ދުނިޔޭގެ ތާރިހުގައި މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ހަލުވި އިންޓަނެޓް ސްޕީޑް އަތުލައިގަނެވިއްޖެ ކަމަށް އޮސްޓްރޭލިއާގެ ދިރާސާ ޓީމަކުން ބުނެފިއެވެ.

މޮނާޝް، ސްވިންބާން އަދި އާރްއެމްއައިޓް ޔުނިވާސިޓީގެ ޓީމެއް ގުޅިގެން ކުރި މަސައްކަތުން 44.2 ޓެރަބައިޓްސް ޕާ ސެކަންޑް (ޓީބީޕީއެސް) ގެ ރޭޓުގައި އިންޓަނެޓް ސްޕީޑް ލޮގް ކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ.

މި ސްޕީޑްގައި އިންޓަނެޓް ލިބޭނަމަ ހައިޑެފިނިޝަން (އެޗްޑީ) ކޮލިޓީގައި 1000 އަށްވުރެ ގިނަ ފިލްމު، 1 ސިކުންތު ތެރޭގައި ޑައުންލޯޑްކޮށްލެވޭނެއެވެ.

ދުނިޔޭގެ އިންޓަނެޓް ސްޕީޑް ރޭންކިންގްއަށް ބަލާއިރު އޮސްޓްރޭލިއާއަކީ މެދު މިނުގައި ގިންތިކުރެވޭ ގައުމެކެވެ. ކަނެކްޝަން ލަސްވުމުގެ ޝަކުވާއަކީ އޮސްޓްރޭލިއާއަށް އާންމު ޝަކުވާއެކެވެ.

ދިރާސާ ޓީމުން ބުނި ގޮތުގައި ރެކޯޑް ހަލުވި މިނުގެ އިންޓަނެޓް ސްޕީޑް އަތުލެވިފައިވަނީ އެކަމަށް ހާއްސަ ޑިވައިސްއެއް ބޭނުންކޮށްގެންނެވެ. މި ޑިވައިސްއަކީ މިހާރު ލިބެން ހުރި ބައެއް ކަހަލަ ޓެލެކޮމް ހަޑްވެއާގެ ތެރެއިން ފެނުނު 80 ވަރަކަށް ލޭޒާ، މައިކްރޯ-ކޯމްބްގެ އެހީގައި ބަދަލުކޮށްގެން އުފައްދާފައިވާ ޑިވައިސްއެކެވެ.

ލެބޯޓްރީއިން ބޭރުގައި ޑިވައިސްގައި މައިކްރޯ-ކޯމްބް ޕްލާންޓްކޮށްގެންވެސް ޓެސްޓުކޮށްފައިވާކަމަށާ، ޓެސްޓު ކުރިއަށް ގެންދިޔައީ އޮސްޓްރޭލިއާގެ ނޭޝަނަލް ބްރޯޑްބޭންޑް ނެޓްވާން (އެންބީއެން)އިން މިހާރުވެސް ބޭނުންކުރާ އިންފްރާންސްޓްރަކްޗާއާއި އެއްގޮތް މާހައުލެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މަސައްކަތުން ލިބުނު ޑޭޓާއަކީ، އެންމެ އޮޕްޓިކަލް ޗިޕެއްގެ އެހީގައި މިހާތަނަށް އުފެއްދުނު އެންމެ ވަރުގަދަ ޑޭޓާ ކަމަށް ޚަބަރު ލިބެއެވެ.

އޮސްޓްރޭލިއާގެ ޓީމުން އުއްމީދުކުރާ ގޮތުގައި، އެ ޓީމުގެ މި ހޯދުމަކީ މުސްތަގުބަލުގެ އިންޓަނެޓް ހިދުމަތުގެ ކުޑަ ތަސައްވުރެކެވެ.

މި ޓީމުގެ ހޯދުމުން އަތުލައިގަނެވުނު އިންޓަނެޓް ސްޕީޑްއަކީ އަދުގެ ދުނިޔޭގެ ބޭނުންތަކަށް ބަލާއިރު އިންތިހާ އިތުރު މިންވަރަކަށް ވީ ނަމަވެސް، މިއީ ޒަމާނީ ދިރިއުޅުން ކުރިއަރުވާ، ސިނާއީ ފެންވަރުގައި އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އެހީވެދޭނެ ހޯދުމެއް ކަމަށް މޮނާޝް ޔުނިވާސިޓީގެ އިލެކްޓްރިކަލް އެންޑް ކޮމްޕިއުޓާ ސިސްޓަމްސް ލެކްޗަރަރެއް ކަމަށްވާ ބިލް ކޮރްކޯރާން ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގެ ދިރާސާ ޓީމަކުން ދުނިޔޭގެ ރެކޯޑް ސްޕީޑްގެ އިންޓަނެޓް އަތުލާފައި މިވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ގޭބަންދުވެ، މަސައްކަތާ، އިލްމީ އަދި ޒާތީ ބޭނުންތަކަށް އިންޓަނެޓް ބަރޯސާވެފައިވާ މިންވަރު، ތާރީހު ނުދެކޭ ދަރަޖައަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.