ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އައްޑޫ ސިޓީ ހިތަދޫ ކޯޓުގައި މައްސަލައެއް ކުރިޔަށް ގެންގޮސްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނިގޮތުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު އޯޑިއޯ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވަނީ އާއިލީ މައްސަލައެއް ކަމަށެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ މެޖިސްޓްރޭޓް ކޯޓުތަކުގައި އޯޑިއޯ ވީޑިއޯ ކޮންފަރެންސިން ފެސިލިޓީ ގާއިމް ކޮށްފައެވެ. އެގޮތުން 101 މެޖިސްޓްރޭޓް ކޯޓެއްގައި ވަނީ އެ އިންތިޒާމް ހަމަޖައްސާފައެވެ.

ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ކޯޓުތަކުގެ ޝަރީއަތްތައް ވަނީ ވަގުތީ ގޮތުން މެދުކެނޑިފައެވެ. އެހެންނަމަވެސް އަދުލު އިންސާފު ލިބިގެން ދިއުމަކީ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގަކަށް ވާތީ އެކަންކަން މެދުނުކެނޑި ކުރިޔަށް ގެންދާނެ ގޮތްތަކެއް މި ދަނޑިވަޅުގައި ވަނީ އެކުލަވާލައިފައެވެ. އެގޮތުން ކޮންމެހެން ބާއްވަން ޖެހޭ މައްސަލަތައް އަންނަނީ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވަމުންނެވެ.

އެގޮތުން ދާދިފަހުން ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުން ވެސް ވަނީ އައްޑޫ ސިޓީގައި ވީޑިއޯ ކޮންފަރެންސް ސިސްޓަމެއް ގާއިމްކޮށް މައްސަލަޔައް ކުރިޔަށް ގެންދެވޭނެ މަގު ތަނަވަސް ކޮށްފައެވެ. އެކަމުގެ ސަބަބުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މައްސަލަތައް ވިޑިއޯ ކޮންފަރެންސްކޮށް ކުރިޔަށް ގެންދެވޭނެ ކަމަށް ޕީޖީ އިން ބުނެއެވެ.