އަވަށްޓެރި ޕާކިސްތާނުން ރެކޯޑް އަދަދެއްގެ ބަޔަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައި ވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 2255 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

ކަންމިހެން އޮތް އިރު މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުން ވަނީ، އެގައުމުގައި ތަންފީޒު ކުރަމުންދާ ހަރުކަށި ލޮކްޑައުންގެ އަމުރުތަކަށް ލުއި ދޭން ފަށާފައެވެ.

ނަމަވެސް މިއަދު އެކަނިވެސް އެގައުމުން 1662 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު، 34336 އަށް ވަނީ އަރާފައެވެ. މި ބަލީގައި މިއަދު ޕާކިސްތާނުން 13 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ކޮވިޑް-19ގައި ޕާކިސްތާނުން މަރުވި މީހުންގެ ޖުމުލަ އަދަދު 737 އަށް އަރައެވެ. ޕާކިސްތާނުގައި އެކްޓިވް ކޭހުގެ ގޮތުގައި މިވަގުތު ރެކޯޑް ކޮށްފައި ވަނީ 24787 ކޭހެވެ. މީގެ ތެރެއިން 111 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގައި މިހާތަނަށް 317699 މީހަކު ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާއިރު، އާބާދީގެ ނިސްބަތުން ބަލާއިރު މިއީ ގާތްގަނޑަނަށް ކޮންމެ 1 މިލިއަން މީހަކުން 1438 މީހެކެވެ.