ކޮވިޑާ ގުޅިގެން ރިސޯޓްތަކުން ބިމު ކުލި ދައްކަންޖެހޭ މުއްދަތު ބޮޑުތަނުން ފަސްކޮށްދިނުމަށް ނިންމައިފިއެވެ.

ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ކޮވިޑް-19ގެ މި ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެން ދާއިރު، ރިސޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ނިންމާފައި ވަނީ، ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މީގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިރޭގެ ހިތާބުގައި ރައީސް ވަނީ ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ވިޔަފާރި ކުރުމާއި، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ސައިހޮޓާ ރެސްޓޯރަންޓުތަކާއި އޮފީސްތަކާއި ސްކޫލުތައް ހުޅުވުމުގައިވެސް ލުއިތަކެއް ދެއްވާނެ ކަަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ލުއިތަކާއެކު، ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓް، ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދޭއިރު، މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު ކަނޑައަޅަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.