ރަޝިއާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެ ހާލު ދެރަވި ބައެއް ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ބޭނުންކުރަމުންދިޔަ ވެންޓިލޭޓަރެއްގެ ސާކިޓް ޝޯޓުވެ ހިނގި އަލިފާނުގެ ހާދިސާގައި 5 މީހެއްގެ ފުރާނަ ގެއްލި ދިއުމާ ގުޅިގެން، އެ މޮޑެލްގެ ވެންޓިލޭޓަރު ބޭނުން ކުރުމާ ސާކިއުލޭޓް ކުރުން ރަޝިއާއިން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ސެއިންޓް ޕީޓާޒްބާގްގައި އިއްޔެ ހިނގި ހާދިސާގައި 5 މީހެއްގެ ފުރާނަ ގެއްލިދިޔައިރު، މީގެ 3 ވަރަކަށް ދުވަސް ކުރިން މޮސްކޯގައިވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައިވެސް ޕޭޝަންޓެއްގެ ފުރާނަވަނީ ގެއްލިފައެވެ. މި ދެ ހާދިސާ ހިނގި ހޮސްޕިޓަލުތަކުގައިވެސް ބޭނުންކޮށްފައިވަނީ އެވަންޓާ-އެމް މޮޑެލްގެ ވެންޓިލޭޓަރުތައް ކަމަށްވާއިރު، ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ މިއަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުގެ ފަހުން އުފައްދާފައިވާ މި މޮޑެލްގެ ވެންޓިލޭޓަރުތަކެވެ.

އެވަންޓް-އެމް މޮޑެލްގެ ވެންޓިލޭޓަރުތަކަކީ ކްރެޓްގެ އުފެއްދުމެކެވެ. މި ކުންފުންޏަކީ ރަޝިއާގެ ދިފާއީ ހަތިޔާރު އުފައްދާ ދައުލަތުގެ ކުންފުނި، ރޮސްޓެކްގެ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ. ރަޝިއާއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ މައިގަނޑު މައްސޫލިއްޔަތު ހަވާލުކޮށްފައި އޮންނަނީވެސް ކްރެޓް ކުންފުންޏާއެވެ. އެގޮތުން މިއަހަރު ތެރޭ 6711 ވެންޓިލޭޓަރެއް ރަޝިއާގެ ސަރަހައްދީ ހޮސްޕިޓަލުތަކަށް ކްރެޓް އިން ފޯރުކޮށްދޭނެ ކަމަށް ބެލެވެއެވެ.

އެމެރިކާއަށް ފޮނުވާފައިވާ އެވަންޓް-އެމް މޮޑެލްގެ ވެންޓިލޭޓަރުތަކަކީ ރަޝިއާއިން މިހާރު ބޭނުން ކުރުން ހުއްޓާލާފައިވާ ގިންތީގެ ވެންޓިލޭޓަރުތަކެކެވެ.