ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވީ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއުތިރާފުވެ ވަޑައިގަތުމަކީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދައްކަމުން ދިޔަ ވާހަކަތަކުގެ ހަގީގަތް ހާމަވެގެން ދިޔަ ކަމެއް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެއީ ސިޔާސީ އަދި ޒާތީ ހުކުމެއް ކަމަށް އެ ކޯލިޝަނުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ރައީސް ޔާމީނަށް އަނިޔާވެރިވަމުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ބަޔާނުގައިވެސް އެ ކޯލިޝަނުން ވަނީ ރައީސް ޔާމީނަށް ދެމުން އަންނަ އަނިޔާތައް ހުއްޓާލާ އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ތަކުރާރުކޮށް ގޮވާލައިފައެވެ.
މީގެއިތުރުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ދައުވާ އަކީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށް ދޭހަވާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވުމަކީ އެކޯލިޝަނުން ދައްކަމުން ދިޔަ ވާހަކަތަކުގެ ހަގީގަތް ހާމަވެގެން ދިޔަ ކަމެއް ކަމަށް ބަޔާނުގައި އިދިކޮޅުން ބުންޏެވެ.
އެެހެންކަމުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ދެމުން ގެންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލާ އެމަނިކުފާނު މިނިވަން ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.
އިދިކޮޅުން މިފަދައިން ބުނެފައި މިވަނީ އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް ލިޔުއްވާފައި ވާކަމަށް ބުނާ ލިޔުމެއް ހިއްސާ ކުރެއްވި މެސެޖެއްގައި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އިންސާފުވެރިކަމެއް ނޫން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކަށާއި ހިޔާލުފުޅުތަކަށް އެއްވެސް އިރެއްގައި އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެންދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.