މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގައި ފެންބޮޑުވެ ގިނަ ގެތަކަށް ފެން ވަދެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށާއި ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށެވެ. އެހެންކަމުން ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި ފެން ހިއްކުމުގައި މިހާރު ޕަންޕް ބޭނުން ކުރަމުންދާ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވާރޭ ވެހިގެން ބައެއް ގުދަން ތަކަށް ވެސް ވަނީ ފެންވަދެފައެވެ. އެހެންކަމުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެތަނުގައި ހުރި މުދާތައް ރައްކާތެރިކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ގުދަންތަކުގެ ތެރޭގައި ކާދުގެ ބާވަތްތައް ބަހައްޓާފައި ހުރި ގުދަންތައް ހިމެނެއެވެ.

އެ ސިޓީއަށް ބޯކޮށް ވާރޭ ވެހިފައި ރޭ ދަންވަރު 12:00 އާއި މެންދަމު 2:00 އާ ދެމެދެވެ. އަދިވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުން ދާ އިރު ދޭތެރެއަކުން ވާރޭ ތުނި ކޮށްލައެވެ. މިހާރު އައްޑޫގެ ގާތްގަނަޑަކަށް ހުރިހާ އަވަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައި މިވަނީ ފޭދޫ އާއި މަރަދޫ ފޭދޫގެ އިތުރުން ހިތަދޫގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

އައްޑޫއަށް ބޯކޮށް ވާރެވެހި ފެންބޮޑުވެފައިވާއިރު ލާމް އަތޮޅުން ފެށިގެން އެ ސިޓީއާ ހަމައަށް ރޭ 7:00 އިން ފެށިގެން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މިއަދު މެންދުރު 2:00 އަށް ޔެލޯ އެލާޓް ދިގު ދަންމާފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ވިދާ ގުގުރުމާއި އެކު ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގައިވެސް އެ ސިޓީގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ކޮށްފައެވެ.

މިދިޔަ އަހަރު ފަހުކޮޅުގައި އައްޑޫ ފެންބޮޑު ވެގެން އުޅުނު އިރު ވެލި ބަސްތާ ޖެހުމުގެ މަސައްކަތާއި ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލަށް އެހީތެރިވުމުގެ ގޮތުން ފުލުހުންނާއި، އެމްއެންޑީއެފާއި، ފެނަކައިގެ އިތުރުން ޕަބްލިކް ވާކްސާއި، ރެޑްކްރެސެންޓް އަދި ކައުންސިލުގެ މުނިސިޕަލް ސާވިސް ޓީމުން ވަނީ މަސައްކަތް ކޮށްފައެވެ.