އުމުރުން 80 އަހަރުގެ ފަޒާލް ރަހުމާންއާއި އޭނާގެ އަނބިމީހާ، ވާހިދާ ރަހުމާން، 74، ޕާކިސްތާނުގެ ލާހޯރު ސިޓީއިން ކަރާޗީއަށް ވައިގެ މަގުން ކަރާޗީއަށް ޗުއްޓީ ދަތުރު ފެށުމާއެކު އާއިލާގެ އެންމެ ބޮޑު ނުތަނަވަސް ކަމަކަށްވީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށް އެ މުސްކުޅި ދެމަފިރިން ވެދާނެ ކަމުގެ ބިރެވެ.
ކަން ދިމާވީ އެހެނެއް ނޫނެވެ. ކައިވެންޏަށް 54 އަހަރު ގުނި މި ދެމަފިރިން އެކުގައި މި ދުނިޔެއިން ވަކިވެދިޔައީ ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ވެއްޓިއެވެ. އޭއާބަސް އޭ-380 މަރުކާގެ މަތިންދާ ބޯޓު މިދިޔަ ހުކުރު ދުވަހު ވެއްޓުނުއިރު އެ ހާދިސާގައި މަރުވި 97 މީހުންގެ ތެރޭގައި ފަޒާލްއާއި ވާހިދާވެސް ހިމެނެއެވެ. މި ހާދިސާއަކީ 2012 ވަނަ އަހަރަށްފަހު ޕާކިސްތާނުގެ ވައިގެ އުދުހުންތަކުގެ ތާރީޚު ދުށް އެންމެ ހިތްދަތި ހާދިސާއެވެ.
"ޑޮކްޓަރުންނާ ވަރަށް މަޝްވަރާކުރުން. އާއިލާ މެމްބަރުންވެސް ވަރަށް މަޝްވަރާކުރި. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރައްކާތެރިކަމާއެކު އެމީހުންނަށް ދަތުރުކުރެވިދާނެ ކަމާ މެދު އޮތް ކަންބޮޑުވުމެއް" ފަޒާލްއާއި ވާހިދާގެ ދަރިފުޅު އިނާމުއްރަހުމާން ބުންޏެވެ.
ރަމަޟާން މަހުގެ އަޅުކަން ނިންމާ، މުސްލިމުންނާ ބައްދަލުކުރާ ބަރަކާތްތެރި ފިޠްރު ޢީދުގެ މުނާސަބާ، މައިންބަފައިންނާއެކު ފާހަގަކުރުމުގެ ފޮނި ހުވަފެންތައް ދެކެމުންދިޔަ އިނާމުއްރަހުމާން، ވަގުތުތައް ހޭދަކުރީ ބޯޓުވެއްޓި، ސުންނާފަތިވެފައިވާ ސަރަހައްދުގައެވެ. ވެއްޓިފައިވާ އިމާރާތުގެ ބައިތަކާ، ބޯޓުގެ ބައިތަކުގެ ތެރެއިން، އަތްފުނާ އަޅަމުންދިޔައީ، ކޮންމެވެސް ގޮތަކުން އޭނާގެ މައިންބަފައިން ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދުގައެވެ.
"ކާރަށް އަރައިގެން އަހަރެން ދުއްވީ ދުންގަނޑާ ދިމާލަށް. އެމްބިއުލާންސްތައް ފަހަތުން ދިޔައީ. އެ ހިސާބަށް ދެވުނުއިރު އެނގިއްޖެ ވަރަށް ބޮޑު ނަސީބަކުން ނޫނީ މައިންބަފައިން ސަލާމަތް ނުވާނެކަން" އިނާމުއްރަހުމާން ކިޔައިދިނެވެ.
ބޯޓު ވެއްޓުނީ އާންމުން ދިރިއުޅެމުންދިޔަ ހިސާބަކަށެވެ. ނަމަވެސް ހަމަބިމުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމަކަށް ރިޕޯޓްކޮށްފައެއް ނެތެވެ. 24 ގެ ފުނޑުފުނޑުވެ، ބިމާ ހަމަވިއެވެ. ކަރަންޓު ވަޔަރުތަކާ ނަރުތަކުން މުޅި ސަރަހައްދު އޮތީ މަސްހުނިގަނޑަކަށްވެފައެވެ. ބޯޓުގެ އެއް އިންޖީނުވެސް އޮތީ ގެއެއްގެ ފާރުގައި ލައްވެފައެވެ.
އަރައިގެންދިޔަ ގަދަ ދުންގަނޑަކީ، ބޯޓުން ބޭރުވި ތެލާއެކު ހިނގި އަލިފާނުގެ ހާދިސާއިން އެރި ދުންގަނޑެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ރެސްކިއު ޓީމުގެ މެމްބަރަކު ބުނީ 2 މީހެއްގެ ހަށިގަނޑު ފެނުނުއިރުވެސް އޮތީ އޮކްސިޖަން މާސްކު އަޅާފައި ކަމަށެވެ. ކަންމިހެން އޮތްއިރު، ފެނުނު އަނެއްބައި ހަށިގަނޑުތަކަކީ ކޮންބައެއްކަންވެސް ވަކިކުރަން ނޭނގޭ ވަރަށް ވަނީ، އަނދާފައެވެ.
އުމުރުން 45 އަހަރުގެ ޝާހިދު އަހުމަދަކީވެސް އޭނާގެ މަންމަ ބަލާ، އެއާޕޯޓަށް ގޮސް ހުރި މީހެކެވެ. ނަމަވެސް އޭނާގެ މިސްރާބުވެސް ބަދަލުކުރަންޖެހުނީ ބޯޓު ވެއްޓުނު ސަރަހައްދަށެވެ. ފެނުނު މަންޒަރުތަކުން އޭނާ އައީ ރުޅިއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޓީމުތައް ހަރަކާތްތެރިވަމުންދިޔައިރު، ސެލްފީ ނެގުމުގައި އުޅުނު މީހުން ފެނުމާ، ތަނުގައި އިންތިޒާމެއް ނެތްކަން އެނގުމުންނެވެ.
"އެތަނުގައި ނެތް ޒިންމާދާރު ވެރިއެއް. އެ ހާލުގައިވެސް ފޮޓޯ ނެގޭތޯ އުޅުނު މީހުން ތިބީ" ބޯޓު ވެއްޓުނު ހާދިސާގައި މަރުވި އުމުރުން 75 އަހަރުގެ ދިޝާދު ބޭގަމްގެ ޝާހިދު ކިޔައިދިނެވެ.
ޝާހިދުވެސް އޭނާގެ މަންމަ ފެނޭތޯ އެ ހައިޖާނުގަނޑުގައި އަތްފުނާ އެޅިއެވެ. ކާމިޔާބުވާ ގޮތް ނުވެގެން މިސްރާބުޖެހީ ހޮސްޕިޓަލުތަކަށެވެ. ނަމަވެސް އެތަނުންވެސް އެދެވޭ ގޮތެއް ނުވިއެވެ. މަރުވި މީހުންނާ ޒަހަމްވީ މީހުންގެ ލިސްޓެއްވެސް ނެތެވެ. ހުރިހާ ދިމާލަކުންވެސް އޮތީ އިންތިޒާމު ގެއްލިފައި ކަމުގެ ޝަކުވާ ޝާހިދު އުފުލިއެވެ.
"މަންމަގެ ހަށިގަނޑު ހޯދަން އުޅުނު ގޮތަކީ ބިރުވެރި ހުވަފަނެއް ފަދަ ހަގީގަތެއް" ޝާހިދުގެ ޖަޒުބާތުތައް ބޭރުކޮށްލިއެވެ.
ބޯޓުން ދަތުރުކުރި 2 ފަސެންޖަރަކު ވަނީ ސަލާމަތްވެފައެވެ. އޭގެ ތެރެއިން އެކަކީ މުޙައްމަދު ޒުބައިރުއެވެ. އޭނާ ކިޔައިދޭ ގޮތުގައި ބޯޓު ޖައްސަން ވަރަށް ގާތްކޮށްލިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތް ނުވެގެން އަނެއްކާވެސް ބޯޓު އުދުއްސާލިއެވެ. ދެވަނަ ފަހަރަށް ބޯޓު ޖައްސަން އުޅޭކަން ޕައިލެޓް އިއުލާން ކުރި ކަމަށާ، ބޯޓު ވެއްޓުނީ ދެންކަމަށް، ހޮސްޕިޓަލުގައި އޮވެ މީޑިއާއަށް މައުލޫމާތު ދެމުން ޒުބައިރު ވަނީ ކިޔައިދީފައެވެ.
އިނާމުއްރަހުމާންއާއި އޭނާގެ އާއިލާ އަދިވެސް އޮތީ ޝޮކެއްގައެވެ. ޢީދުގެ އުފަލުން އެންމެ މިންވަރެއްވެސް އެ އާއިލާއަކު ނެތެވެ. ލިބުނުހާވެސް ހިތްހަމަޖެހުމަކީ އަބަދުވެސް އެކަކު އަނެކަކާ އެކުގައި ވުމަށް އެދެމުންދިޔަ މަންމައާއި ބައްޕަ، އެކުގައި ނިމި ދިއުމުގެ ހިތްހަމަޖެހުން އެކަނި ކަމަށްވެސް އިނާމުއްރަހުމާން ބުންޏެވެ.