މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ތައްޔާރުކުރެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް މިދިޔަ އަހަރުގެ ފަހުކޮޅު ފެންނަން ފެށި ޗައިނާއިން، މި ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިގެން ރިޕޯޓް ނުކުރާތާ ފުރަތަމަ ފަހަރަށް ދުވަހެއް ފާއިތުވެއްޖެއެވެ.

އެގޮތުން ހޮނިހިރު ދުވަހު ޗައިނާއިން މި ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވްވިކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. ކަންމިހެން އޮތް ނަމަވެސް، ބަލީގެ އަލާމާތްތައް ބޭރު ފުށުން ނުފެންނަ އެސިމްޓޮމެޓިކް ޕޭޝަންޓުންގެ ރެކޯޑް، ޗައިނާއިން ބަލަހައްޓަނީ ވަކިން ކަން ފާހަގަކުރަންޖެހެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަން (އެންއެޗްސީ)އިން ހާމަކުރި ގޮތުގައި އެސިމްޓޮމެޓީކް 24 ޕޭޝަންޓަކު ވަނީ މުޅިން އަލަށް ދެނެގަނެވިފައެވެ.

ހޮނިހިރު ދުވަހު ޗައިނާއިން މަރުގެ ރިޕޯޓްއެއްވެސް އާންމުކޮށްފައެއް ނުވެއެވެ.

މި ބަލީގައި ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4634 އަށް އަރާފައެވެ.

ޗައިނާގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓްއެއް ހިންގަމުންދިޔަ ވޫހާންއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުރަތަމަ ފަހަރަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކުރަން ފެށިފަހުން އަދާ ޖެހުނުއިރު ޗައިނާއިން 82971 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 78258 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެ، ހޮސްޕިޓަލުތަކުން ދޫކޮށްލާފައިވާކަމަށްވެސް އެންއެޗްސީއިން ވަނީ ހާމަކޮށްފައެވެ.