދުވަސް ކުރިން އެ ބޯޓު ވަނީ މަސްކެޓުން ލާހޯރްއަށްވެސް ދަތުރުކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން، ޕާކިސްތާނުގެ ޑޮމެސްޓިކް އުދުހުންތައް ވަނީ މަޑުޖައްސާލާފައެވެ.