ކޮވިޑާ ގުޅިގެން ކާބޯތަކެތި ހޯދަން އެސްޓީއޯއިން 15 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފިއެވެ. އެސްޓީއޯއިން ބުނީ މި ލޯނަކީ، ކޮވިޑް-19 އާ ގުޅިގެން އެކުންފުނިން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ރައްޔިތުންނަށް، ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށްޓަކައި، އިމަޖެންސީ ފައިނޭންސިން ގެގޮތުގައި، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) ގެ ފަރާތުން ހަމަޖައްސައި ދިން ލޯނެއް ކަމަށެވެ.

އަދި މިލޯނުގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ކޮވިޑާ ދެކޮޅަށް ރާއްޖެ ކުރާ މަސައްކަތުގައި، ކުރީ ސަފުގައި މަސައްކަތްކުރާ މީހުން ބޭނުން ކުރާ އާލާތްތައް ހޯދުމަށް އައި.ޓީ.އެފް.ސީ މާލީ އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އައި.ޓީ.އެފް.ސީ އިން މިދެވޭ ލޯނާއި ހިލޭ އެހީ އަކީ، އެކުންފުނިން ކޮވިޑް-19 އާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުންފުނީގެ މެމްބަރު ޤައުމުތަކަށް އެހީވުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަމެކެވެ.

އައި.ޓީ.އެފް.ސީގައި ކޮވިޑް-19 ރެޕިޑް ރެސްޕޮންސް ފެސިލިޓީގެ ގޮތުގައި 300 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައި ވެއެވެ. އެއީ ރެސްޕޮންސް ޕެކެޖްގެ ގޮތުގައި ކަނޑައަޅާފައިވާ 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބައެކެވެ. އައި.ޓީ.އެފް.ސީ ގެ ފައިނޭންސް އަދި ގްރާންޓް ގެ އެހީއާއެކު އެސްޓީއޯ އިން ކާޑާއި، ބޭހާ، އަދި ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑް، ސޭފްޓީ ގޮގްލް، އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ މުހިއްމު ޕާސަނަލް ޕްރޮޓެކްޓިވް އިކުވިޕްމަންޓް ތައް ފޯރުކޮށްދޭނެއެވެ.

އައި.ޓީ.އެފް.ސީ ގެ ޕެކޭޖާ ބެހޭގޮތުން އައި.ޓީ.އެފް.ސީ ގެ ސީއީއޯ އެންޖިނިއާ ހާނީ ސަލެމް ސޮންބޮލް، ވިދާޅުވީ މިފަދަ ދަތި ވަގުތެއްގައި އެކުންފުނީގެ މެމްބަރު ޤައުމުތަކަށް ބޭނުންވާ މުހިއްމު ކަންތައްތަކުގައި އެހީވުމަށް އެފަރާތްތަކާއެކު ތިބުމަކީ ކުންފުނީގެ މެންޑޭޓެއް ކަމަށެވެ.

އެެސްޓީއޯ ގެ ފަރާތުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ހުސެން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ، ކޮވިޑް-19 ގެ އައުޓްބްރޭކް އަކަށް ދިވެހިރާއްޖެ އައީ ވަރަށް ކުރިން ތައްޔާރު ވަމުން ކަމަށާ، މިކަމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހެދި، ނޭޝަނަލް ރެސްޕޯންސް ގައިޑްލައިން އާ އެކު ހެލްތް އިމަޖަންސީ ކޯޑިނޭޝަން ކޮމިޓީ އެއް ޤާއިމްކުރެވި، ރާއްޖޭގައި ވައިރަސް އަށް ޓެސްޓް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

އަދި އައި.ޓީ.އެފް.ސީ އިން އެސްޓީއޯ އަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން، ރިސްކްތައް ދެނެގަތުމަށާއި، ސްކްރީން ކުރުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.