އޭޑީކޭގައި ކޮވިޑަށް ޓެސްޓް ކުރަން ފަށައިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބަރޫކް އަޒީޒް ވިދާޅުވީ އޭޑީކޭން ދުވާލަކު 500 ސާމްޕަލް ޓެސްޓްކުރެވޭނެ ކަމަށެވެ.
އަދި އިތުރު އެކްސްޓްރެކްޝަން މެޝިން އައިޖީއެމްއެޗްގައި އިންސްޓޯލް ކުރަމުންދާ ކަމަށާއި އެއާ އެކު އައިޖީއެމްއެޗްގައި ޓެސްޓިން ކެޕޭސިޓީ 600 އަށް ވުރެ މައްޗަށް ދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުންގެ ލެބުގައި ވެސް ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ލެބުން ދުވާލަކު 145 ޓެސްޓު ހެދޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން ދެ މެޝިނެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ދެ މެޝިން ބޭނުން ކުރާނީ ޓްރީޓޮޕް އަދި އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު 129 ވެންޓިލޭޓަރު ހުރިއިރު ކޮވިޑަށް ފަރުވާ ދިނުމަށް މިވަގުތު އެއްވެސް މީހަކު ވެންޓިލޭޓަރުގައި ނެތެވެ. ރާއްޖެއިން ޖުމްލަ 1216 މީހުންނަށް ކޮވިޑް ޖެހުފައި ވާއިރު، 1106 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 104 މީހަކު ވަނީ މިހާރު ރަނގަޅުވެފައެވެ. އަދި 4 މީހަކު ވަނީ ކޮވިޑް ޖެހި މަރުވެފައެވެ.