މުސްލިމުންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކާ ހިންގާ އަމަލުތަކާ ދެކޮޅަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ދެއްވި ހާއްސަ ބަޔާނުގައި ގުޓެރޭޒް ވަނީ، ނިމެމުން މިދާ ބަރާކްތްތެރި ރަމަޟާން މަހުން އިބްރަތް ހާސިލުކޮށް، އެކަކު އަނެކަކަށް ރަހުމްކޮށް، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކޮށް އެއް ބަޔަކު އަނެއް ބަޔަކާއެކުގައިވުމަށް ގޮވާލައްވާފައެވެ.

ހަމަ މިއާއެކު ގުޓެރޭޒްވަނީ މުޖުތަމައުގެ މެދުގައި އާބާދީގެ ނިސްބަތުން ބައިމަދު ޖަމާއަތްތަކުގެ މީހުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތަކާ، އެ ފަދަ ފަރާތްތަކާ މެދު ނަފުރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކަށް ނިމުމެއް ގެނެސް، އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާފައެވެ. އެގޮތުން މި ވަގުތަކީ މާޒީ ނުދެކޭ ފަދަ ދަރަޖައަކަށް އެންމެން އެއްބައިވެ، އެކަތިގަނޑަކަށްވާންވީ ވަގުތު ކަންވެސް ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

މުސްލިމުންނާ ބައްދަލުކުރާ ފިޠުރު ޢީދު މުނާސަބާއާއި ކުރިމަތިލާންޖެހިފައި މިވަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ތެރޭގައި ކަން ފާހަގަކުރައްވަމުން ގުޓެރޭޒްވަނީ، މި ބަލިމަޑުކަމަކީ ދުނިޔެއަކީ އެކަތިގަނޑެއްގެ ގޮތުގައި އޮތް ތަނެއްކަން ކިތަންމެ ރަނގަޅަކަށްވެސް އަންގައިދޭ ބަލިމަޑުކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ އެންމެ ބައެއްވެސް ވައިރަހަށް އިންފެކްޓްވެފައިވާނަމަ، ހުރިހާ އެންމެން އިންފެކްޓްވެފައިވުން ފަދަ ކަމަށްވެސް ގުޓެރޭޒް ވަނީ ސިފަކުރައްވާފައެވެ.

މި ކާރިސާއާއި އެކު ކުރިމަތިލާންޖެހިފައިވާ އިޖުތިމާއީ އަދި އިގުތިސޯދީ އަނދަވަޅުތަކުން އަރައިގަނެ، ވިޔަފާރިތައް އަލުން ހިންގައިދަތުމަށްވެސް އެއްބައިވަންތަކް ބޭނުންވާކަން ގުޓެރޭޒްވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުސްލިމު ގައުމުތަކުގެ ސަރުކާރުތަކާ ރައްޔިތުން ދައްކަމުންދާ އިސްލާމީ ރިވެތި މިސާލަށްވެސް ގުޓެރޭޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.