ހަލުވިކަމާއެކު ފެތުރިގެންދިޔަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާއި ދުނިޔެއިން ކުރިމަތިލީ ގޮތުގެ މިނިވަން މުރާޖައާއެއް ހިންގުމަށް ގޮވާލަން، ދުނިޔޭގެ ސިއްހަތު ލީޑަރުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްހަތާ ބެހޭ އެންމެ އޮފިޝަލުން މިކަމަށް ގޮވާލައްވާނީ މި ހަފުތާ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ، 194 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ މަންދޫބުން، ވާޗުއަލް ޕްލެޓްފޯމެއްގައި، ދުނިޔޭގެ 73 ވަނަ ހެލްތް އެސެމްބްލީއަށް ތައްޔާރުވެ ވަޑައިގަންނަވާ ވަގުތުވެސް މެއެވެ.

މިނިވަން މުރާޖައާއަކަށް ގޮވާލައްވާ، ސުވާލު އުފައްދަވާނެ ކަންކަމުގެ ތެރޭގައި 4.5 މިލިއަން އަށްވުރެ ގިނަ މީހުން އިންފެކްޓްކޮށް، 300000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިދިޔަ ގޮތް ވިލަރެސް ކުރުން ހިމެނޭނެއެވެ.

ކޮވިޑް-19އާ ދުނިޔެ ކުރިމަތިލީ ގޮތުގެ މިނިވަން މުރާޖައާއަކަށް ގޮވާލުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ވިލާތުގެ އިއްތިހާދުން ކަމަށް ބެލެވެއެވެ. މީގެ އިތުރުން ކޮވިޑް-19ގެ ހާލަތު މެނޭޖު ކުރަމުންދާ ގޮތާ، ދަސްވި ފިލާވަޅުތަކަކީ ކޮބައިތޯ ބެލުމުގެ މުރާޖައާ އަކަށް ގޮވާލުމުގެ މަސައްކަތް، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްއިން ކުރަމުން ދާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު، މި ވަގުތަކީ އެއްބަޔަކު އަނެއް ބަޔަކަށް އިލްޒާމާ ތުހުމަތުގެ އިނގިލި އަމާޒު ކުރަންވީ ވަގުތު ނޫންކަމަށް ވިލާތުގެ އިއްތިހާދުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޑަބްލިއު.އެޗް.އޯގެ ތަރުޖަމާނު ޑރ މާގްރެޓް ހެރިސް ވިދާޅުވީ، ކޮވިޑް-19ގެ ކަންކަން މެނޭޖު ކުރުމާ، މި ބަލިމަޑުކަމަށް ހައްލު ހޯދުމަށް ސައެންސްގެ އަލީގައި މަސައްކަތް ކުރުމަށް އެ ޖަމިއްޔާއިން ދެމުންދާ "ލޭޒާ"އެއް ފަދަ ސަމާލުކަން އެގޮތުގައި ދެމި އޮންނާނެ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަރުމާ ކޮށްފައިވަނީ މެމްބަރު ގައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ރޫޙެއްގައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ޒަމާންވީ 2 ހަތުރުން ކަމަށްވާ އެމެރިކާއާއި ޗައިނާގެ ހަނގުރާމައިގެ އަސަރު، މި ކަމަށް ވަނީ ފޯރާފައެވެ. ކޮވިޑް-19އާ ގުޅިގެން ޗައިނާއިން މައުލޫމާތު ފޯރުވާކަމަށާ، މި ވައިރަހުގެ ފެށުން އައީ ޗައިނާއިން ކަމަށް އެމެރިކާގެ ލީޑާޝިޕުން ތުހުމަތު ކުރެއެވެ. އަދި ޑަބްލިއު.އެޗް.އޯއަކީ ޗައިނާގެ ޕީއާރް ކުންފުންޏެއް ކަމަށްވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން އެމެރިކާއިންވަނީ ޑަބްލިއު.އެޗް.އޯއަށް ދޭން ފަންޑުވެސް މެދުކަނޑާލާފައެވެ. ކަންމިހެން އޮތްއިރު، މައުލޫމާތު ހާމަކުރުމަށް ގައުމަކަށް ލާޒިމުކުރުމަކީ ޑަބްލިއު.އެޗް.އޯގެ އިހުތިސޯސުގެ ތެރޭގައި އޮންނަ ބާރެއް ނޫނެވެ.