ދާދިފަހުން އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ގެއްލުންވި އާއިލާތަކަށް އަމިއްލަ ފަރާތަކުން ދީލަތި އެހީއެއް ވެދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ އަލް މަރުހޫމް އަބްދުﷲ އަހުމަދުގެ ފައުންޑޭޝަންގެ ފަރާތުން އައްޑޫގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ފަރާތްތަކަށް 100،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެފައިސާ އޭގެ ހައްގުވެރިންނަށް ވަރަށް އަވަހަށް ފޯރު ކޮށްދޭނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިފަދަ ދަނޑިވަޅެއްގައި އެހީތެރިކަން ދިނުމުން އެ ފައުންޑޭޝަންގެ އެންމެހާ މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ އަށް ކުރި ވިއްސާރާގައި 151 ގެއަކަށް ވަނީ ގެއްލުން ވެފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފޭދޫ އަށެވެ. އެގޮތުން އެ ރަށުގެ 93 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ ގެއްލުން ލިބުނު ބައެއް ގެެތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.