ފާއިތުވީ 24 ގަޑިއިރު ތެރޭގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ 4 ކޭހެއް ކަށަވަރު ކުރެވިފައިވާކަމަށް ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ހާމަކޮށްފިއެވެ.

މި ކޭސްތައް ފެނިފައިވަނީ ޗައިނާގެ އިރުއުތުރުގެ ޕްރޮވިންސްއެއް ކަމަށްވާ ޖިލިންއޭ ކިއުނު ސަރަހައްދުންނެވެ. މި ސަރަހައްދަކީ ލޯކަލް އިންފެކްޝަންގެ ކްލަސްޓާއެއް ދާދި ފަހުން ފާހަގަކުރެވުނު ސަރަހައްދަކަށް ވާއިރު، ކޮވިޑް-19ގެ ދެވަނަ ރާޅެއް ޗައިނާއަށް ބިންދާލަފާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއާއެކު ޗައިނާއިން ދަނީ ލޮކްޑްއުން ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރަމުންނެވެ.

ރަޝިއާ އަދި އުތުރު ކޮރެއާއާއި ބޯޑަރު ހިއްސާ ކުރާ ޖިލިން އިން ކޮވިޑް-19ގެ ކަންބޮޑުވުންތައް ކުރިން ފާޅުކުރަން ފެށި އިމްޕޯޓްވެފައިވާ ކޭސްތަކަކާ ގުޅިގެންނެވެ.

މުޅި ޗައިނާއަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެސިމްޓޮމެޓިކް 11 ކޭހެއް ފެނިފައިވާކަމަށްވެސް އެން.އެޗް.ސީއިން މިއަދު ވަނީ ހާމަކޮށްފައެވެ. ޗައިނާއިން އެސިމްޓޮމެޓިކް ކޭސްތަކާ، އަލާމާތްތައް ފެންނަ ކޭސްތައް ގުނަނީ ވަކިވަކީންނެވެ.

އެން.އެޗް.ސީގެ ރެކޯޑްތަކަށް ބަލާއިރު ޗައިނާއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 82933 އެވެ. އަދި މި ބަލީގައި އެ ގައުމުން 4633 މީހަކު މަރުވެފައިވާކަމަށްވެސް އެން.އެޗް.ސީއިން ބުނެއެވެ. މިއީ މިހާރުގެ އެކްޓިވް ކޭސްތައް ހިމެނޭ އަދަދުތަކެއް ނޫންކަމަށް ޚަބަރު ލިބެއެވެ.