ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުގެ ނިޔަލަށް ބަންގްލަދޭޝްއަށް ނިސްބަތްވާ 1000 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
ފޮރިން މިނިސްޓރްްރީން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގަ އާއި ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ގައުމީ އެއާލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝްގެ ސަރުކާރު ގުޅިގެން ކުރިއަށްދާ މިމަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.
ލިޔެކިޔުން ނެތް، މީހުންގެ ތެރެއިން ގައުމަށް އަނބުރާ ދާން ބޭނުންވި ބަންގްލަދޭޝް މީހުން އެ ގައުމަށް ފޮނުވާލުމަށް މިދިޔަ ހަފްތާގައިވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިންޑިއާއި ބަންގްލަދޭޝްއަށް ކުރިމަތިވި ބާރުގަދަ ތޫފާން އަމްފާންއާ ގުޅިގެން އެ ފްލައިޓް ކެންސަލްވެފައި އޮތުމަށް ފަހު މިއަދު އަނެއްކާވެސް 160 މީހުން ވަނީ އެ ގައުމަށް ފޮނުވާލައިފައެވެ.
މިއަދު ފޮނުވާލެވުނު މީހުންގެ އިތުރުން އިއްޔެ ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 352 މީހަކު އެ ގައުމަށް ފޮނުވާލައިފައެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓުގައި ފޮނުވާލެވި ފައިވާ 68 މީހަކާއި މިމަހުގެ 16 ވަނަ ދުވަހު ބީމަން އެއާގައި ފޮނުވާލެވި ފައިވާ 353 މީހަކާއި 17 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓެއްގައި ފޮނުވާލި 67 މީހެއްގެ އިތުރުން މިއަދު މޯލްޑިވިއަންގައި ފޮނުވާލި މީހުންނެވެ.