އިންފޮމޭޝަން ޓެކްނޮލޮޖީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބިލިއަން ބަޔަކު ގުޅާލަދީ، އުއްމީދު އުޖާލާކޮށްދެނިވި ދަންމަރަކަށް ވެދާނެކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ގުޓެރޭޒް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ކުރިމަތިލާންޖެހިފައިވާ އަދުގެ ހާލަތަށް ރިއާޔަތް ކުރައްވާ މެސެޖު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވިދާޅުވީ ލޯބިވާ މީހުންނާ، ސްކޫލާ، އެކުގައި މަސައްކަތް ކުރާ މީހުންނާ، އޮފީސްތަކާ، ސިއްހީ އެހީދޭ ތަޖުރިބާކާރުންނާ ޒަރޫރީ ބޭނުންތަކަށް ތަކެތި ހޯދުމުގައި މި ގުޅުންތަކަކީ އިހުނަށްވުރެ އިންތިހާއަށް މުހިންމު ގުޅުންތަކަކަށް ވެފައިވާކަމަށެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޕޯސްޓަރެއް/ފޮޓޯ: އައިޓީޔޫ

މިމޭރުމުން ގުޓެރޭޒް ވިދާޅުވީ ކުރިމަތިލާންޖެހިފައިވާ ކާރިސާ މެނޭޖުކޮށް އިހުނަށްވުރެ ރަނގަޅަށް މިކަމުން އަރައިގަތުމަށްޓަކައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކުންފުނިތަކާ، އދގެ އިދާރާތަކާއެކު، ބައިނަލްއަގުވާމީ ޓެލެކޮމް ޔޫނިއަންއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް ބަލާއިރު، 5ޖީ ޑޭޓާއާއި ކްލައުޑް ކޮމްޕިއުޓިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކަކީ ބާރުގަދަ އާލާތްތަކެއްގެ ގޮތުގައި ގުޓެރޭޒް ވަނީ ސިފަކުރައްވާފައެވެ.

މިމޭރުމުން މެސެޖު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވަނީ އެއްވެސް މީހަކު ބާކީ ނުކުރުމުގެ ފަލްސަފާއަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި އޭގެ މާނައަކީ އެއްވެސް މީހަކު "އޯފްލައިން" ނުކުރުންކަމަށްވެސް ގުޓެރޭޒް ވަނީ ސިފަކުރައްވާފައެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަސް ހަނދާން ކޮށްދެނީ ކޮވިޑް-19ގެ މައްޗަށް ކުރި ހޯދާ، 2030 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ ހާސިލުކުރުމަށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ރޮނގުން ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށް ކަމަށްވެސް ގުޓެރޭޒް ވަނީ ސިފަކުރައްވާފައެވެ.

https://www.youtube.com/watch?v=IXiha1jqIJI&feature=youtu.be

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި، ބައިނަލްއަގުވާމީ ޓެލެކޮމް ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ހޫލީން ޝާއޯވެސް ވަނީ މެސެޖެއް ދެއްވާފައެވެ.

ޝާއޯވަނީ ޑިޖިޓަލް ޑިވައިޑް ނުވަތަ ޓެކްނޮލޮޖީ ބޭނުން ކުރުމުގައި ދުނިޔޭގައި އުފެދިފައިވާ ފަރަގު ކުޑަކޮށް، 2030 ގެ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ ކާމިޔާބު ކުރުމަށް، މުއާސަލާތު ކުރުމާ މައުލޫމާތުގެ ބާރުގެ ބޭނުން ކުރުމަށް ހުރިހާ އެންމެން އެކަތިގަނޑަކަށްވެސް އެ ޔޫނިއަންގެ 'ކަނެކްޓް 2030 އެޖެންޑާ' ކުރިއަށް ނެރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ކަންމިހެން އޮތްއިރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީވެސް އަދިވެސް އިންޓަނެޓްގެ ވިއުގާއިން ބޭރުގައި ތިބި ބައެއްކަމަށާ، ނަމަވެސް ވަގުތު ކުޑަތަންވަމުން އަންނަކަން ޝާއޯ ވަނީ ފާހަގަކުރައްވާފައެވެ.

https://www.youtube.com/watch?v=U45NioPQehA&feature=youtu.be

ދުނިޔޭގެ ފެންވަރުގައި ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަހެއް ފާހަގަކުރަން ފެށީ 1969 ވަނަ އަހަރުން ފެށިގެންނެވެ. އެއީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ފުރަތަމަ ފަހަރަށް ސޮއިކުރެވުނު އިންޓަނޭޝަނަލް ޓެލެގްރާފް ކޮންވެންޝަންއާއިއެކު އިންޓަނޭޝަނަލް ޓެލެކޮމް ޔޫނިއަން (އައި.ޓީ.ޔޫ)، 1865 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އުފެދުމުގެ މުނާސަބާއާއި ގުޅުވައިގެންނެވެ.