ދުނިޔޭގެ ހުރިހާ ބިތެއްގައިހެން ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ފަރުވާ ދިނުމާ، ބަލިމަޑުކަން ފެތުރިގެންދާ ގޮތް ދެނެގަތުމާ، ބަލިމަޑުކަން ހުއްޓުމަކަށް ގެނައުމަށް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ބަލި ޖައްސާ ވައިރަސް ( ސާސް-ކޯވް-2) އަށް ޓެސްޓު ކުރުމެވެ. މި ބަލި ޖެހިފައިވަނީ ކިތަށް މީހުންނަށްކަން ދެނެގަނެވެން އޮތް ނުވަތަ ދެން އިންފެކްޓްވުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް ކަން ދެނެގަތުމަށް ބޭނުން ކުރެވެން އޮތް އުކުޅަކީވެސް ބައްޔަށް ޓެސްޓު ކުރުމެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރުމަކީ މިވަގުތު އެންމެ މުހިންމު ކަން ކަމުގައި ވާއިރު ބައެއް ގައުމުތަކުން ދަނީ އަނެއް ގައުމަކަށްވުރެ އެތައް ގުނައެއް އިތުރަށް ޓެސްޓު ކުރަމުންނެވެ. ނަމަވެސް އެ ގައުމުތަކުގައިވެސް ހުރިހާ އެންމެން ޓެސްޓު ކުރުމާ ގާތަށްވެސް އަދި ނާދެވެއެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ވަގުތާ، ލޮޖިސްޓިކްސް، ސާމްޕަލް ނެގުމުގެ މަރުހާލާ، ޓެސްޓުކުރަން ބޭނުންކުރާ ރޯ މެޓީރިއަލް ހޯދުމަށް، އާލާތްތައް ހޯދުމަށް، ސާބިތު ނަތީޖާ ނެރެން ދަންނަ ފަންނުވެރި ޓެކްނޮލޮޖިސްޓުންގެ މައްޗަށް މިކަން ބަރޯސާވެއެވެ.

ޕާކިސްތާނު މީހުން ކޮވިޑް-19އަށް ޓެސްޓު ކުރަން ހާއްސަކޮށްފައިވާ މަރުކަޒެއް/ފޮޓޯ: ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް

ބަލި ޖައްސާ ވައިރަހުގެ މައްޗަށް ގަދަވެވެން އޮތީ ޓެސްޓު ކުރުން ހަލުވިކޮށްގެންނެވެ. ޓެސްޓު ކުރުން ފަސްކުރުމަކީ އާބާދީގެ މެދުގައި، ހަލުވިކަމާއެކު ވައިރަސް ފެތުރިގެން ދިއުމެވެ. އަދި އެ މުޖުތަމައެއްގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާއިރު، އާބާދީގެ ތެރޭގައި ބަލިމަޑުކަން ފެތުރިގެން ގޮސްފައި އޮތުމެވެ. އިގުތިސޯދީ ފަލްސަފާގެ ތެރެއިން ބަލާއިރު ޑިމާންޑް އިތުރުވާ ވަރަކަށް، އެ އައިޓަމެއް ސަޕްލައި ކުރެވޭ ވަރު ދަށްވެއެވެ. ނަތީޖާއަކަށްވީ، ޓެސްޓު ކުރުން ލަސްކުރި ގައުމުތަކުގެ އާބާދީގެ ތެރޭގައި ބަލިމަޑުކަން ފެތުރިފައިވާ ހަގީގީ މިންވަރު ދެނެގަތުމަށް، ގިނަ އަދަދަކަށް ޓެސްޓު ކުރަން މަޖުބޫރުވެގެން ދިއުމެވެ.

ފަހަރެއްގައިވެސް މި ދަންނަވަނީ ޓެސްޓުކުރުމަކީ ބަލިމަޑުކަމުގެ ރޭޓު ދަށްވާ ވާހަކައެއް ނޫނެވެ. ކަންމިހެން އޮތްއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، އެސިމްޓޮމެޓިކް ނުވަތަ ބޭރުފުށުން ބަލީގެ އަލާމާތްތައް އެއްވެސް ވަރަކަށް ނުފެންނަ މީހުންނަށް މި ޓެސްޓަކީ ކިހާ އިތުބާރު ހިފެނިވި ޓެސްޓެއްތޯ ކުރެވޭ ސުވާލެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ހިސާބެއްގެ ކާމިޔާބީއެއް ލިބިފައިވާ ގައުމުތަކުން އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު، ޓެސްޓު ކުރުމާ އެއްވަރަށް ކޮންޓެކްޓް ޓްރޭސިންގް ނުވަތަ އެކީ އެއްތާވި މީހުން ދެނެގަނެ، އެ ފަދަ ފަރާތްތައް އެކަހެރިކޮށް، ބައްޔަށް ޓެސްޓުކުރަމުން ދެއެވެ. ހަމަ މިއާއެކު، ޓެސްޓު ކުރުމަކީ، ގައުމީ ފެންވަރުގައި ސިއްހީ ސިޔާސަތުތައް އެކުލަވާލުމަށް ސަރުކާރުތަކަށް ކޮށާދެވޭ މަގެއްވެސްމެއެވެ.

ކުޅުން އަމިއްލައަށް ސާމްޕަލް ނަގައިގެން ކޮވިޑް-19އަށް ޓެސްޓު ކުރާ ކިޓެއް/ފޮޓޯ: އެންޖޭޓީވީ

ޓެސްޓު ކުރާ މިންވަރު އިތުރު ކުރަން އުނދަގޫވަނީ ކީއްވެ؟

ބަލިމަޑުކަމުގެ މައްޗަށް މާ ބޮޑު ކުރިއެރުމެއް ނުހޯދިގެން އުޅޭ ގައުމުތަކުން މިވަގުތު އެންމެ ބޮޑު ތަކުލީފެއް އުފަލަމުންދަނީ ޓެސްޓިންގް ކެޕޭސިޓީ ނުވަތަ ޓެސްޓުކޮށް ނަތީޖާ ނެރެވޭ މިންވަރު އިތުރުކުރުމަށެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކުންވެސް މި ތަކުލީފު އުފުލައެވެ.

ޓެސްޓިންގް ކެޕޭސިޓީ އެތައް ގުނައެއް އިތުރުކުރާނެ ކަމަށް ބުނެ ވާ ވައުދަކުން ނުފުދެއެވެ. އެހެނީ، އެއީ އަމަލީ ގޮތުން ތަންފީޒު ކުރަންވެސް ތަކުލީފު ބޮޑު ކަމަކަށްވުމެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރުމަކީ ވަކި މަރުހަލާތަކަކަށް ބަހާލެވިފައިވާ ކަމެކެވެ. ފުރަތަމަ ކަމަކީ ޓެސްޓު ކުރަން ބޭނުންވާ ކިޓްތައް ހޯދުމެވެ. ދިގު ކަންފަތު ބުރެއް ޒާތުގެ އާލާތާ، މި ސާމްޕަލް ޕްރޮސެސް ކުރަން ބޭނުންވާ ކެމިކަލް ހޯދުމެވެ. ސާމްޕަލް ނެގުމަށްފަހު ދެން ފޮނުވާނީ އެކަމަށް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ، ވަކި ފެންވަރެއްގެ ލެބޯޓްރީއަކަށެވެ. ޕީސީއާރް މެޝިން ބޭނުންކޮށްގެން މި ސާމްޕަލްތައް ތަހުލީލު ކުރަމުންދާނީ، ކަމާބެހޭ އެންމެ ފުންނާބު އުސް ތަޖުރިބާކާރުންނެވެ. މިއީ މަސައްކަތުގެ ގޮތުން ބަލާއިރު، ބުރަކަމެކެވެ. ދެން އޮންނާޏީ ސާމްޕަލްގެ ނަތީޖާ ބަލައިގަތުމާ، އެ ސާމްޕަލްއެއްގެ ވެރި ފަރާތަށް އެ ނަތީޖާ ރައްދު ކޮށްދިނުމެވެ. މިއީވެސް ފަސޭހަ ކަމެއް ނޫނެވެ.

ޗައިނާގައި ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ލެބެއްގެ ތެރޭގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެފްޕީ

ޓެސްޓުކުރާ މެޝިންތަކެއް ހުރެގެން ފުދޭކަށް ނެތެވެ. ނަތީޖާ ވަޒަން ކުރުމާ، ނަތީޖާ ފޯރުކޮށްދިނުމާ ގުޅޭ އިދާރާ މައްސައްކަތްތައްވެސް ބުރައެވެ.

ވިލާތާ އެމެރިކާއާށް ބަލާއިރުވެސް ޓެސްޓު ކުރުމަށް އެކަށީގެންވާ ސަޕްލައި ލިބުމުގައި ދަތިތައް އެބަހުއްޓެވެ. އެއީ ހަމައެކަނި ރޯ މެޓީރިއަލް ނުލިބުމެއް ނޫނެވެ. ލިބޭ ވަސީލަތްތައް (ކެމިކަލްތައް) އެކަމަށް އެކަށީގެންވާ ރަނގަޅު ރޭޓުގައި އެއްކޮށް ހެދުމަކީވެސް ކުޑަ ކަމެއް ނޫނެވެ. ޓެސްޓުކުރާ އެކި ބްރޭންޑްތަކުގެ ކިޓްތައް ހުންނައިރު، މިއިން ކޮންމެ ބްރޭންޑަކަށް ކެމިކަލް ބޭނުންވަނީވެސް އެކި މިންވަރަށެވެ. ޓެސްޓު ކިޓް އުފެއްދުމަކީވެސް، މި ބައްޔަށް ފަރުވާއެއް ހޯދުންހާ އުނދަގޫ ކަމެކެވެ.

ގައުމުތަކުގެ އެކި ހިސާބުތަކުގައި ގިނަ ލެބޯޓްރީތަކެއް އޮޕަރޭޓްކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް، ކޮވިޑް-19އަށް ޓެސްޓުކޮށް، ސާބިތު ނަތީޖާ ނެރުމަށް ބޭނުންވަނީ ވަކި ފެންވަރެއްގެ ލެބޯޓްރީއެކެވެ. ނިސްބަތުން ބަލާއިރު، މި ފަދަ ލެބޯޓްރީތަކުގެ އަދަދު އިންތިހާއަށް މަދެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ސިއްހީ ދާއިރާގައި ބަލިތަކަށް ޓެސްޓު ކުރާ އުސޫލަށް ބަލާއިރު، ޓެސްޓު ކުރަން ފަސޭހަ ވާ ވަރަކަށް، އެ ފަދަ ކިޓެއް އުފައްދަން ދަތިވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު އުފެއްދި ޓެސްޓު ކިޓްތަކަކީ ތައްޔާރު ކުރަން ފަސޭހަ ކިޓްތަކެއް ކަމަށް ބުނެއެވެ. ނަމަވެސް، ނަތީޖާ ނެރުމަށް ހާއްސަ ތަޖުރިބާކާރުންގެ ޓީމެއް ބޭނުންވެއެވެ. މި ފަދަ ކިޓްތަކުން ސާމްޕަލް ނަގާއިރު ތަޖުރިބާކާރުންގެ އަތުގައި 2 ގަޑިއިރެއްހާއި ސާމްޕަލްގެ އެކި މަސައްކަތް ކުރެއެވެ. އަދި މެޝިނުގައި 2 ގަޑިއިރެއްހާއިރު ހޭދަވެއެވެ.

ޕްރީ-ޓެސްޓް މަރުހަލާ

މިއީ ނޭފަތުގެ އެންމެ އެތެރެއިން ނަގާ ސާމްޕަލްއެވެ. މި ސާމްޕަލް ނަގަނީ އާދަޔާ ހިލާފަށް ދިގު ކޮށް އޮންނަ ކޮޓަން ބަޑް (ކަންފަތު ބުރު) ޒާތުގެ އެއްޗަކުންނެވެ. ކޮޓަން ބަޑްއަކާ ހިލާފަށް މި ސްވޮބްގެ ދަނޑިކޮޅަކީ ވަރަށް މަޑު އެއްޗެކެވެ. ނޭފަތުން ލައްވާ ގޮތަށް ކަންފަތާ ހިސާބަށްވެސް ފޯރުވޭނެއެވެ. މި ސްވޮބްގެ ކޮޅުގައިވަނީ ކަފަކޮޅެއް ނޫންކަންވެސް ފާހަގަކުރަންޖެހެއެވެ. އެއީ ނައިލޯން ނުވަތަ ޒާތެއްގެ ފުޅިމަދުކޮޅެކެވެ. މިއަދު މިފަދަ ސްވޮބް ހޯދުމަކީވެސް ދަތިކަމެކެވެ.

ޗައިނާގެ ސިއްހީ އޮފިޝަލުންތަކެއް ކޮވިޑް-19 ޓެސްޓް ސްވެބްއެއް ހިފައިގެން/ފޮޓޯ: ގެޓީ އިމޭޖަޒް

ނަތީޖާއެއްގެ ގޮތުން މި ސްވޮބްގެ 'ގަދަރު' ވަނީ އުފުލިފައެވެ. މިއާއެކު ބައެއް ވިޔަފާރިވެރިންވަނީ، ތްރީޑީ ޕްރިންޓިންގްގެ އެހީގައި މި ސްވޮބް އުފައްދަން މަސައްކަތް ފަށާފައެވެ. ނަމަވެސް މިއީ މުޅިން އާ ޓެކްނޮލޮޖީއެއް ކަމާއެކު، މިކަމުގައިވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. މިކަމުގައި ކާމިޔާބު ވާ ފަރާތެއް ނަމަ ބާޒާރަށް ސްޓޮކް ނެރެވެނީވެސް 10 ގުނަ އަގު ބޮޑުކޮށެވެ.

މި ސްވޮބްކޮޅު ލެބޯޓްރީއަށް ހަމައަށް ދިއުމާއެކު ތަހުލީލު ކުރުމުގެ މަސައްކަތް ފަށައެވެ. މި ސްވޮބްތައް އަތުރާލަނީ ބިއްލޫރި ފޮއްޓެއް ޒާތު، ހާއްސަ އެއްޗެއްގެ ތެރޭގައެވެ. މި ފޮށިގަނޑު ތެރޭގައި ދައުރުވާ ވައިވެސް ހުންނާނީ ކޮންޓްރޯލް ކުރެވިފައެވެ. މިއީ ނުރައްކާތެރި މަރުހަލާއެކެވެ. އެހެނީ މިފަދަ މަސައްކަތްތަކަކީ، ވައިގެ ތެރެއަށް ތިކިތައް ބުރައިގެންދާ ފަދަ މަސައްކަތްތަކަށް ވާކަމެވެ. ބުރައިގެންދާ އެންމެ ތިއްކެއްގައިވެސް އެތައް މިލިއަން ވައިރަހެއް އުޅެދާނެއެވެ. ޓެކްނޮލޮޖިސްޓަށްވެސް އެކަމުގެ އަސަރުކޮށްފާނެއެވެ. އަދި މުޅި ލެބްވެސް ތަޣައްޔަރުވެދާނެއެވެ. ނުވިތާކަށް، އެހެން ސާމްޕަލްއަކަށްވެސް ފޯރާ ގޮތް ވެދާނެއެވެ. ނަތީޖާއަކަށްވާނީ، ހަގީގަތުގައި ބަލި ނެތް މީހާވެސް ޕޮޒިޓިވް ކަމަށް ދައްކާ ގޮތް ވުމެވެ.

ކޮވިޑަށް ޓެސްޓް ކޮށްފައިވާ ސާމްޕަލެއްގެ ޕޮޒީޓިވް ނަތީޖާ / ފޮޓޯ: ސޯޝަލް މީޑިއާ

މިއީ މޮޅު ކޭމެއް ކެއްކުން ކަހަލަ ކަމެއް ނޫނެވެ. ބައެއް ފަހަރު ރިހަ ތެއްޔަށް އިތުރަށް ވައްޓާލެވޭ އެންމެ ކާފޫރު ތޮޅިއަކުން ރިހައިގެ ރަހަގަނޑު ހެޔޮ ވަރުވި ނަމަވެސް، ލެބެއްގައި މި ގޮތަށް ފޯރާ ތިއްކެއްގެ ސަބަބުން ބަދަލުވެގެންދާ ނަތީޖާއަކީ އިންސާނެއްގެ ދިރިހުރުމާ މަރާ ގުޅިފައިވާ ހައްސާސީ ކަމެކެވެ. މިފަދަ ލޮޅުމެއް ނާރުވާ ލެބުގައި މަސައްކަތް ކުރެވޭ ފެންވަރަށް ތަމްރީނުވެފައިވަނީ ކޮންމެ ގައުމެއްގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް މަދު ޓެކްނޮލިޖިސްޓުން ކޮޅެކެވެ.

ޓެސްޓު ކުރުމުގެ މަރުހަލާ

ޓެސްޓު ކުރުމުގެ މަރުހަލާ ބެހެނީ 2 ބަޔަކަށެވެ. ފުރަތަމަ މަރުހަލާއަކީ ސްވޮބްގައި ހަރުލާފައިވާ ދަވަކޮޅުން ވައިރަސް ހުރިތޯ ބަލާ އެ ވަކިކޮށްލުމެވެ. ދެވަނަ މަރުހަލާއަކީ ވައިރަސް ދެނެގަތުމެވެ. މިސާމްޕަލްތައް ދެން ލަނީ ޓިއުބްތަކަކަށެވެ. އަދި ހާއްސަ އާލާތެއްގެ އެހީގައި ކެމިކަލް ބޭނުންކޮށްގެން ވައިރަހުގެ ކޯޓު ހުޅުވާލައެވެ. އަދި ވައިރަހުގެ (އާރްއެންއޭ) ޖެނެޓިކް ސްޓްރޭންޑް ވަކިކޮށްލައެވެ.

އެމެރިކާގެ ވޮލަންޓިއަރަކު ޑްރައިވް-ތްރޫއެއް ހުރަސްކުރާ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތުގަ/ފޮޓޯ: މާރިއޯ ޓޭމާ

މިއަށްފަހު ކުދިކުދި ވަޅުކޮޅެއްތަކެއް ޒާތު އެއްޗެއް ހުންނަ ޑިސްކްއަކަށް އާރްއެންއޭ ބަދަލުކުރެއެވެ. މިއީ ކޮވިޑް-19ގެ ވައިރަލް ޖެނޯމް 'ހަންޓު' ކުރާ އެއްޗިއްސެވެ. ދެން މި ޑިސްކްތައް ލަނީ މެޝިނަކަށެވެ. މިއީވެސް ކެމިކަލް އެހޯގައި ހިނގާ މަރުހަލާއެކެވެ. އެ ސާމްޕަލްއަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ސާމްޕަލްއެއް ނަމަ ފްލޯރިސަންޓް ޒާތަކަށް ވައިރަހުގެ ޖެނޯމްތައް ދިއްލާލައެވެ. ސާމްޕަލްގައި ވައިރަސް ނެތްނަމަ މި މަރުހަލާގައި އެއްވެސް ކަމެއް ނުވާނެއެވެ. މިއަށްފަހު ޓެކްނޮލޮޖިސްޓްގެ ޒިންމާއަކަށްވަނީ ޕޮޒިޓިވްއާއި ނެގެޓިވް ނަތީޖާ ކަށަވަރުކޮށް، ކޮމްޕިއުޓަރުގައި މައުލޫމާތު ރައްކާ ކުރުމެވެ.

ސައްހަކަން ކަށަވަރުކުރުން

ޓެސްޓު ނުކުރެވުމާ އެއްވަރުގެ އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ، ނުބައިކޮށް ޓެސްޓު ކުރެވުމެވެ. އެ ލެބެއްގައި ހަދާ ޓެސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް އެންމެ މަދުވެގެން 6 ވަރަކަށް ހަފުތާގެ ތަހުލީލުތަކެއް ކުރިއަށް ގެންދަންޖެހެއެވެ. ނަމަވެސް ޓެކްނޮލޮޖިސްޓުންގެ މަސައްކަތް ދެގުނަ ހަލުވިކޮށްފައިވާކަން ފާހަގަކުރަންޖެހެއެވެ.

ޔޫއޭއީގެ ލެބެއްގައި ލޭގެ ސާމްޕަލްއެއް ހިފައިގެން ސިއްހީ އޮފިޝަލަކު ހަރަކާތްތެރިވަނީ/ފޮޓޯ: ދަ ނޭޝަނަލް

ކަންމިހެން އޮތްއިރު، މަސްރަހު ނުތަނަވަސްވެގެންދާ ކަމަކީ، ބަލި ހުރި މީހަކުވެސް ނެގެޓިވް ކަމަށް ދެއްކުމެވެ. އެމީހަކީ ވައިރަސް ހުރި މީހަކަށްވެފައި، ސްވޮބްގައި ވައިރަސް ހަރުލާފައި ނުވަނީ، ބަލިޖެހިފައި ހުރިތާ ގިނަ ދުވަސްވުމުން ނޭވާލާ ނިޒާމުގެ އެއަށްވުރެވެސް އެތެރެއަށް (މިސާލަކަށް ފުއްޕާމެއާ ހިސާބަށް) ވައިރަސް ގޮސްފައި ހުރުމުން ކަމަށް ވެދާނެއެވެ. މިފަދަ ހާލެއްގައި ނޭފަތާ ހިސާބުން ވައިރަހުގެ ސާމްޕަލްއެއް ނުލިބޭނެއެވެ. ނުވަތަ ނަގަންވީ އެންމެ ފުރިހަމަ ގޮތް ނޫން އެހެން ގޮތަކުން ސާމްޕަލް ނެގިގެންވެސް މިފަދަ ކަމެއް ހިނގާފާނެއެވެ.

ދެން އޮތީ ލޭ ނަގައިގެން ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ވާހަކައެވެ. މިއީ އެންޓިބޮޑީ ޓެސްޓެކެވެ. މިއީ ފާއިތުވީ ތަނުގައި އެމީހެއްގެ ހަށިގަނޑުގައި ވައިރަހުގެ އަސަރު ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. އަދި ދިފާއީ ސެލްތަކެއް އުފައްދާ، އެ ބަލިން ރަނގަޅުވި ތޯވެސް މި ފަދަ ޓެސްޓުގެ ޒަރިއްޔާއިން ބެލިދާނެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ސާމްޕަލްއެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ނިއުސް ބްރިގް

ނަމަވެސް އެންޓިބޮޑީ ޓެސްޓްއެއް އެންމެ ފުރިހަމަ ގޮތުގައި ހެދުމަކީވެސް މާ ފަސޭހަ ކަމެއް ނޫނެވެ. އެހެނީ ބައެއް މީހުންނަކީ އެންޓިބޮޑީ އުފެއްދުމަކާ ނުލާވެސް ބަލިން ރަނގަޅުވާ މީހުންނަށް ވާ ކަމެވެ. އަދި އެމީހަކަށް ދެވަނަ ފަހަރަށް ބައްޔަށް ހުށަހެޅި ޕޮޒިޓިވްވެދާނެ މީހެއްކަން ނުވަތަ ނޫންކަންވެސް ކަށަވަރު ކުރަން ދަތިވެއެވެ.

ކޮވިޑް19ގެ ސާމްޕަލް ނަގަން ދިރާގުން ހެލްތު މިނިސްޓްރީއަށް ހަދިޔާކުރި ކިއޯސްކެއް / ފޮޓޯ: ދިރާގު

ވީއިރު މިކަމުގައި އޮތީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ސަމާލުވެ، އެކަމަށް އަމަލުކުރުމެވެ. އާ ވައިރަހެއް އުފެދުމާއެކު، އެ ވައިރަހަށް ޓެސްޓު ކުރާނެ ކިޓްތައް އުފައްދާ، ފުޅާ ދާއިރާއެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

މިއަދު ކޮވިޑް-19އަށް ޓެސްޓުކޮށް ނަތީޖާ ނެރުމުގައި ބަރޯސާވަމުން މިދަނީ ފަހަރުގައި ދުވަހަކުވެސް ހަމަލޮލުން ދެކި ބައްދަލުވެސް ނުވެދާނެ، ހިދުމަތްތެރި ލެބް ޓެކްނޮލޮޖިސްޓުން ކުރަމުންދާ ބުރަ މަސައްކަތުގެ މައްޗަށެވެ.