މިވަގުތު ރާއްޖޭގެ ޕެންޝަން ފަންޑުގައި ހުރި ގިނަ އެކައުންޓުތަކުގައި ފައިސާ ހުރީ 100،000 ރުފިޔާ އަށް ވުރެ ދަށްކޮށް ކަމަށާއި އެއީ ޕެންޝަން ފަންޑުގެ 90 އިންސައްތަ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ ޕެންޝަން ފަންޑުގައި މިހާތަނަށް ބައިވެރިވެފައިވާ މީހުންގެ އަދަދަކީ 154،385 ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ގިނަ މީހުންގެ އެކައުންޓުތަކުގައި ހުރީ 100،000 ރުފިޔާއަށް ވުރެ ދަށުން ކަމަށްވެސް ސުޖާތާ ވިދާޅުވިއެވެ.

ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މީހުންގެ އުމުރުފުރާގެ ތެރެއިން 45 އަހަރުން ދަށުގެ މީހުންގެ އަދަދު ގިނަކަން ފާހަގަކުރައްވާ ސުޖާތާ ވިދާޅުވީ ޕެންޝަން ފަންޑުގެ 50 ޕަސެންޓު މީހުންނަކީ އެ އުމުރުގެ މީހުން ކަމަށެވެ. އަދި އެމީހުންގެ އެކައުންޓުގައި ހުރި ފައިސާ އިންވެސްޓުކޮށްގެން ރަނގަޅު ރިޓަޔާމަންޓެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެވެއިލަބްލް ހުރިހާ އޮޕްޝަންތަކެއްގައި ޕެންޝަން ސްކީމުން ވާނީ ފަންޑުކޮށްފައި. އިކުއިޓީއެއް ނުވަތަ ހިއްސާގެ ބާޒާރުގައި ވެސް ލިބެން އޮންނަ ވަގުތެއްގައި އެއަށް ވެސް އިންވެސްޓް ކުރަމުން. މިހާތަނަށް 10 އަހަރުގެ އާމްދަނީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައި،"
ސުޖާތާ

ޕެންޝަން ފަންޑުން އެކިއެކި ސްކީމްތަކުގައި އިންވެސްތް ކޮށްފައިވާ ކަމަށާއި އެގޮތުން ކުރި އިންވެސްޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. ނަމަވެސް އެ ފައިސާއިން ޕެންޝަން ފަންޑުގައި ތިބި ބައިވެރިންނަށް ލިބުނީ ނުވަތަ ލިބެނީ ކޯއްޗެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ސުޖާތާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ޑިސެބިލިޓީ އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރަން ވެސް އެ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށާއި މި ސްކީމްގެ ދަށުން ވަޒީފާ އަދާކުރަމުން ދަނިކޮށް ދިމާވާ ނުކުޅެދުންތެރިކަމުގެ ހާލަތުގައި މާލީ އެހީތެރިކަން ލިބޭނެގޮތް ހަމަޖެހިގެން ދާނެ ކަމަށް ސުޖާތާ ވިދާޅުވިއެވެ. ނަމަވެސް މި ސްކީމާބެހޭ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.