ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ވެކްސިން އަކަށް، އިންސާނާގެ ދިފާއީ ނިޒާމު ތަމްރީނު ކުރުމުގެ ގާބިލުކަން ލިބިފައި ވާކަމަށް ފުރަތަމަ ފަހަރަށް ރިޕޯޓް ކޮށްފައެވެ.

މިކަން ރިޕޯޓް ކޮށްފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން، އެމެރިކާގެ ކުންފުންޏަކުން ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ މޮޑާނާ ކުންފުނިން ބުނީ، އެ ކުންފުނިން ތައްޔާރު ކޮށްފައި ވާ ވެކްސިންގެ ރައްކާތެރި ތަހުލީލީ މަރުހަލާގެ ފުރަތަމަ ބުރުގައި ބައިވެރިވި މީހުންގެ ތެރެއިން 8 މީހެއްގެ ހަށިގަނޑުން، ވައިރަސް ނިއުޓްރަލައިޒް ކޮށްލާ އެންޓިބޯޑީޒް ފެނިފައި ވާކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ބިޒްނަސް ޖާނަލްސް

އަދި މި މީހުންގެ ދިފާއީ ނިޒާމު ހަރަކާތްތެރި ވަމުން ދަނީ، ހަގީގީ ވައިރަހުން އިންފެކްޓް ވެފައިވާ މީހުންގެ ދިފާއީ ނިޒާމުވެސް މަސައްކަތް ކުރާ ގޮތަށް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި ވެކްސިންއަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޯވް-2) އިން ޖައްސާ އިންފެކްޝަންއިން އިންސާނުން ދުރުކޮށްދޭ ވެކްސިންއެއް ކަން ކަށަވަރު ކުރުމަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ތަހުލީލުތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާ، އަންނަ ޖުލައި މަހުގެ ތެރޭގައި މި މަރުހަލާ ފެށޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އަށް ވެކްސިންއެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 އެއްހާ ގުރޫޕުން ކުރަމުން ދާއިރު، މިމަސައްކަތް ކުރިއަށް ދަނީ ތާރީހު ދެކެފައި ނުވާ ފަދަ ހަލުވި ދުވެއްޔެއްގައެވެ.

ު މޮޑާނާއަކީ އިންސާނުންގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ކޮވިޑް-19އާ ދެކޮޅަށް ވެކްސިންއެއް ޓެސްޓު ކުރި ކުންފުނި/ފޮޓޯ: އެނާޖެޓިކްސިޓީ

ކަންމިހެން އޮތްއިރު މޮޑާނާއަކީ އިންސާނުންގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ކޮވިޑް-19އާ ދެކޮޅަށް ވެކްސިންއެއް ޓެސްޓު ކުރި ކުންފުންޏެވެ. އެ ކުންފުނިން ތަރައްގީ ކުރަމުންދާ ވެކްސިންއަށް ދީފައިވާ ނަމަކީ "އެމްއާރްއެންއޭ-1273" އެވެ.

ވެކްސިންއަކީ ކޮރޯނާވައިރަހުގެ ޖެނެޓިކް ކޯޑުގެ ކުޑަ މިންވަރެއް އެކުލެވޭ އެއްޗެކެވެ. މި ވެކްސިން އިންސާނުންގެ ހަށިގަނޑަށް ފޮނުވާލަނީ އިންޖެކްޝަންގެ ޒަރިއްޔާއިންނެވެ. މި ވެކްސިން އިންޖެކްޓް ކުރުމުން އެމީހަކަށް ކޮވިޑް-19ގެ އިންފެކްޝަން ޖެހެނީކީއެއް ނޫނެވެ. އަދި އަލާމާތް ތަކެއްވެސް ނުފެންނާނެއެވެ. ނަމަވެސް މި ވެކްސިންގެ ބާރުގައި، އެ ވައިރަހާ ދެކޮޅަށް ދިފާއީ ނިޒާމު ހަރަކާތްތެރި ކުރުވައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެސްސީއެމްޕީ

މޮޑާނާ ކުންފުނީގެ ވެކްސިން ޓްރަޔަލްގައި 45 މީހަކު ބައިވެރިވި ނަމަވެސް ވައިރަސް ނިއުޓްރަލައިޒް ކޮށްލާ އެންޓިބޮޑީޒް ފެނިފައި ވަނީ އެންމެ ފުރަތަމަ ވެކްސިން ޖެހި 8 މީހުންގެ ކިބައިން ކަމަށް މައުލޫމާތު ލިބެއެވެ. މި ތަހުލީލުގައި ބައިވެރިވާ މީހުންނަށް ވެކްސިން ދެނީ މައިގަނޑު 3 ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ، ދަށް، މެދު އަދި އެންމެ މަތީ ގިންތީގެ ޑޯޒްއެވެ. އެންމެ މަތީ ގިންތީގެ ޑޯޒްއަކީ އޭގެ ސައިޑް-އިފެކްޓްތައް އެންމެ ގިނަ ޑޯޒްއެވެ.

ކަންމިހެން އޮތް ނަމަވެސް މޮޑާނާއިން ބުނީ، ވެކްސިންގެ އެންމެ ދަށް ޑޯޒް ޖެހި މީހުންގެ ހަށިގަނޑުން އެންޓިބޮޑީޒް ފެންނަމުން ދަނީ، ހަގީގީ ކޮވިޑް-19ގެ ބަލިޖެހިފައިވާ މީހުންގެ ހަށިގަނޑުން އެންޓިބޯޑީޒް އުފައްދާ ރޭޓުގައި ކަމަށެވެ. މެދު ގިންތީގެ ޑޯޒް ނެގި މީހުންނަށް ބަލާއިރު، ހަގީގީ ބަލި ޖެހުނު މީހުންނަށް ވުރެ އިތުރަށްވެސް އެންޓިބޯޑީޒް އުފައްދާފައި ވާކަމަށް ޚަބަރު ލިބެއެވެ.

މިއީ ދިރާސާގެ ފުރަތަމަ މަރުހަލާއެވެ. ފުރަތަމަ މަރުހަލާއަކީ ވެކްސިންގެ ކާމިޔާބީ އޮތީ ކިހިނެއްކަން ވަޒަން ކުރުމަށް ވުރެ، މި ވެކްސިންއަކީ އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރަން ރައްކާތެރި ވެކްސިންއެއްތޯ ކަށަވަރު ކުރުމުގެ މަރުހަލާއެވެ.

މޮޑާނާއިން ބުނީ، ކާމިޔާބު ވެއްޖެނަމަ ފުޅާ ދާއިރާއެއްގައި ވެކްސިން ޑޯޒް އުފައްދާނެ ގޮތްތައް މިހާރުވެސް ބަލަމުން އަންނަ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެމެރިކަން ކެމިކަލް ސޮސައިޓީ

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އޮކްސްފޯޑްއިންވެސް ވަނީ އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓު ކޮށްފައެވެ. ނަމަވެސް އެ ތަހުލީލުތަކުގެ ނަތީޖާއެއް އަދި ނުލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް، ރާމާމަކުނު ތަކުގެ ހަށިގަނޑުގައި ތަހުލީލު ކުރި ވެކްސިންއިން މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުނު ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.