ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގަވައިދު ބުނާ 28 ދުވަސް ހަމަނުވިޔަސް ފީވަކުގައި ނަމާދު ކުރާނެ ކަމަށް ފީވަކު ކައުންސިލުން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލުމާތު ދެއްވަމުން ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާއު ވިދާޅުވީ ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށާއި އެޗްޕީއޭގެ ގަވައިދު ބުނާ 28 ދުވަސް ހަމަ ނުވި ނަމަވެސް މިއަދުގެ ހުކުރު ނަމަދުން ފެށިގެން ޖަމާއަތިގައި ނަމާދު ކުރާނެ ކަމަށެވެ.
ފީވަށް މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ލިޔުން އެޗްޕީއޭން ދީފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. މޮނިޓަރިންގެ ހާލަތުން ވީއްލާފައި ވާ ކަމަށް ލިޔުން ދީފައި ވަނީ މިމަހުގެ 7 ވަނަ ދުވަހެވެ.
މީގެ އިތުރަށް ސުޖާއު ވިދާޅުވީ ފީވަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓުވާނަމަ ޖެހޭނީ ބާރުގެ ބޭނުން ކުރަން ކަމަށާއި އެ ނޫން ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށެވެ.
އެ އަތޮޅު މިލަންދޫގެ ކައުންސިލުގެ ރައީސް އަބްދުﷲ ފާއިޒް "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުގައިވެސް ހުކުރު ނަމާދު ކުރި ކަމަށާއި ނަމަވެސް އެއީ ކިހިނެތް ހިނގާ ދިޔަ ކަމެއް ކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ހުކުރު ހުތުބާ ކިޔާ އަޑު އިވުމުން ނަމާދަށް ވަޑައިގެންނެވި ކަމަށާއި އެނާ އަށް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މޮނިޓަރިންގައި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ބުނެފައެވެ. ނަމަވެސް ށ އަތޮޅުން މޮނިޓަރިންގެ ހާލަތިގައި އޮތް 6 ރަށެއްގައި ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަ ކަމަށް އަތޮޅު ކައުންސިލުން ވަނީ "ދަ ޕްރެސް"އަށް ކަށަވަރު ކޮށްދީފައެވެ. އެއީ ށ. ފީވަށް، ށ. މާއުނގޫދޫ، ށ. މިލަންދޫ، ށ. ފުނަދޫ، ށ. ޅައިމަގު އަދި ށ. ގޮއިދޫއެވެ. އެ އަތޮޅު ނަރުދޫ ވަނީ އަދިވެސް މޮނިޓްރިންގެ ހާލަތުގައެވެ.
އަދި ހުކުރު ނަމާދުގެ ފަހުން އެޗްޕީއޭގެ ލިޔުން ލިބިފައިވާ ކަމަށާއި އަސުރު ނަމާދަށް ފަހު ކުރިން މޮނިޓަރިންގެ ހާލަތުގައި އޮވެ، ނަމާދު ކުރި ރަށްރަށުގައި ނަމާދު ނުކުރެވޭނެ ކަމަށް އަންގާނެ ކަމަށްވެސް އަތޮޅު ކައުންސިލުން ބުނެއެވެ.