ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއެއްގެ ސަބަބުން އާއިލާ ބަދުނާމު ވެފައި ވާކަމަށް ބުނެ، ޕާކިސްތާނު ހުޅަނގު އުތުރު ސަރަހައްދުގައި، ފުރާވަރު އުމުރުގެ 2 އަންހެން ކުއްޖަކު މަރާލައިފިއެވެ.
މި 2 ކުދިންވެސް މަރާލާފައި ވަނީ އެކުދިންގެ އާއިލާ މެމްބަރުން ވެގެން ކަމަށް ޚަބަރު ލިބެއެވެ. މިކަމެއް ހިނގީ ޕާކިސްތާނުގެ ދެކުނު އަދި އުތުރު ވަޒީރިސްތާނާ ބޯޑަރު ހިއްސާކުރާ ސަރަހައްދުގައި އޮންނަ އަވަށެއްގައެވެ.
މި އަމަލު ހިންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.
ޕާކިސްތާނު ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި 2 ކުދިންވެސް މަރާލާފައި ވަނީ، ފިރިހެނަކާއެކު ފެންނަ ވީޑިއޯއެއްގެ މައްސަލާގައެވެ. މަރާލާފައި ވަނީ އުމުރުން 16 އަހަރާ 18 އަހަރުގެ 2 ކުދިންނެވެ.
މިމައްސަލައާ ގުޅިގެން، އިއްޔެގެ ވަގުތެއްގައި 2 ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ މަރާލި 2 އަންހެން ކުދިންގެ ތެރެއިން 1 ކުއްޖެއްގެ ބައްޕައާއި އަނެއް ކުއްޖެއްގެ ބޭބެއެވެ.
ޕާކިސްތާނުގެ މީޑިއާއަކަށް އެގައުމުގެ ފުލުހުންގެ އިސް އޮފިޝަލަކު ދެއްވި ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކީ މީގެ އަހަރެއްހާ ދުވަސްކުރީގެ މަންޒަރުތަކެކެވެ. އެ ވީޑިއޯގައި 3 އަންހެން ކުއްޖަކު ފެންނައިރު، ފުލުހުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ 3 ވަނަ އަންހެން ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށްވެސް އޮފިސަރު ވިދާޅުވި ކަމަށް ޚަބަރު ލިބެއެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ބުނާ ގޮތުގައި، އަންހެނުންނާއި އަންހެން ކުދިންނަށް ދެވޭ އަނިޔާގެ މައްސަލައަކީ ޕާކިސްތާނުގައި ސީރިއަސް ދަރަޖައަކަށް ގޮސްފައިވާ މައްސަލައެކެވެ.
އާއިލާގެ އަބުރަށް އުނިކަން އަންނަ ފަދަ އަމަލުގެ ގޮތުގައި ޕާކިސްތާނުން ސިފަކުރާ ބައެއް ކަންކަމުގެ ތެރޭގައި، އާއިލާއިން ރާވާފައި އޮންނަ ކައިވެންޏަކަށް އިންކާރު ކުރުން، ޖިންސީ ގޯނާއާއި ރޭޕްގެ ޝިކާރައަކަށް ވުން، ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގުން (ހަމައެކަނި ތުހުމަތު ކުރެވުނު ކަމުގައި ވީ ނަމަވެސް) ފަދަ ކަންކަން ހިމެނޭ ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ. މީގެ އިތުރުން ހެދުން އެޅޭ ގޮތަކުންނާއި، އަހުލާގު ހުންނަ ގޮތުންވެސް މިފަދަ ކަންކަން ހިންގާ ކަމަށް ވެއެވެ.
އާއިލާގެ އަބުރަށް އުނިކަން ލިބޭ ކަމަށް ބުނެ އަހަރެއްގެ މައްޗަށް ޕާކިސްތާނުގައި 1000 އެއްހާ މީހުން މަރާލެވޭ ކަމަށް އެކްޓިވިސްޓުން ގަބޫލު ކުރެއެވެ.