އިހާނެތި ގޮތަކަށް މަރާލާފައިވާ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ގާތިލުންނަށް މައާފު ދިނުމުގެ ހައްގަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށް، އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް ބުނެފިއެވެ.

ޚަދީޖާ މިފަދަ ވާހަކަތަކެއް ދައްކާފައި މިވަނީ، ޚަޝޯގީގެ ގާތިލުންނަށް އޭނާގެ އާއިލާއިން މައާފު ދީފައިވާކަމަށް އޭނާގެ ފިރިހެން ދަރިފުޅު ސޮލާހް ޚަޝޯގީ ޓްވީޓްއެއް ކުރި ފަހުންނެވެ.

ސައުދީ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް (ކ)އާއި ކައިވެނި ކުރުމަށް ހަމަޖައްސަންޖެހޭ ބައެއްކަންކަމާ ގުޅިގެން/ފޮޓޯ: ޑެއިލީ ސްޓާ

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލާފައިވަނީ، ޚަދީޖާއާއި ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި އެ ކޮންސިއުލޭޓަށް ވަތް ފަހުންނެވެ. ޚަޝޯގީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ ކޮންސިއުލޭޓަށް ވަންނިކޮށެވެ. ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީވެސް ޚަދީޖާއާއިއެކުގައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ޚަޝޯގީ، ޚަދީޖާ ބެހެއްޓީ ކޮންސިއުލޭޓްގެ ބޭރުގައެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ޚަދީޖާ ބުނީ ޚަޝޯގީއަކީ މިއަދު އެތައް ބަޔަކު ލޯބިވާ، ބައިނަލްއަގުވާމީ ރަމްޒަކަށް ވެފައިވާކަމަށެވެ. އަދި އިހާނެތި ގޮތަކަށް އޭނާ މަރާލާފައިވާއިރު ކަމަށް މައާފު ދިނުމުގެ ހައްގެއް އެއްވެސް މީހަކަށް ނެތް ކަމަށެވެ. އަދި ޚަޝޯގީއަށް އިންސާފު ނުލެބެނީސް އޭނާގެ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް ޚަދީޖާ ވަނީ ބުނެފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް/ފޮޓޯ: އޭއެފްޕީ

ޚަދީޖާގެ ވާހަކަ މިފަދަ ގޮތަކަށް ހުރި ނަމަވެސް، ވާރިސުން މައާފު ދީފިނަމަ ގާތިލުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ފުރުސަތު އިސްލާމީ ޝަރިއާއިން ފަހިކޮށްދެއެވެ. ޚަޝޯގީގެ ފިރިހެން ދަރިފުޅު ސޮލާހް ވަނީ، ޚަޝޯގީގެ މަރާ ގުޅިގެން ސައުދީއިން ކުރިއަށް ގެންދާ ތަހުގީގުތަކަށް އިތުބާރު ކުރާ ކަމަށް ބުނެފައެވެ.

ޚަޝޯގީގެ މަރުގެ މައްސަލާގައި ސައުދީއިން ވަނީ 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ ތަހުގީގުތަކަކަށްފަހު ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، މިކަމުގައި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ އަތެއް ނުވާކަމަށްވެސް ސައުދީއިން ވަނީ ކަނޑައަޅާފައެވެ.