ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކޮވިޑް-19ގެ އަސަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ކުރަމުންދާ ހިނދު، އުރީދޫން ދަނީ އެކުންފުނީގެ ބައިނަލްއަގްވާމީ މާކެޓުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އަދި އެހެނިހެން ގޮތްތަކުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. މިިއަދު ހަދިޔާކުރި 2.5 މިލިއަން ރުފިޔާ އަކީ ރާއްޖޭގައި އުރީދޫ އިން އެކި ގޮތްގޮތުން ފޯރުކޮށްދެމުން ދާ އެހީތެރިކަމުގެ އިތުރުން،ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހީތެރިކަމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، އުރީދޫގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރު، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން، އުރީދޫން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ.

އުރީދޫގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް / ފޮޓޯ: އުރީދޫ

ނަޖީބް ޙާން ވިދާޅުވީ، އުރީދޫ އަކީ އަބަދުވެސް ދިވެހިންނާއި އެކު ތިބި ބައެއް ކަމަށާއި، ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އޫރީދޫން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި މި ހާލަތުގައި ރާއްޖެއަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި، އުރީދޫ ގްރޫޕްގެ ޗެއާމަން، ހިޒް އެކްސެލެންސީ ޝައިޚް ފައިސަލް ބިން ޘާނީ އަލް ޘާނީ، އުރީދޫ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ހިޒް އެކްސެލެންސީ ސައުދް ބިން ނާސިރް އަލް ޘާނީ، އުރީދޫ ގްރޫޕްގެ ބޯޑް އޮފް ޑައިރެކްޓާސް އަދި އުރީދޫ މޯލްޑިވްސްގެ ބޯޑް އޮފް ޑައިރެކްޓާސް އަށް އޭނާ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

އޭނާ ވަނީ އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމާއިއެކު ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބި، ކޮވިޑް-19 ޕެންޑެމިކްގެ އަސަރުކޮށްފައިވާ ރާއްޖޭގެ އެންމެހާ ފަރާތްތަކާއި ގައުމުގެ އިގްތިސާދަށް ރަނގަޅު ހެޔޮ ބަދަލެއް ލިބޭނެ ކަމަށް ދުއާ ކުރައްވާފައެވެ.

ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

އުރީދޫން ބުނީ، މުޅި ދުނިޔެއަށް އަދި ރާއްޖެއަށް މިފަދަ ހައްސާސީ ހާލަތެއް ދިމާވެފައިވާ ހިނދު، މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކުން އާންމުންގެ ރައްކާތެރިކަމާއި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް މުހިންމު ދައުރެއް އަދާކުރަންވާނެ ކަމަށެވެ. އަދި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ކުރިޔަށް އޮތްތަނުގައިވެސް އުރީދޫ މޯލްޑިވްސް ދެމިއޮންނާނެ ަކަމސް އެ ކުންފުނިން ބުނެއެވެ.