ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާގެ ވޫހާން ސިޓީއިން ދުވަސްތަކެއްގެ މެދުކެނޑުކަމަކަށްވެސް މި ބަލީގެ ކޭސްތައް އަލުން ފެންނަން ފެށުމާއެކު، ބަލިމަޑުކަމުގެ 2 ވަނަ ރާޅަކުން ސަލާމަތްވުމުގެ ގޮތުން، އެ ސިޓީގެ ހުރިހާ ރައްޔިތުން މި ބައްޔަށް ޓެސްޓު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ 'ދަ ޕޭޕާ' އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ކަމާބެހޭ ފަރާތްތަކުން މިކަން ހާމަކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި އާންމު ކުރި އެމާޖެންސީ ނޯޓިސްއެއްގައެވެ.

ޗައިނާއިން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ '10-ދުވަހުގެ-ހަނގުރާމަ' އެއްގެ ގޮތުގައެވެ.

ދަ ޕޭޕާއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންއަކީ، ހުސްވި ހަފުތަގައި ވޫހާންއިން ކޮވިޑް-19ގެ 6 ކޭހެއް ފެނުމާ ގުޅިގެން ހިންގާ އޮޕަރޭޝަންއެކެވެ. ވޫހާންއިން ކޮވިޑް-19ގެ އާ ކޭސްތަކެއް ފެނިފައި މިވަނީ އާ ކޭހެއް ނުފެންނަތާ ގާތްގަނޑަކަށް މަހަކަށްވުރެވެސް ގިނަ ދުވަސްވެފައިވަނިކޮށެވެ.

ޗައިނާގެ އަދުގެ ހާލަތަށް ބަލާއިރު، މިއަދުވެސް އެގައުމުން ވަނީ ކޮވިޑް-19ގެ ކޭހެއް ފެނިފައެވެ. ޗައިނާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 82919 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 115 ކޭހެއް ރެކޯޑްކޮށްފައިވާއިރު، 10 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ޗައިނާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4633 އަށް އަރާފައެވެ.