ފަރުވާ ނުދެވި ށ. ނަރުދޫ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިއަކު މަރުވި މައްސަލައެްއ ފެންމަތިވެއްޖެއެވެ.

އެ ހާދިސާ ހިނގާ ދިޔަ ގޮތް "ދަ ޕްރެސް"އާ ހިއްސާ ކުރަމުން މާބަނޑު މީހާގެ ފިރިމީހާ ބުނީ ބަނޑުބޮޑުވީއްސުރެ ޑޮކްޓަރަށް ދައްކަމުން ދިޔައީ ށ. ފުނަދޫގައި ހުންނަ އަތޮޅުގެ ހޮސްޕިޓަލުގެ ހާއްސަ ގައިނީ ޑޮކްޓަރަކަށް ކަމަށެވެ. ކޮވިޑާ ގޮޅިގެން ކުރި ލޮކްޑައުންގައި އެއްކޮށް ދަތުރުކުރުން ހުއްޓާލުމާ ގުޅިގެން ދެން ޑޮކްޓަރަށް ދެއްކޭން ގޮތެއް ހަމަ ޖެހިގެން ނުދިޔަ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ޑޮކްޓަރަށް ދައްކަން ބުނެފަ އޮތް 15 ދުވަސް، ލޮކްޑައުން އައި އިރު ހަމަ ނުވާ ކަމަށް އޭނާ ބުނެއެވެ.

15 ދުވަސް ހަމަވާން ކައިރި ވުމުންވެސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަ ޖެހޭތޯ ވަރަށް މަސައްކަތް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. އެގޮތުން މިލަންދޫ އާއި ފުނަދޫއަށް ދިއުމަށް މަސައްކަތް ކޮށްފައި ވާ ކަމަށްވެސް ބުންޏެވެ. ނަރުދޫގެ ކައުންސިލުން ހުއްދަ ލިބުނު ނަމަވެސް އެންމެ ފުރަތަމަ ފަހަރު މިލަންދޫއަށް ދިއުމަށް އެރަށުން ހުއްދަ ނުދިން ކަމަށް އޭނާ ބުނެއެވެ. އެފަހަރު ނުދެވުމުން ޑޮކްޓަރަށް ނުދެއްކި ހުރީ ކަމަށް އޭނާ ކިޔައި ދިނެވެ.

އޭގެ ފަހުން ފުނަދޫއަށް ދިއުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެރަށަށް ނާރުވާން ހޮސްޕިޓަލުން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކަމަކާ ގުޅިގެން ށ. ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ ހޮސްޕިޓަލަށް ދައްކަން އެ ރަށަށް ދިޔަ އެއްވެސް މީހަކު ރަށަށް ނާރުވާ ނޯންނާނެ ކަމަށާއި، ހޮސްޕިޓަލުން ދެކޮޅު ހެދިކަމުގެ ވާހަކައެއް ދެއްކި ކަމަށެވެ.

"ކުރުކޮށް ބުނަންޔާ ނަރުދޫ ބައެއް ވީމައި ނާރުވަން ހަމަ އުޅުނީ ފުނަދޫ ހޮސްޕިޓަލުން"
ކުއްޖާގެ ބައްޕަ

މާބަނޑު މީހަކު ޑޮކްޓަރަށް ނުދެއްކި ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަމިއްލައަށް ގުޅަިއގެންވެސް އެކަން ހަމަޖެހޭނެ ގޮތް ނުވި ކަމަށް އޭނާ ބުނެއެވެ. ހެލްތް މިނިސްޓަރުން ފެށިގެން އެ މިނިސްޓްރީގެ ނައިބުންނާ ހަމައަށްވެސް އަމިއްލައަށް ގުޅައިގެން ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހޭނެ ގޮތެއް ވޭތޯ ވާހަކަ ދައްކާފައި ވާނެ ކަމަށް އޭނާ ކިޔައިދިނެވެ.

އެގޮތަށް ޑޮކްޓަރަށް ނުދެއްކި ދޮޅުމަސް ވޭތުވެގެން ގޮސް، އެންމެފަހުން މިއަދު ށ. މިލަންދޫއަށް ދެވޭ ގޮތްވެ، ގޮސް ޑޮކްޓަރަށް ދެއްކުމުން ކުއްޖާގެ ވިންދު ހުރިހެން ހީ ނުވާ ކަމަށާއި ކުޅުދުއްފުއްޓަށް ދިއުމަށް އެދުނު ކަމަށް އޭނާ ކިޔައިދިނެވެ.

"މާބަނޑު އަންހެނަކު ޑޮކްޓަރަށް ނުދެއްކުނީ ކޮން ސަބަބަކާހެދި ކަމެއް އަޅުނަޑަކަށްވެސް ނޭނގޭ ފުނަދޫ ހޮސްޕިޓަލުން. ނަމަވެސް އެއަކަށް އެއްވެސް ޖަވާބެއް އައިސްފައެއް ނުވޭ. އޭގެ 2 ދުވަސް ފަހުން ހަމަޖެހޭނޭ ދައްކަން ދާށޭ ކިޔާފަ އައި ކޯލެއް. އޭރު އަޅުގަނޑު އޮތީ މިއަދަށް ހަމަޖައްސާފަ މިލަންދޫއަށް ދަށްކަން ދާން. ދިއުމުން ބުނީ ބަލާފަ ދަރިފުޅުގެ ވިންދު ހުރިހެން ހީނުވޭ، ދާށޭ އަވަހަށް ކުޅުދުއްފުއްޓަށް"
ކުއްޖާގެ ބައްޕަ

މި ކަމާ ގުޅިގެން ނަރުދޫގެ ސިއްހީ މަރުކަޒުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށައި މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށްރަށަށް އެރުމަށް ހުއްދަ ދިނުމުގެ ކަންތައްތަށް ނިންމަނީ އެޗްޕީއޭން ކަމަށެވެ. ނަމަވެސް އިއްޔެ ފުނަދޫއަށް އައުމަށް އެމީހުން އެދުމުން އެރަށު ހޮސްޕިޓަލުގައި ކޮންސްޓަރަކްޝަންގެ މަސައްކަތެއް (ކޮވިޑަށް ފަރުވާ ދޭން ހަދާ ވަކި ސަރަހައްދެއް) ހަދަމުން ދާތީ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖެހޭނެ ގޮތެއް ހެދުމަށް މަސައްކަތް ކޮށްދީފައި ވާނެ ކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓަށް ގުޅައިގެން އެކޮޅުން ހުރިހާ އިންތިޒާމެއް ހަމަޖެހޭނެ ގޮތް ހައްދަވައިދެއްވި ކަމަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިލަންދޫއަށް ދިއުމަށްވެސް އެދިވަޑައިގެންނެވި ކަމަށާއި އެވަގުތު ހަދަން ޖެހޭ ޓެސްޓްތަށް އެ ރަށުން ހެދޭގޮތް ހަމަޖެހިފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އާސަންދަވެސް ހަމަޖެހިފަ. އެބޭފުޅާ ނުދިޔައީ ހަމަ ގަސްތުގަ. ކުޅުދުއްފުށިން ހަވާލުވެ ހުރި ބޭފުޅެއް ކައިރީ ބުނި ކަމަށް ވަނީ ހަމަ ނުދާނެ ކަމަށް އިއްޔެ. ނަމަވެސް މާދަމާ (މިއަދު) ކަމަށް. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ބޭފުޅުންނަށްވެސް އިނގޭނެ އެ ކަންތަށް ހިނގާ ދިޔަ ގޮތް"
ހޮސްޕިޓަލް މެނޭޖަރު

އެގޮތުން އާސަންދަ ހަމަޖެހިފައި ވާނެ ކަމަށާއި ދަތުރު ކުރުމުގެ ހުއްދަވެސް ހަމަޖައްސަ ދީފައި ވީ ނަމަވެސް އިއްޔެ ދިއުމަށް މާބަނޑު މީހާގެ ފިރިމީހާ ދެކޮޅު ހެދިކަމަށް އޭނާ ވިދާޅުވިއެވެ.

މާބަނޑު މީހާގެ ފިރިމިހާ ބުނާ ގޮތުން އެއީ ފުނަދޫ ހޮސްޕިޓަލުގެ އިހުމާލަކުން ވެފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ފުނަދޫ ހޮސްޕިޓަލުގެ އޯޓީގައި ކޮންސްޓަރަކްޝަންގެ މަަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިވަގުތު އެ ރަށުގެ ކަންކަން ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމަށް ފުނަދޫ ހޮސްޕިޓަލުން ބުނެއެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ އުނދަގޫތަށް ކުރިމަތި ވާ ކަމަށް ވާއިރު، ރޭގަނޑާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަނީ އެތަން ނިންމާ ވީހާވެސް އަވަހަކަށް ހިދުމަތް ދޭން ފެށަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އިއްޔެ އާސަަންދަ ހަމަޖެހިފައި ވާނެ ކަމަށާއި އިއްޔެ އެ ހޮސްޕިޓަލަށް އައުމަށް ވެސް އެދިފައި ވާނެ ކަމަށެވެ. ނަމަވެސް އެ މީހުން އައިސްފައި ވަނީ މިއަދު ކަމަށެވެ.