ހަނގުރާމައިގެ ސަބަބުން އިނދަޖެހިފައިވާ ސިއްހީ ނިޒާމެއް އޮތް ޔަމަނުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާކަމަށް ގަބޫލުކުރެވޭ ކަމުގެ އިންޒާރުދީ، ޔަމަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ އެހީއަށް އދއިން ގޮވާލައިފިއެވެ.
އިންސާނީ އެހީއާ ބެހޭ އދގެ އިދާރާގެ ތަރުޖަމާނު ޖެންސް ލާކޭ ވިދާޅުވީ، ޔަމަނުގައި ހަރަކާތްތެރިވާ އެހީދޭ ޖަމިއްޔާތަކުން މިހާރުވެސް މަސައްކަތް ކުރަމުންދަނީ، ޔަމަނުގައި ކޮމިއުނިޓީ ޓްރާންސްމިޝަން އޮތްކަމަށް ބަލައިގެން ކަމަށެވެ.
ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ލާކޭ ވިދާޅުވީ، ޔަމަނު މިހާރު އޮތީ ބޮޑު ކާރިސާއެއްގެ ތުންފަތްމަތީގައި ކަމަށާ، މަސްރަހު އޮތީ އިންޒާރުގެ ރަނގަބީލު އަޅައަޅާ ކަމަށެވެ.
ފަރުވާ ހޯދަން އަންނަ މީހުންނަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ފޯރުކޮށްދެވެން ނެތުމާ، ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ނެތުމުގެ ސަބަބުން، ބައެއް މީހުންނަށް އެއްވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށް ނުދީ އަނބުރާ ފޮނުވާލަންވެސް ޖެހޭ ހާލަތަށް މަސްރަހު ގޯސްވެފައިވާކަން ލާކޭ ވަނީ ފާހަގަކުރައްވާފައެވެ.
ޔަމަނަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓާޒް ވިތައުޓް ބޯޑާޒް (އެމްއެސްއެފް) އިން ބުނީ، ކޮވިޑް-19އަށް ފަރުވާ ދިނުމަށް ޔަމަނުގެ ދެކުނުގައި ހާއްސަކޮށްފައި ހޮސްޕިޓަލުގައި 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 68 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ. މިއީ ޔަމަނުގެ މައި ސަރުކާރުން އާންމުކުރި ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު 2 ގުނައަށް ވުރެ ވެސް އިތުރު އަދަދެކެވެ.
މިއަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް ޔަމަނަށް ބޭނުންވާ އެހީގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެހީ ހޯދުމަށް ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލާނެކަމަށް އދއިން ބުނެއެވެ. މިއަހަރުގެ މިހާ ހިސާބަށް އައިއިރު ޔަމަނު ފަންޑަށް ލިބިފައިވަނީ އެންމެ 677 މިލިއަން ޑޮލަރު ކަމަށާ، މިއީ މިދިޔަ އަހަރު ލިބުނު 4 ބިލިއަން ޑޮލަރާ އަޅާ ބަލާއިރު އިންތިހާއަށް ދަށް އަދަދެއް ކަންވެސް އދގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.
ޔަމަނުގައި ކުރަމުންދިޔަ ދާހިލީ ހަނގުރާމައިގެ ތެރެއަށް ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް އިސްވެ އޮވެ އަސްކަރީ ކޯލިޝަން ހަދައިގެން ވަދެ، ހަނގުރާމަގަނޑު ގަދަކޮށްލި ނަމަވެސް، ފާއިތުވީ އަހަރުތަކަށް ބަލާއިރު ޔަމަނަށް އެންމެ ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީވެސް ސައުދީ އަރަބިއްޔާއިންކަން އދއިން ފާހަގަކުރެއެވެ.
ޔަމަނަށް ބޭނުންވާ އެހީ ހޯދުމަށް އދއިން އިންތިޒާމު ކުރާ ޑޯނާ ކޮންފަރެންސް އޮންނަނީ އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.