ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުން މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު 352 މީހަކު އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލައިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ބަންގްލަދޭޝް ސަރުކާރަށާއި ވަކިން ހާއްސަކޮށް ބަންގްލަދޭޝް ފޮރިން މިނިސްޓަރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ރާއްޖެއިން ފޮނުވާލި ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި 152 މީހަކު ފޮނުވާލިއެވެ. ދެވަނަ ފްލައިޓުގައި 200 މީހަކު ފޮނުވާލިއެވެ.

ސަރުކާރުން އަންނަނީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުންތަކެއް ފޮނުވާލައިފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1،216 އަށް އަރާފައިވާއިރު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝް 622 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ.